މާލީ ހިސާބު ފޮތުން | ރިކަރަންޓު ހަރަދު ކުޑަކޮށް ބަޖެޓު ޑެފިސިޓު %59 ދަށަށް

ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓުގެ ޖުމްލަ ޑެފިސިޓު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއިން ކުޑަކުރެވިފައިވެ އެވެ. އެއީ 59 އިންސައްތައިގެ ދަށްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވީއައިއޭގައި

ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން ފާއިތުވި މަސްތަކުގައި ކުރި މަސައްކަތްތަކާއެކު ރިކަރަންޓު ހަރަދު ވަރަށް ބޮޑަށް ދަށްކުރެވި، ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ދައުލަތުން ހަރަދުކުރި މިންވަރު ކުޑަ ކުރެވުނުކަން ފިނޭންސް މިނިސްޓަރީގެ މާލީ ހިސާބު ތަކުން ދައްކައިފި އެވެ. 

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓަރީން އާންމު ކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު، ހިނގަމުން މިދާ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދު ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާ އެވެ. މިދިއަ އަހަރުގެ އެ މުއްދަތުގައި 22.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އެހެން ކަމުން ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ޖުމްލަ ހަރަދު ވަނީ 4.4 ބިލިއަން ރުފިޔާ އިން ކުޑަ ކުރެވިފަ އެވެ. 

މީގެ ކުރިން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ރިކަރަންޓު ހަރަދުތައް ފާއިތުވި އަހަރަށްވުރެ ބޮޑުކޮށް ހުރި ނަމަ ވެސް މިހާރު ރިކަރަންޓު ހަރަދުތައް ވެސް މިދިއަ އަހަރަށްވުރެ ކުޑަކޮށްފައިވާކަން މާލީ ހިސާބު ތަކުން ދައްކަ އެވެ. އެގޮތުން މި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރިކަރަންޓު ހަރަދުތަކަށް ހޭދަވެފައިވަނީ 14.2 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރު ރިކަރަންޓު ހަރަދުތަކަށް 15.2 ބިލިއަން ރުފިޔާ ހޭދަ ކުރި އެވެ. 

މި ހިސާބު ތަކަށް ބަލާއިރު މި އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަކުރި މިންވަރު 1.1 ބިލިއަން ރުފިޔާއިން ކުޑަކުރެވިފައިވެ އެވެ. 

މިދިއަ އަހަރާ އަޅާބަލާއިރު ރިކަރަންޓު ހަރަދުތައް 7.2 އިންސައްތައިން ދަށް ކުރެވިފައިވާކަން ފިނޭންސް މިނިސްޓަރީގެ ހިސާބުތަކުން ދައްކާއިރު، މުސާރަ އާއި އިނާޔަތްތަކަށާއި އިދާރީ ހިންގުމަށް ކުރާ ހަރަދުތައް ވެސް ކުޑަކުރެވިފައި ވެއެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ 376 މިލިއަނެއްހާ ރުފިޔާ ކުޑަ އެވެ. އަދި އިދާރީ ހިންގުމުގެ ހަރަދުތަކަށް ކުރި ހޭދަ 600 އެއްހާ މިލިއަން ކުޑަކުރެވިފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. 

ފިނޭންސް މިިނިސްޓަރު ޑރ. މުހައްމަދު ޝަފީގް

ރިކަރަންޓު ހަރަދުތަކުގެ އިތުރަށް ކެޕިޓަލް ހަރަދުތައް ވެސް ފާއިތުވި އަހަރަށްވުރެ ކުޑަ ކުރެވިފައި ވެއެވެ. އެގޮތުން ފާއިތުވި އަހަރު ކެޕިޓަލް ހަރަދުތަކަށް 6.9 ބިލިއަން ރުފިޔާ ހޭދަ ކުރިއިރު މި އަހަރު ކެޕިޓަލް ހަރަދުތަކަށް ހޭދަވެފައި ވަނީ 3.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން 2023 އާ އަޅާބަލާއިރު މި އަހަރު ރިކަރަންޓު ހަރަދުތައް 3.3 ބިލިއަނެއްހައި ރުފިޔާއިން ކުޑަ އެވެ. އެއީ 47 އިންސައްތައިގެ ދަށްވުމެކެވެ. 

އޭގެ އިތުރަށް ބަޖެޓު ފައިނޭންސް ކުރާށާއި ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓު އަދާ ކުރަން ކުރި ހަރަދުތައް ވެސް ކުޑަކުރެވިފައި ވެއެވެ. ފާއިތުވި އަހަރު މި ދާއިރައިން 2.1 ބިލިއަން ރުފިޔަ ހަރަދުވެފައިވާއިރު މި އަހަރު ހޭދަކުރީ 1.6 ބިލިއަން ރުފިޔާ އެވެ. 

ސަބްސިޑީއާއި އާސަންދައިގެ ހަރަދު ކުޑަ

މިދިއަ އަހަރު ރިކަރަންޓު ހަރަދުތައް އާމްދަނީއަށްވުރެ އިތުރުވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ އާސަންދަ އާއި ސަބްސިޑީތަކަށް ކުރި ހަރަދު ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ އިތުރު ވުމެވެ. މި އަހަރުގެ މިހާތަނަށް އެ ހަރަދުތައް ވެސް ހުރީ ފާއިތުވި އަހަރަށްވުރެ ކުޑަވެފަ އެވެ. 

ފާއިތުވި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު މި އަހަރުގެ އެ މުއްދަތުގައި ހިނގާފައިވާ ހަރަދަކީ 917 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރަށް ސަބްސިޑީއަށް ހަރަދުކުރި މިންވަރުވެސް ވަނީ ކުޑަކޮށްފަ އެވެ. ނިންމާލި 2023 ގައި ސަބްސިޑީތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކުރިއިރު މި އަހަރު އަދި ހޭދަކުރީ 1.7 ބިލިއަން ރުފިޔާ އެވެ. 

އާސަންދަ އާއި ސަަބްސިޑީތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމުން 290 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. 

ފިނޭންސް މިިނިސްޓަރު ޑރ. މުހައްމަދު ޝަފީގް

ޓެކުހުގެ އާމްދަނީ މައްޗަށް، ޖުމްލަ އާމްދަނީ ދަށް

ފިނޭންސް މިނިސްޓަރީގެ ހިސާބު ފޮތް ކިޔައިދޭ ގޮތުން ފާއިތުވި އަހަރަށްވުރެ މި އަހަރު ޖުމްލަ އާމްދަނީ ވަނީ ދަށްވެފަ އެވެ. ނަމަވެސް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިއަ އަހަރަށްވުރެ މަތިވެފައިވާ ކަމަށް ދައްކަަ އެވެ. 

މި އަހަރު ޖޫން 20 ވަނަ ދުވަހާ ހަމައަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 12.4 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރު ލިބުނީ 11.8 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ކުރީ އަހަރަށްވުރެ އިތުރަށް 632 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

ޓެކުހުގެ އާމްދަނީ އިތުރުވި ނަމަވެސް ޖުމްލަކޮށް ދައުލަތުގެ އާމްދަނީ ނިމުނު އަހަރަށްވުރެ ދަށްވެފައި ވަނީ ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ. އެގޮތުން ޓެކުސް ނޫން ގޮތްގޮތުން ފާއިތުވި އަހަރު 4.2 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބުނީ 2.8 ބިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެއީ32 ޕަސެންޓެގެ ދަށް ވުމެކެވެ. 

މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ އެވެ. ނިމުނު އަހަރު 16.4 ބިލިއަން ރުފިޔާ ލިބުނެވެ. އެހެން ކަމުން ނިމުނު އަހަރަށްވުރެ މި އަހަރު ލިބުނު އާމްދަނީ 900 މިލިއަނެއްހައި ރުފިޔާ ދަށްވެފައިވެ އެވެ. 

ބަޖެޓުގެ ދަރަނި ބޮޑުތަނުން ކުޑަވުން

އާމްދަނީ ދަށްވި ނަމަވެސް ހަރަދުތައް ކުޑަކުރެވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު ވަނީ ވަރަށް ބޮޑަށް ކުޑަ ކުރެވިފަ އެވެ. 

އެގޮތުން ބަޖެޓު ފައިނޭންސް ކުރުމަށާއި ލޯނުތަކުގެ އިންޓަރެސްޓް އަދާ ކުރަން ހިނގި ހޭދަ ހަރަދުން އުނިކުރުމަށް ފަހު ހަރަދުތަކާއި އާމްދަނީގެ ފަރަގު ހިސާބު ކުރުމުން އާމްދަނީއަށްވުރެ އިތުރަށް ހޭދަވެފައި ވަނީ 663.4 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރު ފައިނޭންސިން އަދި އިންޓަރެސްޓު ހަރަދުތައް ނުހިމަނައި އާމްދަނީއަށްވުރެ އިތުރަށް 3.7 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. 

އެހެންކަމުން ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓު ނުވަތަ ފައިނޭންސިން އަދި އިންޓަރެސްޓު ހަރަދުތައް ނުހިމަނައި އާމްދަނީއަށްވުރެ އިތުރަށް ކުރި ހަރަދުތައް މި އަހަރު ގާތްގަނޑަކަށް 83 އިންސައްތައިން ދަށް ކުރެވިފައި ވެއެވެ. 

ފައިނޭންސިން އަދި އިންޓަރެސްޓުގެ ހަރަދުތައް ވެސް ހިމަނައިގެން އާމްދަނީއަށްވުރެ އިތުރަށް މި އަހަރު ހަރަދުވީ 2.3 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 5.8 ބިލިއަން ރުފިޔާ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރި އެވެ. އެއީ ޖުމްލަ ބަޖެޓު ޑެފިސިޓެވެ. 

ހިސާބުތައް މިހެން ހުރުމުން މި އަހަރުގެ މިހާތަނަށް ބަޖެޓުގެ ޖުމްލަ ޑެފިސިޓް ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއިން ކުޑަ ކުރެވިފައި ވެއެވެ. އެއީ 59 އިންސައްތައިގެ ދަށްވުމެކެވެ. 

އަމާޒު ހަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރަން - އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައިވަނީ ވިއްސަކަށް އިސްލާހީ ނުކުތާގެ މައްޗަށް އެކުލެވޭ މާލީ އިސްލާހީ އެޖެންޑާއެއް ހިންގާށެވެ. އެ އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދަރަނި އަދާ ކުރުމަށް ބޭނުންވާ ފިސްކަލް ޖާގަ ތަނަވަސް ކުރުމާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މާލީ އިސްލާހީ އެޖެންޑާތައް އެކުލަވައިލި ނަމަވެސް ތަންފީޒު ކޮށްފައި ވަނީ ހަމައެކަނި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެކަށައެޅި ސިޔާސަތުތަކެވެ. ހަރަދުތައް ކުޑަ ކުރުމުގެ ސިޔާސަތު އޮތީ ތަންފީޒު ނުކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.