ކުރީ ސަރުކާރުގައި ކުންފުނިތައް ހިންގެވި ވެރިންގެ ތެރެއިން ހިޔާނާތްތެރިވީ އެންމެން މަޖިލީހަށް ހާޒިރުކޮށް ތަހުގީގު ކުރައްވާނެ ކަމަށާއި، އެއްވެސް ހިޔާނާތްތެރިއަކަށް ފިލައިގެން ނުދެވޭނެ ކަމަށް ޝުޖާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތްތަކާއި ހިޔާނާތްތެރިވީ މީހުންގެ މައްސަލަތައް ބައްލަވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ކުއްލި މައްސަލައަކީ ކުރީ ސަރުކާރުގައި ފެނަކަ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގޮވައިލާ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން ޝުޖާ ވިދާޅުވީ 2022 ވަނަ އަހަރު ފެށިގެން ވެރިކަން ނިމުމާ ހަމައަށް ފެނަކައިން 7،000 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެގޮތަށް ވަޒީފާ ދިންއިރު އިންޖީނުގެތައް އަޅައި ނުނިމެނީސް އިންޖީނުގެތަކަށް ބޭނުންވާ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނަގާފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޖީނުގެތައް ފައުންޑޭޝަން ކޮންނަ ހިސާބުން، އެ އިންޖީނުގެއަށް ބޭނުންވާ މަގާމުތަކަށް މީހުން ލާފައި އެބަހުރި،" ޝުޖާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ފެނަކައިން އުފައްދާފައިވަނީ 1،620 ވަޒީފާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ވަގުތީ ގޮތުން ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދިން 1،780 މީހެއްގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ވަޒީފާާއިން ވަކިވެފައިވާ ކަމަށްވެސް ޝުޖާ ވިދާޅުވި އެވެ.
ޝުޖާ އިތުރަށް ފާހަގަކުރެއްވީ ކުރީގެ ވެރިކަމުގައި ފެނަކައިގެ ސީއެސްއާރްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ރަށްރަށުގައި އަޅައިދީފައިވާ ކަމަށެވެ. އަދި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް ފެނަކައިން ރާއްޖޭގެ ހުރިހާ ރަށަކަށް ޓީވީ ފޯރުކޮށްދިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހުރިހާ ކަމެއް ކުންފުނިން ހިންގާފައިވަނިކޮށް އައު ސަރުކާރު ވެރިކަމާ ހަވާލުވެ ކުންފުނީގެ ހާލަަތު ބަލައިލިއިރު އެ ކުންފުނި އޮތީ ހަތަރު ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ ދަރަނި އިންތިހާއަށް އިތުރުވެ، ކުންފުނީގެ ތެރެއިން ބޮޑެތި ކޮރަޕްޝަން ހިންގަމުންދިޔައިރު އެއިރުގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދަށް ބައިނަލްއަގުވާމީ އެވޯޑުތައް ލިބިފައިހުރިކަން ފާހަގަ ކުރައްވަމުން ޝުޖާ ވިދާޅުވީ، އެވޯޑުތައްވެސް ގަތީ ކަމަށެވެ.
"ހަތަރު ބިލިއަން ރުފިޔާއިން ކުންފުނި ދަރުވާލާފައި އޮތްއިރު މީނަަ [ސައީދު] އަށް އެބަލިބޭ ބައިނަލްއަގުވާމީ އެވޯޑުތައް. މިއީ އަޖައިބެއްނު؟ ބަލައިލިއިރު އެވޯޑު ގަނެލާފައި އޮތީ. މި މައްސަލަ ބަލާނަން. ބަލަންޖެހޭ،" ޝުޖާ ވިދާޅުވި އެވެ.
ފެނަކައާއި ދައުލަތުގެ އެހެނިހެން ކުންފުނިތަކުގެ ތެރެއިން ހިންގާފައިވާ ހިޔާނާތްތަކުގެ މައްސަލަތައް ބަލައި އެ ފެރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޝުޖާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވީ އެއްވެސް މީހަކަށް ފިލައިގެން ނުދެވޭނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"ބަލާނަން. މިފެއްޓީ ބަލަން މަސައްކަތް. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައި ތިބި ކުންފުނިތަކެއް ހިންގި ހުރިހާ އެންމެން [މަޖިލީހަށް] ހާޒިރުކުރާނަަން. އެއްވެސް މީހަކު ހީކޮށްގެން ނުވާނެ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެގެން ފިލައިގެން ދެވިދާނެ ކަމަށް. އެކަކަށްވެސް ފިލައިގެން ނުދެވޭނެ،"
ޝުޖާ ވިދާޅުވި ގޮތުގައި ފެނަކައިގެ ކުރީގެ ވެރިން މަޖިލީހަށް ހާޒިރުކޮށް އެ ފަރާތްތަކާ ސުވާލުކޮށް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ޕީއެންސީން ކުރިއަށް އޮތް ތަނުގައި ބާރު ދުވެލީގައި ކުރަމުންދާނެ އެވެ.