ގާނޫނީ ފިޔަވަޅުތައް އަޅައިގެން މީރާއަށް 3.9 ބިލިއަން ރުފިޔާ ލިބުނު

285 ފަރާތެއްގެ އެކައުންޓުތައް ފުރީޒުކޮށްގެން 90 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއިން ހޯދި އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާގެ ނަމް ބޯޑް: އައިއެމްއެފުން ވަނީ ޓެކްހާ ގުޅޭ ރިޕޯޓެއް ނެރެފައި

ޓެކުސް ގާނޫނުގެ ދަށުން ތަންފީޒީ ފިޔަވަޅުތައް އަޅައިގެން ފާއިތުވި 2023 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް 3.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. 

ފާއިތުވި 2023 ވަނަ އަހަރުގެ މީރާގެ އަހަރީ ރިޕޯޓުގައި ފާހަގަކުރި ގޮތުން ގާނޫނު ތަންފީޒުކުރުމުގެ ފިޔަވަޅުތައް އަޅައިގެން މީރާއަށް 3.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ ނުދައްކައި ހުރި ފައިސާގެ މަތިން ހަނދާންކޮށްދީ ނޯޓިސް ފޮނުވައިގެންނެވެ. 

މީރާގެ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު ފައިސާ ނުދައްކައިގެން 10،013 ފަރާތަކަށް ނޯޓިސް ފޮނުވި އެވެ. އެ ފަރާތްތަކަށް ނޯޓިސް ފޮނުވުމުން ޖުމްލަ 2.1 ބިލިއަން ރުފިޔާ އެ ފަރާތްތަކުން ދައްކާފައިވެ އެވެ. 

އޭގެ އިތުރަށް މީރާއަށް ދައްކަންޖެހޭ ފައިސާ ދައްކަން ހަނދާންކޮށްދިނުމަށް އެ އިދާރާއިން ގުޅައި އީމެއިލް ފޮނުވައިގެން 3 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ދައްކަންޖެހޭ ފައިސާގެ ޑިއުސް ކްލިއަރޭންސް ހަދައިގެން 1.4 ބިލިއަން ރުފިޔާ އެ އިދާރާއަށް ލިބުނެވެ. 

މީރާގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެ އިދާރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 473 ފަރާތެއްގެ ނަން އާންމުކޮށްގެން 259.4 މިލިއަން ރުފިޔާ އެ އިދާރާއިން ހޯދާފައިވެ އެވެ. އަދި 285 ފަރާތެއްގެ އެކައުންޓުތައް ފުރީޒުކޮށްގެން 90 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއިން ހޯދި އެވެ. 

އޭގެ އިތުރަށް 20 ފަރާތަކާމެދު ގާނީނީ ފިޔަވަޅު އަޅާފައިވެ އެވެ. އެ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިގެން މީރާއިންވަނީ 335،429.45 ރުފިޔާ ހޯދާފަ އެވެ. 

ތަންފީޒީ ފިޔަވަޅުތައް އެޅުމުގެ އިތުރަށް މީރާއަށް ފައިސާ ދައްކަން ޖެހި ނުދައްކައި ހުރި ފަރާތްތަކަށް އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ފާއިތުވި އަހަރުވެސް މީރާއިންވަނީ ދީފަ އެވެ. އެގޮތުން 795 ފަރާތަކަށް ޖުމްލަ 1.9 ބިލިއަން ރުފިޔާ އިންސްޓޯލްމެންޓު އުސޫލުން ދައްކަން އެ އިދާރާއިން ފުރުސަަތު ދިނެވެ. 

އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދައްކަން މީރާއިން ފުރުސަތު ދީފައިވާ 3،123 ފަރާތަކުން ނިމުނު އަހަަރު 1.2 ބިލިއަން ރުފިޔާ އެ އުސޫލުގެ ތެރެއިން ދައްކާފައވާ ކަމަށް މީރާއިން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.