ސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރަށްވުރެ މި އަހަރު ޖުމްލަ ބަޖެޓުގެ ދަރަނި 51 އިންސައްތަ ދަށެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ ބަޖެޓު ދަރަނި 3 ބިލިއަނެއްހައި ރުފިޔާއިން ކުޑަވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ޖޫން 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގއި 17.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންކަމުން އާމްދަނީއަށް ލިބުނު މިންވަރަށްވުރެ އިތުރަށް 2.4 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެ މުއްދަތުގައި ޖުމްލަ 20.1 ބިލިއަން ރުފިޔާ ހަރަދުކުރުމުގެ ސަބަބުން ޖުމްލަ ބަޖެޓުގެ ދަރަންޏަށް 5 ބިލިއަން ރުފިޔާ އަރާފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ.
މި ހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރަށްވުރެ މި އަހަރު ޖުމްލަ ބަޖެޓުގެ ދަރަނި 51 އިންސައްތަ ދަށެވެ.
ޖުމްލަ ބަޖެޓުގެ ދަރަނީގެ އިތުރަށް ޕްރައިމަރީ ދަރަނި/ ޑެފިސިޓު ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. ޕްރައިމަރީ ދަރަންޏަކީ ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ފައިނޭންސް އަދި އިންޓްރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު އާމްދަނީއާއި ހަރަދުގެ ފަރަގެވެ.
ހަރަދުތަކުގެ ތެރެއިން އިންޓަރެސްޓާއި ފައިނޭންސްކުރަން ހޭދަވި 1.6 ބިލިއަން ރުފިޔާ އުނިކުރުމުން، އާމްދަނީއަށްވުރެ އިތުރަށް ހަރަދުވީ 720 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރު ޕްރައިމަރީ ޑެފިސިޓަކީ 2.9 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓު ޑެފިސިޓު އަހަރުން އަހަރަށް ބޮޑުވުމަކީ މާލީ ގޮތުން ދައުލަތަށް ކުރިމަތިވާ ހިރާސްތައް އިތުރުވާ ކަމެއްގެ ގޮތުގައި މާލީ އިދާރަތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޮޑިޓު އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހުރިހާ އަހަރެއްގައި ބަޖެޓުގައި ޑެފިސިޓު ހުންނާނެކަމަށް ލަފާކުރި މިންވަރަށްވުރެ އިތުރަށް ބަޖެޓު ޑެފިސިޓު ބޮޑުވެފައިވެ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ.
މިހާރު ޑެފިސިޓު ހިފަހައްޓަމުންދާ ރޭޓުގައި ޑެފިސިޓު ހިފަހެއްޓިއްޖެނަމަ އަހަރު ނިމޭއިރު ބަޖެޓުގައި ލަފާކުރި މިންވަރަށްވުރެ ޑެފިސިޓު ކުޑަވާނެ ކަމުގައި ބެލެވެ އެވެ.