ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް އެއް ބިލުގެ ގޮތުގައި ހުށަހަޅަނީ

ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާ އިސްލާހުތައް ހުށަހަޅާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު، އެއް ބިލުގެ ގޮތުގައި ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވި އެވެ.

ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: އޭޖީ އޮފީސް

ސަަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކުގެ ތެރެއިން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ގިނަ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނީ އެއް ބިލުގެ ގޮތުގަައިކަމަށް ސަރުކާރުން ބުނެފި އެވެ. 

ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބިލުތައް ހިމެނޭ ސަރުކާރުގެ ލެޖެސްލޭޓިވް އެޖެންޑާ އިއުލާނުކުރުމަށް މިއަދު ބަންޑާރަނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށް ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް  ގެންނަަންޖެހޭ ކަމަށެވެ. 

އެންމެ އިސްކަންދީގެން ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ދެ ބަދަލަކީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގެންނަންޖެހޭ އިސްލާހާއި، އާބާދީއަށް އަންނަ ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކަމުގައި އުޝާމު ފާހަގަކުރެއްވި އެވެ. 

އުޝާމު ވިދާޅުވި ގޮތުގައި އިތުރަށް ގެންނަންޖެހޭ ބަދަލުތަކަކީ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ފަރުމާކުރަންޖެހޭ ބަދަލުތަކެކެވެ. އަދި ސަރުކާރުގެ ފަރާތުން އެފަދަ އިސްލާހުތައް ހުށަހަޅާއިރު ދައުލަތުގެ އެހެނިހެން އިދާރާތަކުން ހުށަހަޅަން ބޭނުންވާނެ އިސްލާހުތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެ އިދާރާތަކާއެކު މަޝްވަރާކުރަންޖެހޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ވިސްނުން ހުރީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ހަމަ އެއް ފަހަރާ ހުށަހެޅުން، އެހެންވެގެން އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ބޭނުންވާ ބަދަލުތަކުގެ އިތުރުން އެހެން އިދާރާތަކުގެ ހިޔާލުން ފެންނަ ބަދަލުތައް ވެސް ހިމަނައިގެން ހުށަހަޅާ ވާހަކަ، ރަނގަޅު ކޮންސަލްޓެންޓިން ޕްރޮސެސްއަކަށް ފަހު ހުށަހެޅުން،" ބަންޑާރަނައިބު ވިދާޅުވި އެވެ. 

މަޖިލީހިގެ މި ދައުރުގައިވެސް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ދެ ބިލެއް މަޖިލީހަށް ހުށަހަަޅަން ސަރުކާރުންވަނީ ނިންމައި، މި ދައުރުގައި ހުށަހަޅާ 37 ބިލުގެ ލިސްޓުގައި ހިމަނާފަ އެވެ. ސަރުކާރުން ބުނި ގޮތުގައި އެއީ ޖޭއެސްސީ ބިލާއި މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހެއްޓުމުގެ ބިލެވެ. މިއަދު އުޝާމު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ބިލުތައް ފަރުމާކޮށް އެކުލަވައިލުމުގެ މަސައްކަތެވެ. 

މި ފަސް އަހަަރަށް އެކުލަަވައިލާ އާންމުކުރި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލެއް ހިމެނެ އެވެ. އޭގެ ތެރެއިން 78 ބިލަކީ މުޅިން އަލަށް ސަރުކާރުން ހުށަހަޅާ ބިލުތަކެވެ. ދެން ހުރީ އުވައިލަންޖެހޭ ގާނޫނުތައް އުވައިލަން ހުށަހަޅާ ބިލުތަކާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތައް އިސްލާހު ކުރުމަށް ހުށަހަޅާ ބިލުތަކެވެ. އަލަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި މާލީ ކަންކަމާއި އިދާރާއި އަދި ދުސްތޫރީ ކަންކަމާ ގުޅޭ ގިނަ ބިލުތަކެއް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.