ކައުންސިލު އިމާރާތް އަޅައިދޭނެ 50 ރަށް ކަނޑައަޅައިފި

އެންމެ ބޮޑަށް ބޭނުންވާ ރަށްތަކަށް އިސްކަންދީގެ ކައުންސިލު އިމާރާތް އެޅުމުގެ މަޝްރޫއެއް ހިންގަވާނެކަން ރައީސް ޑރ.މުއިއްޒު އިއުލާނުކުރެއްވީ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް
  •  ސަރުކާރުގެ އަމާޒަކީ 102 ރަށެއްގައި ކައުންސިލު އާ އިމާރާތް އެޅުން
  •  މި މަޝްރޫއުގެ ދަށުން 50 ރަށެއްގައި ކައުންސިލު އިމާރާތް އަޅާނެ
  •  ޕީއެސްއައިޕީގެ ދަށުން މިހާރުވެސް 55 ރަށެއްގައި ކައުންސިލު އިމާރާތް އަޅަމުންދޭ

އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދީގެން ކައުންސިލު އިމާރާތްތައް އެޅުމަށް ސަރުކާރުން ހިންގަން ނިންމާފަައިވާ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތް އަޅައިދޭނެ 50 ރަށް ސަރުކާރުން އިއުލާނުކޮށްފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އިމާރާތް ބާވެ ވީރާނާވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް 50 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމުގެ މަޝްރޫއެއް އެމަނިކުފާނު އިއުލާނުކުރެއްވި އެވެ. 

އެ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމަށް ކްރައިޓީރިއާތަކެއް ކަނޑައަޅައި އެ މަސައްކަތްކުރީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްރައިޓީރިއާތަކާއެކު އެ އިމާރާތް އެޅުމަށް އިހުތިޔާރުކުރި ރަށްރަށުގެ ލިސްޓު ހާމަކޮށްފައިވެ އެވެ. 

މިނިސްޓްރީން ރަށްތައް ކަނޑައެޅުމުގައި ބެލި މިންގަނޑަކީ ކައުންސިލުތަކުގެ އިމާރާތް މިހާރު ހުރި ހާލަތަށް ބެލުމާއެކު، އެ ތަނުގެ ޖާގައާއި ކައުންސިލުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މިންވަރު ކަމަަށް މިނިސްޓަރީން ބުންޏެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި ރަށްތައް އިހުތިޔާރުކުރުމުގައި 2023  އަދި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ކައުންސިލު އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ނުހިމަނާ ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ މި އަހަރު އަޅަން ނިންމާފައިވާ 50 އިމާރާތް އަޅާނެ ރަށްތައް ކަނޑައެޅުމުގައި އިމާރާތުގެ ހާލު އެންމެ ދެރަ ރަށްރަށް ދެނެގަނެ އެ ރަށްރަށަށް އިސްކަން ދީފައިވާނެ ކަމަށެވެ. އެގޮތުން ބެލި ކަންކަމުގެ ތެރޭގައި އެ އިމާރާތެއް މަރާމާތު ކުރަންޖެހޭ މިންވަރާއި، ޖާގައާއި ސްޓޯ ރޫމާއި، ނަމާދު ކޮޓަރިއާއި އެހެނިހެން ޖާގަތައް ހުރި މިންވަރު ހިމެނެ އެވެ. 

އައު އިމާރާތް އެޅުމަށް ނިންމާފައިވާ 50 ރަށް

  •  ހއ. އަތޮޅު: ވަށަފަރު، އިހަވަންދޫ، ދިއްދޫ
  •  ހދ. އަތޮޅު: ކުމުންދޫ، ނޭކުރަންދޫ، ވައިކަރަދޫ
  •  ށ. އަތޮޅު: ފޭދޫ، ކޮމަންޑޫ، ގޮއިދޫ، ނަރުދޫ
  •  ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
  •  ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
  •  ބ އަތޮޅު: ކަމަދޫ. ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
  •  ޅ. އަތޮޅު: ކުރެންދޫ
  •  ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
  •  އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
  •  މ. އަތޮޅު: މުލި، ދިއްގަރު، މުލައް
  •  ފ. އަތޮޅު: ފީއަލި
  •  ދ. އަތޮޅު: ހުޅުދެލި، ބަނޑިދޫ
  •  ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނި، ގުރައިދޫ، ވޭމަންޑޫ
  •  ލ. އަތޮޅު: ކުނަހަންދޫ، މާވަށް
  •  ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
  •  ގދ. އަތޮޅު: މަޑަވެލި

މިނިސްޓަރު ވިދާޅުވި ގޮތުގައި މި 50 ރަށުގައި ކައުންސިލު އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަ އިމާރާތްތަކަކަށް ވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

މި ރަށްތަކުގެ އިތުރަށް ނިމުނު އަހަރާއި މި އަހަރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ޕީއެސްއައިޕީގެ ދަށުން 55 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން ގަސްތުކުރަނީ މި ދައުރު ނިމުމުގެ ކުރިން މިހާރު ކައުންސިލު އިމާރާތްތައް ވީރާނާވެފައި ހުރި 102 ރަށެއްގައި ކައުންސިލު އާ އިމާރާތް އެޅުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.