ނަމަވެސް ޝިޔާމުވަނީ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ނިންމުމުގެ ކުރިން މަސްވެރިން އެކަމަކާމެދު ދެކޭ ގޮތެއް ބަލައި ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ.
މަސްވެރިންނާ ގުޅުންހުރި އެއްވެސް ކަމެއް ނިންމާނީ މަސްވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށް މިނިސްޓާ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ބޮޑުކަންނެލީ މަސްވެރިންގެ ޔޫނިއަނުގެ ފަރާތުން ހުޅުމާލޭ ފަޅު ތެރޭގައި ރެއިން ފެށިގެން އިހުތިޖާޖުކުރަމުން އައި މަސްވެރިން މަލޭ ފަޅަށް ވަނުމާއެކު، އެ މަސްވެރިން އޮޑިފަހަރުގައި އެއްވެ ތިބި އެއް ނަންބަރު ޖެޓީއަށް ވަޑައިގެން ޝިޔާމު އެ މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައިވެ އެވެ.
ބޮޑުކަންނެލީ މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ޒަމާނުއްސުރެ ރާއްޖޭގައި މަނާކޮށްފައި އޮތް ލޭނު އެޅުމުގެ ހުއްދަ ސަރުކާރުން ދިނުމަށް މަޝްވަރާކުރުމެވެ. މަސްވެރިން އަންނަނީ ލޭނު މަސްވެރިކަމަށް ހުއްދަދީފިނަމަ ބޮޑު ކަންނެލީގެ މަސްވެރިކަމަށް އިންވެސްޓުކޮށްފައިވާ އޮޑިވެރިންނާއި، މަސްވެރިން ބަނގުރޫޓުވެ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް އެކީ ހުއްޓިދާނެ ކަމަށް ބުނަމުންނެވެ.
އެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ޝިޔާމު ވިދާޅުވީ ލޭނު މަސްވެރިކަމުގެ އިތުރަށް ދައުލަތަށް އާމްދަނީ އިތުރުވާނެ ގިނަ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުންތައް އިތުރަށް ތަނަވަސްކޮށް ދިރިއުޅުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށްވާތީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދަން މަޖުބޫރުވާތީ ވިސްނަންޖެހޭ ކަންކަން ކަމަށް ޝިޔާމު ވިދާޅުވި އެވެ.
ނަމަވެސް ޝިޔާމުވަނީ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ނިންމުމުގެ ކުރިން މަސްވެރިން އެކަމަކާމެދު ދެކޭ ގޮތެއް ބަލައި ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ.
"ރަނގަޅު އަޅުގަނޑުމެން އާމްދަނީ އިތުރުކުރަން ހުށަހަޅަން މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ލޭނު މަސްވެރިކަން ހިމެނޭ. މަޝްވަރާކުރިން ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަނާވެސް. އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް ހުރި. އަޅުގަނޑުމެން އެއިން އެއްވެސް ކަންބޮޑުވުމެއް ނޯޓު ނުކޮށެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުން ހާސްވެވަޑައިނުގަންނަވާށޭ. ތިޔަ ބޭފުޅުންނަށް އަދި ހާއްސަކޮށް ދިވެހި ރައްޔިތުންނަށް ދެރަވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ތިޔަ ބޭފުޅުންނަށް މިތަނުގައި ތިއްބެވި ހުރިހާ މަސްވެރިންނަށް އަރުވަން،"
އިތުރަށް މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ހިތްތަކަށް އުދަގޫވާނެ އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އަދި މަސްވެރިންނާ ގުޅުންހުރި އެއްވެސް ކަމެއް ސަރުކާރުން ކުރާނީ މަސްވެރިންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަދިވެސް އެއްފަހަރު ދަންނަވައިލަން ބޭނުންވަނީ ތިޔަ ބޭފުޅުންގެ މަޝްވަރާއާ ހިޔާލާ ނުލައި މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް މި ސަރުކާރުން އަޅުގަނޑުމެންނެއް ނުނިންމާނެ،" ސަރުކާރުން މަސްވެރިކަމާ ގުޅުންހުރި ސިޔާސަތުތައް އެކަށައަޅާނީ މަސްވެރިންގެ މަޝްވަރާގެ މަތިންކަން ޔަގީންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މަސްވެރިންނަށް ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުން އިންޒާރު ދިން ކަމަށާއި، މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން މަސްވެރިން ފާހަގަކުރުމުން ޝިޔާމު ވިދާޅުވެފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏެއްގެ ޖީބުގައި ސަރުކާރު ނޯންނާނެ ކަމަށެވެ. އަދި އިންޒާރު ދިނުން ފަދަ ކަމެއް ހިނގާފައިވާނަމަ އެކަމެއް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޝިޔާމު އެދިވަޑައިގަތެވެ.