ސަރުކާރުން ދިން 4 ބިލިއަންގެ ލޯނު، ބޮޑު ބައެއް އަނބުރާ ނުލިބޭ

ފިނޭންސް މިނިސްޓްރީ : ސަރުކާރުން ދޫކުރި ގިނަ އަދަދެއްގެ ލޯނު އަނބުރާ ނުދައްކާ -- މިނިވަންގެ ފޮޓޯއެއް

ދައުލަތުގެ ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ފަރާތްތައް ހިމެނޭ ގޮތަށް ސަރުކާރުން ދީފައިވާ ލޯނުތަކުގެ އަދަދު 3.7 ބިލިއަނަށް އަރާއިރު، ލޯނު ނެގި ފަރާތްތަކުން މުއްދަތަށް ބަރާބަރަށް ލޯނު ދައްކަމުންނުދާކަން ހާމަވެއްޖެ އެވެ. 

މިދިއަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިވީއުކޮށް އޮޑިޓު އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޓްރެޝަރީ ލޯނުތައް ނުވަތަ ސަރުކާރުން ބަޖެޓުގެ ތެރެއިން ދޫކޮށްފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދު 3.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

އެ ރިޕޯޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި ޓްރެޝަރީ ލޯނުތައް ދޫކޮށްފައިވަނީ މައިގަނޑު ގޮތެއްގަައި ދައުލަތުގެ ކުންފުނިތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، ވަކިވަކި ފަރުދުންނަށެވެ. ވަކިވަކި ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކުން ފަަރުދުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އަނބުރާ ނުދައްކައި ގިނަ ދުވަސްވެފައިވާ ލޯނުތައް ހިމެނެ އެވެ. 

އޮޑިޓު އޮފީހުން ބުނެފައިވަނީ އެ ލޯނުތައް ނެގި ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި އެ ލޯނުތައް އަނބުރާ ނުދައްކާކަަން އެ އޮފީހަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަދަދެއްގެ ފައިސާ ދައްކަންޖެހި ނުދައްކައި ހުރީ އެސްއޯއީތަކުންނެވެ. 

އެސްއޯއީތަކަށް ދޫކުރި ލޯނުގެ ތެރެއިން އަނބުރާ ދައްކަންޖެހޭ 1.5 ބިލިއަން ރުފިޔާ އޮތްއިރު، އެއިން 994.18 މިލިއަން ރުފިޔާއަކީ އަނބުރާ ދައްކަންޖެހޭ މުއްދަތު ފަހަނައެޅިއިރުވެސް ނުދައްކައިހުރި ފައިސާއެވެ. 

މުއްދަތު ފަހަނައެޅިއިރު އެސްއޯއީތަކުން ނުދައްކާ ހުރި ފައިސާ

  •  އެޗްޑީސީ: 161.92 މިލިއަން ރުފިޔާ
  •  ޕީއެސްއެމް: 141.98 މިލިއަން ރުފިޔާ
  •  އެމްއާރްޑީސީ: 181.91 މިލިއަން ރުފިޔާ
  •  އެމްއައިޓީޑީސީ: 28.90 މިލިއަން ރުފިޔާ
  •  އެސްޓީއޯ-މިފްކޯ: 155 މިލިއަން ރުފިޔާ
  •  ފެނަކަ-އެސްޓީއޯ: 243 މިލިއަން ރުފިޔާ
  •  އާރްޑީސީ: 62.79 މިލިއަން ރުފިޔާ

ކޯޕަރޭޓިވް ސޮސައިޓީތަކަށް ދައުލަތުން ދޫކުރި ލޯނުތަކުގެ ތެރެއިން އަނބުރާ ލިބެންޖެހޭ 2.1 ބިލިއަން ރުފިޔާ އޮތްއިރު އެ ފައިސާގެ ތެރެއިން، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައެޅިއިރު ނުދައްކައި ހުރި ފައިސާގެ އަދަދު އެނގެންނެވެ. ސިފްކޯއަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ޕޮލްކޯއަށް 848 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވެ އެވެ. 

އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ފަރުދުންނަށް ދައުލަތުން ދޫކުރި ލޯނުތަކުގެ ތެރެއިން މުއްދަތު ފަހަނައެޅިއިރު ނުދައްކައި ހުރި ފައިސާގެ އަދަދު ފިނޭންސް މިނިސްޓްރީގެ ލޯނު ރެކޯޑުތަކުން ސާފުނުވެ އެވެ. 

ބަޖެޓުކުރި ވަރަށްވުރެ އިތުރަށް ލޯނު ދޫކުރި ފާއިތުވި އަހަރު ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 371 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ނުވަ މަސް ފާއިތުވިއިރު ލޯނު ދިނުމަށް 849 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރި އެވެ. އެއީ ބަޖެޓުކުރި މިންވަރަށްވުރެ 129 އިންސައްތަ އިތުރު އަދަދެކެވެ.

 ދައުލަތުގެ ބަޖެޓުގައި ލޯނު ދޫކުރުމަށް ކަނޑައެޅި މިންވަރަށްވުރެ 226 އިންސައްތަ އިތުރަށް ލޯނު ދޫކުރާނެކަން ބަޖެޓު މުރާޖައާކުރިއިރު ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރު 1.2 ބިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.