އެ ރިޕޯޓުގައި ބުނެފަިއވާ ގޮތުން ބިމުގެ އަގު ނުލިބުމުން އެޗްޑީސީއަށް ލިބުނު ގެއްލުމާއި، ބިމުގެ ވިޔަފާރީގެ ނަފާ ނުލިބުމުން ކުރިމަތިވާ ގެއްލުން އެއްކޮށްލުމުން ޖުމްލަ 11 ބިލިއަނުގެ ގެއްލުން އެޗްޑީސީއަށް ލިބޭނެ އެވެ.
ނިމުނު ސަރުކާރުގައި މާލޭ ސަރަހަައްދުން ބަހަން ނިންމި ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރަން ނިންމި ގޯތިތައް ހިލޭ ދިނުމުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއްވެ، ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރަށް މާލީ ދަތިތައް އިތުރުުވާނެކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.
2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރިވީއުކުރުމަށްފަހު އެ އޮފީހުން އިއްޔެ ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހުޅުމާލެއިން ހިލޭ ބިން ދޫކުރަން ނިންމައި އެ ބިންތައް ސަރުކާރަށް ނެގުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް ބޮޑު ގެއްލުމެއް ލިބި އެ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ އެވެ.
އެޗްޑީސީން އޮޑިޓު އޮފީހާ ހިއްސާކުރި ލިޔެކިޔުންތަކަށް ބަލާއިރު އެ ބިންތައް ހިލޭ ދިނުމަށް ނިންމުމާ ގުޅިގެން އެ ކުންފުންޏަށް 7.3 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބޭނެއެވެ.
އެ ރިޕޯޓުގައި ބުނެފަިއވާ ގޮތުން ބިމުގެ އަގު ނުލިބުމުން އެޗްޑީސީއަށް ލިބުނު ގެއްލުމާއި، ހިލޭ ދޫކޮށްލި ބިންތައް ވިޔަފާރީގެ އުސޫލުން ބޭނުންކުރުމުން އެ ކުންފުންޏަށް ލިބެން އޮތް އާމްދަނީ ނުލިބުމުން ކުރިމަތިވާ ގެއްލުން އެއްކޮށްލުމުން ޖުމްލަ 11 ބިލިއަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށް ކުރިމަތިވިއެވެ.
ހުޅުމާލެއިން ހިލޭ ބަހަައިލި ގޯތީގެ ބަދަލުގައި އެޗްޑީސީއަށް ކުރީ ސަރުކާރުންވަނީ ގަލުފަޅު އަދި މާގިރިފަޅު ދީފައެވެ. އެއީ ހިލޭ ބެހި ބިންތައް ބޭނުންކޮށްގެން އެ ކުންފުންޏަށް ލިބެން އޮތް އާމްދަނީ ގެއްލުމުން ބަދަލުގައި ދިން ދެ ފަޅެވެ. އެއީ 3.3 ބިލިއަން ރުފިޔާގެ ބަދަލެއްގެ ގޮތުގައި ދިން ފަޅުތަކެކެވެ.
އޭގެ އިތުރަށް ބިން ހިއްކުމުގެ ހަރަދުގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު 7.7 ބިލިއަން ރުފިޔާގެ ގެއްލުމާމެދު ސަރުކާރާ މަޝްރާކޮށްގެން ކުރިއަށް އޮތް ތަނުގައި އެ ފައިސާ އެޗްޑީސީއަށް ލިބޭނެ ގޮތަކާމެދު އެއްބަސްވުމަށް ސަރުކާރުން އަންގާފަައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓު އޮފީހުން ދެކޭ ގޮތުގައި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުމަކީ އެޗްޑީސީއަށް އެކަމުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށް އެކަމުގެ ސަބަބުން ބޮޑެތި މާލީ ބުރަތަަކެއް އުފުލަންޖެހޭނެ ކަަމެކެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގެއްލުމުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރަން ކަނޑައަޅާފައި ހުރި ގޮތުން މަގުތައް ކަނޑައި ނަރުދަމާއާއި ކަރަންޓު ވިއުގަތަކަަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުމުން ހިނގާނެ ހަރަދުތައް ހިމަނާފައިނުވެ އެވެ.
ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ވަރަށް ގިނަ ގޯތި ހުރީ މަގުތައް މަތިންނާއި، ނަރުދަމާއާއި ކަރަންޓު ވިއުގަތަކުގެ މަތިން ދޫކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ކަނޑައިގެން އަލުން ހަދަންޖެހުނެވެ. އެކަމަށް އެޗްޑީސީން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.