ސަރަހައްދީ ދުރުމިން ބެލީ ރައީސް މުއިއްޒާއި މޯދީގެ ފެނިލުން

ރައީސާއި މޯދީގެ ބައްދަލުވުމުން ފެނުނު އެކުވެރިކަމާއި ގާތް ކަމަކީ ރަނގަޅު ލިސާނެއް ވުމެވެ. ހީނަރުވެފައިވާ ގުޅުން ރަނގަޅުވާނެ ކަމުގެ އުންމީދު އާވުމެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވައި ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޮޑު ހިތާމައެއް ވެސް ކުރިމަތިވެވަޑައިގެންފައި އޮތް ދަނޑިވަޅެކެވެ. އަނބިކަނބަލުންގެ ދޮންބައްޕާފުޅު އަަވަހާރަވި ވަގުތެވެ. 

އިންޑިއާއަށް ރައީސް ވަޑައިގަތުމާއެކު، އިންޑިއާގެ މީޑިއާގެ ސަމާލުކަން ހުއްޓިގެން ދިޔައީ އެމަނިކުފާނަށެވެ. ސަބަބަކީ އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގަތުމާއެކު، އިންޑިއާއާ ދެކޮޅު ވެރިއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކޮށް، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާ ރާއްޖޭގެ ގުޅުން ކުރިން ދުވަހަކު ވެސް ހީނަރު ނުވާ މިންވަރަށް އެ ގުޅުން ހީނަރުވާނެ ކަމަށް ދެކި ވަރަށް ގިނަ ވާހަކަތައް އިންޑިއާ ނޫސްތަކާއި ޓީވީ ޗެނަލުތަކުން ފަތުރާފައި އޮތުމެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެހެންކަމުން އިންޑިއާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރި ވަގުތުކޮޅަކީ ރައީސާއި މޯދީއާ ދެ ބޭފުޅުން ބައްދަލުވެ ވަޑައިގަންނަވާ ވަގުތުކޮޅެވެ. އެ ވަގުތުކޮޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްވަރު ބައްޓަން ވެގެން ދާނެ ގޮތުގެ ކޮންމެވެސް މިންވަރެއްގެ ތަސައްވުރެއް ކުރަހައިލެވޭނެ ވަގުތުކޮޅަކަށް ވާތީ އެވެ. 

ބޮޑުވަޒީރު މޯދީ ހުވައި ކުރެއްވުމަށް ފަހު އެމަނިކުފާނު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް ހާއްސަ ފަރިއްކޮޅެއް ރޭ ބާއްވާފައިވެ އެވެ. އެ ރަސްމިއްޔާތުގެ ފޮޓޯތައް ރޭ މީޑިއާއަށް ފެންމަތިވިއިރު މޯދީގެ އެންމެ އަރިހުގައި އިންނެވީ ރައީސެވެ. ދެ ބޭފުޅުން ސަމާސާ ކުރައްވައި ވާހަކަފުޅު ދައްކަވާ މަންޒަރު ފެނުނެވެ. 

އެ ރަސްމިއްޔާތަށް ފަހު، އެކި ގައުމުތަކުގެ ލީޑަރުންނާ މޯދީ ބައްދަލު ކުރެއްވި އެވެ. އެގޮތުން ރައީސް މުއިއްޒާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ. ރަސްމީ ބައްދަލު ވުމަކަށް ނުވި ނަމަވެސް ދެ ލީޑަރުން އެއް ތަނެއްގައި ބައްދަލު ވެވަޑައިގެން އެކީގައި ވަގުތުކޮޅެއް ހޭދަ ކުރެއްވީތީ އެ ވަގުތުކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. 

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރައްވަނީ، -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ މީޑިއާތަކުން އެ ބައްދަލުވުން ސިފަ ކޮށްފައި ވަނީ ދެ ގައުމުގެ ގުޅުން އަނބުރާ އޭގެ އަސްލަށް ރުޖޫއަވުމުގެ ފެށުމެއްގެ ގޮތުގަ އެވެ. ބައްދަލުވުމުގައި ދެ ލީޑަަރުންގެ ކިނބައިން ފެނުނީ އެކުވެރިކަމާއި ހިނިތުންވުން އަދި ހިތްހަމަޖެހުމެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތްނަމަ އޮތް ނުތަނަވަސްކަމެއް ކުޑަކުރެވި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުން އިތުރުވާނެ ކަމަށް އެ މަންޒަރުތަކުން ދޭހަވެ އެވެ. 

މޯދީއަށް ބޮޑުވަޒީރުކަން ލިބިވަޑައިތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވެފަވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކޮށް، ގުޅުންތައް މިހާރަށްވުރެ ބަދަހި ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ. އެ ޕޯސްޓާ ގުޅިގެން ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވެސް ވިދާޅުވެފައިވާ ގޮތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވަ އެވެ.

އަވައްޓެރިކަމާއި ސަގާފީ ތާރީހީ ގުޅުމުގެ ގޮތުން އިންޑިއާއަށްވުރެ ރާއްޖެއާ ގާތް އެކުވެރި ދެވަނަ ގައުމެއް ނޯންނާނެ އެވެ. ދެ ގައުމުގެ ގުޅުން ބައެއް ފަހަރު ހީނަރުވި ނަމަވެސް އެ ގުޅުން އަބަދުވެސް އޭގެ އަސްލަށް ރުޖޫއަވެ އެވެ. އެހެންކަމުން ރައީސާއި މޯދީގެ ބައްދަލުވުމުން ފެނުނު އެކުވެރިކަމާއި ގާތް ކަމަކީ ރަނގަޅު ލިސާނެއް ވުމެވެ. ހީނަރުވެފައިވާ ގުޅުން ރަނގަޅުވާނެ ކަމުގެ އުންމީދު އާވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.