އިމްޕޯޓު އިތުރުވިއިރު، އެކްސްޕޯޓު ބޮޑު ތަނުން ދަށަށް

އަހަރުން އަހަރަށް އިމްޕޯޓްކުރާ މިންވަރު އިތުރުވުމާއި އެކްސްޕޯޓުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ރާއްޖޭގެ އެކައުންޓް ޑެފިސިޓު ނުވަތަ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާއާއި ބޭރުވާ ފައިސާގެ ފަރަގު ބޮޑުވާނެ އެވެ.

ރާއްޖެއަށް މުދާ އެތެރެ ކުރަނީ: ރާއްޖޭގެ އިމްޕޯޓަށް ކުރިއެރުން ލިބޭ -- ފޮޓޯ: އެމްޕީއެލް

ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު އިތުރު ވިއިރު، އެކްސްޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ޖުމްލަ އަގަކީ 1.2 ބިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކޮށްފައި ވަނީ 1.09 ބިލިއަން ޑޮލަރުގެ މުދަލެވެ. އެހެންކަމުން ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު، މި އަހަރު އިމްޕޯޓްކުރި މުދަލުގެ އަގު ވަނީ 10 އިންސައްތަ އިތުރުވެފަ އެވެ. 

އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓު ކޮށްފައި ވަނީ އަމިއްލަ ވިޔަފާރިތަކުންނެވެ. އެގޮތުން ފުރަތަމަ ހަތަރު މަހު އަމިއްލަ ވިޔަފާރިތަަކުން 871.2 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފައި ވެއެވެ. ދައުލަތުގެ ކުންފުނިތަކުން 317.5 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު ސީދާ ސަރުކާރުން އިމްޕޯޓުކޮށްފައި ވަނީ 15.7 މިލިއަން ޑޮލަރުގެ މުދަލެވެ. 

ފާއިތުވި އަހަރާ އަޅާބަލާއިރު އަމިއްލަ ވިޔަފާރިތަކުން އެތެރެކުރި މުދަލުގެ އަގު 9.6 އިންސައްތަ އިތުރުވެފައި ވެއެވެ. އަދި ދައުލަތުގެ ކުންފުނިތަކުން އިމްޕޯޓުކުރި މިންވަރު 13.2 އިންސައްތައިން ވަނީ އިތުރުވެފަ އެވެ. 

ޖުމްލަކޮށް އެ މުއްދަތުގައި އިމްޕޯޓުކުރި މިންވަރު އިތުރުވި ނަމަވެސް އެކްސްޕޯޓުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފާއިތުވި އަހަރުގެ ފުރަތަމަ ހަތަރު މަހު އެކްސްޕޯޓް ކޮށްފައި ވަނީ 173.3 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 165.7 މިލިއަން ޑޮލަރުގެ މުދަލެވެ. އެހެން ކަމުން ޖުމްލަ އެކްސްޕޯޓްކުރި މިންވަރު ވަނީ 4.3 އިންސައްތަ ދަށްވެފަ އެވެ. 

އެކްސްޕޯޓުގެ ހިސާބުތަކަށް ބަލާއިރު ސީދާ ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފާއިތުވި އަހަރު ޑޮމެސްޓިކް އެކްސްޕޯޓް ނުވަތަ ސީދާ ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަގަކީ 66.3 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 41.1 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ 38 އިންސައްތައިގެ ވެއްޓުމެކެވެ. 

ފާއިތުވި އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި މަހުގެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފާއިތުވި އަހަރު 62.3 މިލިއަން ޑޮލަރުގެ މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރު ކޮށްފައި ވާއިރު މި އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވާ މަހުގެ އުފެއްދުންތަކުގެ އަގަކީ 37 މިލިއަން ޑޮލަރެވެ. އެއީ 40.6 އިންސައްތައިގެ ދަށްވުމެކެވެ. 

އަހަރުން އަހަރަށް އިމްޕޯޓްކުރާ މިންވަރު އިތުރުވުމާއި އެކްސްޕޯޓުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ރާއްޖޭގެ އެކައުންޓް ޑެފިސިޓު ނުވަތަ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާއާއި ބޭރުވާ ފައިސާގެ ފަރަގު ބޮޑުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.