މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއާއި ކުރި ޚަރަދުގެ ފަރަގު ނުވަތަ ބަޖެޓު ޑެފިސިޓް ހުރީ 1.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި އިރު ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވާކަން ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ހާމަ ކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު މިނިސްޓްރީން އާންމު ކުރާ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މޭ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގއި ލިބިފައި ވަނީ 13.1 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގައި އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ 12.6 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނީ 10.8 ބިލިއަން ރުފިޔާ އެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޓެކްހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކްސް އާމްދަނީގެ ތަފުސީލަށް ބަލާއިރު، ވިޔަފާރި އާމްދަނީގެ ޓެކުހާއި، ވިތުހޯލްޑިން ޓެކުހާއި، ފަރުދުންގެ އާމްދަނީން ނަގާ ޓެކުސް ވަނީ ފާއިތުވި އަހަރަށްވުރެ އިތުރުވެފަ އެވެ. ނިމުނު އަހަރު ވިޔަފާރި އާއި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މުއްދަތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އޭގެ އިތުރަށް މި މުއްދަތުގައި ދައުލަތަށް ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ފާއިތުވި އަހަރަށް ވުރެ އިތުރުވެފައި ވެއެވެ. އެގޮތުން ނިމުނު އަހަރު ޖީއެސްޓީގެ ގޮތުގައި އެ މުއްދަތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ. މި އަހަރު 1.8 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. ޓީޖީއެސްޓީގެ ގޮތުގައި ނިމުނު އަހަރު ލިބުނީ 3.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރަށް ވުރެ އިތުރުވީ ނަމަވެސް މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ދަށްވެފައި ވެއެވެ. ނިމުނު އަހަރުގެ ޖަނަވަރީ އެކަކުން މޭ 16 އަށް ޓެކްސް ނޫން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. އެއީ ނިމުނު އަހަރަށް ވުރެ 732 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ފަރަގު ނުވަތަ ބަޖެޓް ޑެފިސިޓު ހުރީ 1.8 ބިލިއަން ރުފިޔާގަ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޑެފިސިޓް 4.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އެހެން ކަމުން ނިމުނު އަހަރަށް ވުރެ މި އަހަރުގެ ބަޖެޓް ޑެފިސިޓް ވަރަށް ބޮޑަށް ކުޑަ ކުރެވިފައި ވެއެވެ.
ސަރުކާރުން އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މާލީ ހާލަތު އިތުރަށް ރަނގަޅުކުރަން އަޅަން ޖެހޭ މުހިއްމު އިސްލާހީ ފިޔަވަޅުތައް އެޅުމަށް ސަރުކާރު ވަނީ ތައްޔާރުވަމުންނެވެ.