މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުދި ޖަޒީރާ ޤައުމުތަކުން އިސްނަގައިގެން ފަށާ މަސައްކަތްތަކަށް އެހީތެރިވާން ރައީސް އެދިވަޑައިގެންފި

މި އިނިޝިއޭޓިވް ފަރުމާ ކޮށްފައި ވަނީ ޖަޒީރާތަކުގެ މުޖުތަމައުތަކުގެ ވިލުންތެރިކަން އިތުރު ކުރުމަށް އިސްކަން ދީގެނެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސިޑްސްގެ ހަވާސާގައި އޮތް އިވެންޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ އިދާރާތަކުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ. 

އެންޓިގާ އެންޑް ބާބިޑާގައި ކުރިއަށްދާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެސްގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ "ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް" އިނިޝިއޭޓިވްއަކީ ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ، ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ކާރިސާއާ ކުރިމަތިލުމަށް ހިންގާ އިނިޝިއޭޓިވްއެއް ކަމަށެވެ. 

މި އިނިޝިއޭޓިވްއަކީ ކުދި ޖަޒީރާ ޤައުމުތަކާއި، އެ ޤައުމުތަކާއެކު ތަރައްޤީގެ މަސައްކަތްތައް ކުރާ ފަރާތްތައް ގުޅުވައިދީ، އެކި ސަރަހައްދުތަކަށް ނިސްބަތްވާ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އެއްބާރުލައިގެން އެކީ މަސައްކަތްކުރުން އިތުރު ކޮށްދޭ އިނިޝިއޭޓިވްއެއް ކަމަށެވެ. އަދި އެޖަޒީރާތަކުގެ ޚާއްޞަ ޖިއޮގްރޮފީ ބޭނުން ކުރުމާއެކު، ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތަކުން ދަސް ކުރުމުގެ ފުރުސަތު ފަހިކޮށް ތަރައްޤީ އެއް ހަމަކުރުވާނެ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި އިނިޝިއޭޓިވް ފަރުމާ ކޮށްފައި ވަނީ ޖަޒީރާތަކުގެ މުޖުތަމައުތަކުގެ ވިލުންތެރިކަން އިތުރު ކުރުމަށް އިސްކަން ދީގެން ކަމަށެވެ. އެގޮތުން އެ އިނިޝިއޭޓިވްގައި ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތަކާއި މޫސުމީ ބަދަލުތަކާމެދު އަޅާ ފިޔަވަޅުތައް ގުޅުވައިލެވިފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ރަނގަޅަށް މި އިނިޝިއޭޓިވް ތަންފީޒު ވެއްޖެނަމަ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަސައްކަތް ކުރާނެ ޝާމިލު ގޮތައް ހޯދޭނެ. މިއީ ރާއްޖެއިން ޑެލިވާކުރަން ބޭނުންވާ ކަމަކީ. އެއީ ހަމައެކަނި ރާއްޖެއަކަށް ނޫން، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ހުރިހާ ޤައުމަކަށް،" ރައީސް ވިދާޅުވި އެވެ. 

މި އިނިޝިއޭޓިވްއަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ބެހިފައިވާ ސަރަހައްދުތަކަށް ބެލުމެއް ނެތި، ހުރިހާ ޤައުމެއްގެ މެދުގައި އެއްބާރުލުން ދިނުމުގެ މައްޗަށް އެކުލަވައިލެވިފައިވާ އިނިޝިއޭޓިވްއެއްކަން ފާހަގަ ކުރެއްވުމާއެކު ރައީސް ވިދާޅުވީ، މިފަދަ ގޮތަކަށް ސަރަހައްދުތައް ފަހަނައަޅައި ސިޑްސްގެ މެދުގައި އެއްބާރުލުން ދިނުމަކީ މުޅިން އައު ފަތިހަކަށް އަލިވިލުމަކަށް ވެދާނެ ކަމަށެވެ. 

"އެކްރެޑިޓްވެފައިވާ މުއައްސަސާތަކަށް އަޅުގަނޑު ބާރުއަޅަނީ އަޅުގަނޑުމެންގެ މުހިއްމު ކަންބޮޑުވުންތަކުގައި އެކުގައި މަސައްކަތްކުރަން، އަދި އަޅުގަނޑުމެން ކުރިއަށް ނެރޭ ހައްލުތައް ހަގީގަތަކަށް ހެދުމުގައި އެހީތެރިވުމަށާއި، އަޅުގަނޑުމެން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އިސްކަން ދޭން،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.