ކުށް ކުރާ ކުދިން އިސްލާހު ކުރާނީ "ހޯޕް އައިލެންޑް" ގައި

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ބަދަލުކުރުމުގެ ގާނޫނީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: މިރާ

ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރަން ކުޑަކުދިންގެ އަދުލުގެ ގާނޫނުން އަޅަން ލާޒިމް ކޮށްފައިވާ ލޯންގްޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ، މީހުން ނޫޅޭ ވަކި ރަށެއްގައި ގާއިމްކޮށް، އެ ރަށަށް "ހޯޕް އައިލެންޑް" ގެ ނަމުން ނަން ދޭން ނިންމައިފި އެވެ.

މި ފެސިލިޓީއަކީ އާއިލާތަކުން އެކަހެރިވެފައިވާ، ކުށުގެ ވެށީގައި އުޅޭ އެފަދަ ކުދިން ދިގު މުއްދަތަކަށް މުޖުތަމައުއާ ވަކިން ގެންގުޅުމަށް އަޅަން ގާނޫނުން ލާޒިމް ކޮށްފައިވާ ތަނެކެވެ. މިތަނަށް ގެންދަން ޖެހެނީ ކޯޓަކުން ހުކުމް ކުރާ ކުދިންނެވެ.

މިގޮތަށް ހުކުމް ކުރާ ކުދިން ދައުލަތަށް ނަގައި، އެ ކުދިން 18 އަހަރު ވާންދެން އެކަހެރިކޮށް ގެންގުޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ބަދަލުކުރުމުގެ ގާނޫނީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

ކުށުގެ ވެށީގައި އުޅޭ އަދި ކުށުގެ ވެއްޓަށް ހުށަހެޅި ދާނެ ކުދިން "ހޯޕް އައިލެންޑް" އަށް ގެންގޮސް އެ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކުދިން މުޖުތަމައުގެ ތެރެއަށް އަލުން ގެންނަން ކުރާ މަސައްކަތުގެ ތެރެއިން ތައުލީމާއި ހުނަރު ދަސްކޮށްދިނުން ފަދަ ޕްރޮގްރާމްތައް ވެސް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

ކުށް ކުރާ ކުޑަކުދިން ކުށަށް ޒިންމާވާންޖެހޭ އަދަދަކީ މިހާރު ގާނޫނު އޮތް ގޮތުން ނަމަ 15 އަހަރެވެ. އެ އަދަދު 12 އަހަރަށް ދަށް ކުރަން ނިންމާފައި ވަނީ 15 އަހަރުން ދަށުގެ ގިނަ ކުދިން ކުށުގެ ވެށީގައި އުޅޭތީ އެވެ. އެފަދަ ކުދިންނާމެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް ނެތުމުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.