އައިއެމްއެފުން ވަނީ ސަރުކާރުގެ އިގްތިސޯދީ އެޖެންޑާއަށް ތާރީދުކޮށްފަ އެވެ. މިއާއެކު ގެންނަން މަސައްކަތް ކުރާ އިސްލާހުތަކަށް މަރުހަބާ ކިޔާފައިވެ އެވެ.
ދިވެހި ސަރުކާރުން މާލީ ދާއިރާ އަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކާއި ފައިސާ ޗާޕު ކުރުން ހުއްޓާލުމާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަރުކާރަށް މަރުހަބާ ކިޔައިިފި އެވެ.
އައިއެމްއެފްގެ ހާއްސަ ވަފުދަކުން ރާއްޖެ އަށް ޒިޔާރަތްކޮށް އެކި ދާއިރާތަކަށް ބައްދަލު ކުރުމަށްފަހު ނެރުނު އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ހަތަރު ވަނަ އަދަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގްތިސޯދީ އެޖެންޑާއަށް ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުމެވެ.
އައިއެމްއެފުގެ އިކޮނޮމިކްސް ޕިޔާޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައި ނެރުއްވި މި ރިޕޯޓުގައިވާ ގޮތުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އިގްތިސޯދު ހަރުދަނާ ކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށެވެ.
އައިއެފުން ރުހުނު އިސްލާހުތައް - ސަރުކާރުން ދަނީ ހަމައިން ނެއްޓިފައިވާ އާސަންދަ އިސްލާހުކޮށް ސަބްސިޑީގެ ނިޒާމު ހަރުދަނާ ކުރަން ފިޔަވަޅުތައް އަޅަން ނިންމާފަ އެވެ. މިއާއެކު ރާއްޖޭގައި ހަމައެއް ލަމައެއް ނެތި ދެމުން ގެންދާ ސަބްސިޑީގެ ނިޒާމު އެކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރަން ނިންމާފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ވައުދުވެފަ އެވެ.
މި ރިޕޯޓުގައިވާ ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިގްތިސޯދު ރަނގަޅު ވަމުންދާއިރު، 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.9 ޕަސެންޓަށް ފުޅާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި 2023 ވަނަ އަހަރު 4.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ރަނގަޅުވެގެންދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިދާއިރާއަށް އެންމެ ހެޔޮ ބަދަލެއް އަންނާނެ ސަބަބެއްގެ ގޮތުގައި އައިއެފްއެފުން ފާހަގަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް މި އަހަރު ހުޅުވަން ކުރަމުންދާ މަސައްކަތްތަކެވެ. ސަރުކާރުން ދަނީ މި އަހަރު ވީއައިއޭ ނިންމައި ހުޅުވައި އެއާޕޯޓް ފިއުޗާ މަޝްރޫއު ފަށަން ތައްޔާރު ވަމުންނެވެ.
ރާއްޖޭގެ އިގްތިސޯދަށް މި ކުރިއެރުންތައް އައިނަމަވެސް މިދިޔަ އަހަރުގެ ރިޕޯޓުގައިވެސް ބުނެފައިވާ ގޮތަށް ރާއްޖޭގެ ދަރަނީގެ މައްސަލަ ހުރިކަން ފާހަގަކޮށްފަ އެވެ. އަދި އެކަމަކީ ރާއްޖޭގެ އިގްތިސޯދަށް އޮތް ނުތަނަވަސްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން ރާއްޖޭގެ އިމްޕޯޓް މި އަހަރުވެސް އިތުރުވުމާއެކު ކަރަންޓް އެކައުންޓުގެ ދަރަނި މަތިވާނެކަން ފާހަގަކޮށްފައިވެ އެވެ.މިއާއެކު މޫސުމަށް އަންނަ ބަދަލުތާއެކު އަންނަ ގޮންޖެހުންތަކުގެ އަސަރު ކުރާނެކަން އެ އައިއެފްއެފުން ފާހަގަކޮށްފައިވެ އެވެ.