ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހައިސްޕީޑް ފެރީގެ ހިދުމަތް މުލަކަތޮޅުގައި ފެށުމުގެ ކުރިންވެސް އެ އަތޮޅުގައި މިހާރު އޮތް ފެރީގެ ހިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މ. މުލީ ރައްޔިތުންނާއި އެ ރަށުގައި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން އާރްޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅަކަށް ތައާރަފު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. އެ ހިދުމަތް މުލަކަތޮޅުގައި ފެށުމަށް އަދި ދުވަސްތަކެއް ނަގާނެ އެވެ.
ރައީސް ވަނީ އެ އަތޮޅުގައި މިހާރު އޮތް ފެރީގެ ހިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައްޔިތުންނާއި އެކު ބޭއްވި މި ބައްދަލުވުމުގައި މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި ގަވާއިދުން ފެރީގެ ހިދުމަތް ލިބެމުން ނުދިޔުމާއި އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅުތައުލީމީ މަރުކަޒުގެ ތަރައްގީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
މ. އަތޮޅުގެ ފަސް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ މ. މުއްޔަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.