"އަޅުގަނޑު ކެމްޕޭނު ޓީމުތަކަށް ދަންނަވާލަން އޮތީ ތިބޭފުޅުން އަދި އެއް ގިޔަރު މައްޗަށް ޖައްސާލައްވާށޭ. އަޅުގަނޑުމެންނަށް ތިބެވޭނެ ދެ ރޭ ނުނިދާ. މިހާރުވެސް މިއުޅެނީ ހަތަރު ގަޑިއިރު ނިލާލައިގެން. ދެން ގެޔަށް ވަންނާނީ ވޯޓުލާ ނިންމާފަ،"

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް މިހާރަށްވުރެ ވަރުގަދަކޮށް، އެއް ގިޔަރު މައްޗަށް ޖައްސާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބަށް 48 ގަޑިއިރަށް ވަނީ ވެފަ އެވެ. ރައީސް މިއަދު އައްޑޫ ސިޓީ، ހުޅުމީދޫއަށް ވަޑައިގެން ކެމްޕޭނު ޓީމުތަކާ ވާހަކަދައްކަވަމުން އެދިވަޑައިގެންފައި ވަނީ މި 48 ގަޑިއިރު ނުނިދާ އަދިވެސް ބުރަކޮށް އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކޮށްދިނުމަށެވެ.
"އަޅުގަނޑު ކެމްޕޭނު ޓީމުތަކަށް ދަންނަވާލަން އޮތީ ތިބޭފުޅުން އަދި އެއް ގިޔަރު މައްޗަށް ޖައްސާލައްވާށޭ. އަޅުގަނޑުމެންނަށް ތިބެވޭނެ ދެ ރޭ ނުނިދާ. މިހާރުވެސް މިއުޅެނީ ހަތަރު ގަޑިއިރު ނިލާލައިގެން. ދެން ގެޔަށް ވަންނާނީ ވޯޓުލާ ނިންމާފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ހުޅުދޫ އަދި މީދޫ އަވަށަށް ވަޑައިގެންނެވި އެވެ. މީދޫ އަވަށަށް ވަޑައިގެންނެވުމުން އެ ދާއިރާގެ މެމްބަރު ރޮޒައިނާ އަހުމަދު ވިދާޅުވެފައި ވަނީ މިއީ ކުރީ ސަރުކާރުތަކުން ވަރަށް ބާކީ ކޮށްލާފައިވާ ރަށެއް ކަމަށެވެ.
މި ސަރުކާރުން އައިސް ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެހެން ބޭފުޅަކަށް މި ދާއިރާގެ ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ވިދާޅުވި އެވެ.
އެ އަވަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލަށް ބާރުތައް ދީފައި އޮތުމުގެ ސަބަބުން މިހެން ވަކިން އޮންނަ ރަށްރަށަށް ބާރުތައް ގެއްލިފައިވާ ކަމަށެވެ. އަންނަ ދައުރުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ސިޓީ ކައުންސިލްގެ ދަށުގައި އޮންނަ ބާރުތައް ވަކިވަކި ރަށްރަށަށް ދޫކޮށްލެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ހުޅުމީދޫން ވެސް ސިއްހީ ހިދުމަތްތަކާއި ރަގަޅު ތައުލީމު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދެ އަވަށުގައި ވާހަކަދައްކަވަމުން ވެސް އިއްޔެ އައްޑޫ ސިޓީން ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފަ އެވެ. ރައީސް ތަކުރާރުކޮށް އެދިވަޑައިގަތީ އެމަނިކުފާނަށް އިންތިހާބު އެއްބުރުން ކާމިޔާބުކޮށްދިނުމަށެވެ.
މިރޭ 9:00 ގައި ހިތަދޫގައި އައްޑޫ ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ޖަލްސާއަށް އައްޑޫ ސިޓީގައި ތިބި ރައީސްގެ ސަޕޯޓަރުން ބައިވެރިވާނެ އެވެ.
ޔެސް ސަރ. މިފަހަރު ކޮންމެސް އެއްކޮޅެއްގަ ޖައްސާފަ މިކަން ހުއްޓާލާނީ. ވީ އާރ ވިތް ޔޫ. އެއްބުރުން ރައީސް އިބޫ، އެއްބުރުން ރައީސް އިބޫ،
ދެން ނުނިދާ ގޮސް ކިހިނެތް ވޯޓް ލަނީ... ފާހަގަ ޖަހަން ވީ ގޮޅިވެސް ވަކިނުވާނެ