ޖީ20 ގެ ދައުވަތު ކާޑު: "އިންޑިއާ"ގެ ބަދަލުގައި "ބާރަތު"؟

މީގެ ކުރިން ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހަޅައި، އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލު ކުރުމަށް އެދިފައިވެސް ވެއެވެ. އެކަމަކު ފަނޑިޔާރުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި މަހުގެ ނުވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޖީ20 ގެ ސަމިޓް ފަށާއިރު އިންޑިއާގެ ރައީސް، ޑްރޫޕަދީ މުރުމޫގެ ނަންފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ޖީ20 ސަމިޓްގެ ބައިވެރިންނަށް ދޭ ރޭގަނޑުގެ ފަރީއްކޮޅުގެ ދައުވަތުގައި "އިންޑިއާ" ގެ ބަދަލުގައި ގައުމުގެ ނަމަކަށް "ބާރަތު" މި ނަން ބޭނުން ކުރުމާ ގުޅިގެން ބިޔަ ބޮޑު ގައުމުގައި ގިނި އަނދައި ގައުމިއްޔަތުގެ ހިތްހަމަ ނުޖެހުމެއް އުފެދިފައި ވެއެވެ.

"ބާރަތު" އަކީ އިންޑިއާއަށް ކިޔާ ހިންދީ އަދި ގާނޫނީ ވެސް ނަމެކެވެ. ޖީ20 ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނަށް ރައީސް ޑްރޫޕަދީ މުރުމު ދެއްވާ ރޭގަނޑުގެ ފަރިއްކޮޅުގެ ދައުވަތުގައި އެކަމަނާ ސިފަ ކުރައްވަނީ "ބާރަތުގެ ރައީސް" ގެ ގޮތުގަ އެވެ. އެ ދައުވަތު ތައްޔާރުކޮށް ޕްރޮޓޮކޯލް ހިންގަނީ ބޮޑުވަޒީރު މޯދީގެ އެޑްމިނިސްޓްރޭޝަނުން އަދި ސަރުކާރު ހިންގާ ބީޖޭޕީ އިސްވެ އޮވެގެނެވެ.

"އިންޑިއާ" ގެ ބަދަލުގައި "ބާރަތު" ބޭނުން ކުރި މައްސަލާގައި ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވި ނަމަވެސް އިންޑިއާގެ ސަރުކާރު ހިންގުމުގައި އޮތް ބީޖޭޕީ ބައެއް އިސްވެރިންނާއި ސަރުކާރުގެ ވަޒީރުން އެ ފިޔަވަޅުގެ މައްޗަށް އުފާވެރި ޝުއޫރުތައް ފާޅު ކޮށްފައި ވެއެވެ. އަދި ސަރުކާރާ ދެކޮޅު ސިޔާސީ ލީޑަރުން ވަނީ އެ ފިޔަވަޅުގެ މަގުސަދާމެދު ސުވާލު އުފައްދާފަ އެވެ.

ރައީސް ޑްރޫޕަދީ މުރުމޫ ދެއްވާ ރޭގަނޑުގެ ފަރިއްކޮޅުގައި އެމެރިކާގެ ރައީސް ޖޯބައިޑަން އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް އާއި އެފަދަ އެހެންވެސް ބޮޑެތި ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އެފަދަ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ "އިންޑިއާ" ގެ ބަދަލުގައި "ބާރަތު" ޖެހި ދައުވަތު ކާޑު ފޮނުއްވާފަ އެވެ.

ރައީސް ދެއްވާ ފަރީއްކޮޅުގެ ދައުވަތުގައި "ބާރަތުގެ ރައީސް" ގެ ގޮތުގައި ރައީސް ޑްރޫޕަދީ މުރުމޫ ސިފަ ކޮށްފައި ވަނީ އިންޑިއާގެ ނަން ރަސްމީކޮށް "ބާރަތު" އަށް ބަދަލު ކުރަން ހިންދޫ ގައުމިއްޔަތުގެ ޕާޓީ، ބީޖޭޕީގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނާން ފަށައި އެކަމަށް ފާޑުކިޔުންތައް އޮތް ދަނޑިވަޅެއްގަ އެވެ - އެހެނެއްކަމަކު މިއީ އެއްވެސް ގޮތަކުން އިންޑިއާ ސަރުކާރުން އަދި ކަށަވަރުކޮށްދީފައިވާ ކަމެއް ނޫނެވެ. 

އިންޑިއާގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގައި އަދިވެސް ބޭނުން ކޮށްފައި ވަނީ "އިންޑިއާ ސަރުކާރު" މި ގޮތަށެވެ. ރައީސް މުރްމޫ ސިފަ ކުރަން ވެސް ބޭނުން ކޮށްފައި ވަނީ "އިންޑިއާގެ ރައީސް" ގެ ގޮތު އެވެ.

ނަމަވެސް ދައުވަތު ކާޑުގައި "ބާރަތު" ބޭނުން ކޮށްފައި ވަނީ ބީޖޭޕީގެ ފިކުރީ މެންޓާ، އިންޑިއާގެ ރާޝްތުރިއާ ސްވަޔަމްސެވަކް ސަންގް (އާރުއެސްއެސް) ގެ ވެރިޔާ މޯހަން ބަގްވަތު "އިންޑިއާ" ގެ ބަދަލުގައި "ބާރަތު" ބޭނުން ކުރަން ގޮވާލެއްވިތާ ދެ ދުވަސް ފަހުންނެވެ.

"ބައެއް ފަހަރު އަޅުގަނޑުމެން 'އިންޑިއާ' ބޭނުން ކުރަނީ އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު. އެކަމަކު އެ ނަން ބޭނުން ކުރުން ހުއްޓާލަން އެބަޖެހޭ. ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔައަސް މި ގައުމުގެ ނަން 'ބާރަތު' ދެމި އޮންނާނެ،" ބަގްވާތު ވިދާޅުވި އެވެ.

އިއްޔެ ބީޖޭޕީގެ ބައެއް ސިޔާސީ ބޭފުޅުން ވަނީ މި ފިޔަވަޅަށް މަރުހަބާ ކިޔައި، އެއީ ގައުމަށް އައީ ފަޚުރުވެރި ވަގުތެއް ކަމަށް ސިފަ ކޮށްފަ އެވެ. 

"އަޅުގަނޑުމެންގެ ސިވިލައިޒޭޝަން ކެރިގެން 'އަމްރިތު ކާލް' - މޮޑާން ރަންޒަމާން - އާ ދިމާއަށް މިސްރާބު ހިފުމުން ފަހުރުވެރިވޭ،" އާސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 

މޮޑާން "ރަން ޒަމާން" ގެ ގޮތުގައި ތަރުޖަމާ ކުރާ "އަމްރިތު ކާލް" އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅޭ 2047 ވަނަ އަހަރަށް ހިފާ އަމާޒެކެވެ. އެ އަމާޒުގެ ކޮންސެޕްޓް މޯދީ އިންޑިއާއަށް ތައާރަފުކޮށް ދެއްވީ އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހު އެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުންގެ މި ވާހަކަތަކާ އެހައި ހިތްހަމައެއް ނުޖެހެ އެވެ. އަދި އެމީހުން އެކަން ގުޅުވާލަނީ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދުގެ ނަމަށް ޕީޖޭޕީން ޖެއްސުމެއް ކޮށްލުމުގެ ގޮތުގަ އެވެ. އިންޑިއާގެ އިދިކޮޅު 28 ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ކޯލިޝަންގެ ނަމަކީ އިންޑިއަން ނޭޝަނަލް ޑިވެލޮޕްމެންޓަލަ އިންސްކުލޫސިވް އެލަޔަންސް (އިންޑިއާ) އެވެ. 

"އަޅުގަނޑުމެންގެ އިއްތިހާދަށް 'އިންޑިއާ' ގެ ނަން ދީފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ، އޭގެ ފަހުން ބީޖޭޕީގެ ސަރުކާރުން ފަރީއްކޮޅުގެ ދައުވަތު ފޮނުވަން ފަށާފައިވަނީ 'ރިޕަބްލިކް އޮފް އިންޑިއާ' ގެ ބަދަލުގައި 'ރިޕަބްލިކް އޮފް ބާރަތު' ޖަހައިގެން" ބިހާރުގެ ރަޝްތުރިޔާ ޖަނަތާ ދާލް ޕާޓީގެ ލީޑަރު މަނޯޖް ޖާ ވިދާޅުވި އެވެ

"އަޅުގަނޑުމެންގެ އަތުން 'އިންޑިއާ" އެ ނަމަވެސް ނުނެގޭނެ އަދި 'ބާރަތު' އެ ނަމެއް ވެސް ނުނެގޭނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މިއީ ޖީ20 އާ ގުޅިގެން ސަރުކާރުން ބާރަތު ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ބޭރުގެ މަންދޫބުންނަށް ހާއްސަ ކޮށްފައިވާ އަތްމަތީ ފޮތެއްގައި ވެސް - ބާރަތު، ދަ މަދާ އޮފް ޑިމޮކްރަސީ - ލިޔެފައި ވެއެވެ.

އިންޑިއާގެ ގާނޫނު އަސާސީގައި ވެސް އިންޑިއާއަށް "ބާރަތު" ކިޔާފައި ވެއެވެ. އަދި "އިންޑިއާ" ވެސް ކިޔަ އެވެ. އެކަމަކު ގާނޫނުއަސާސީގެ އެހެން ގިނަ ހުރިހާ ތަނެއްގައި އެ ގައުމަށް ކިޔާފައި ވަނީ އިންޑިޔާ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހަޅައި، އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލު ކުރުމަށް އެދިފައި ވެސް  ވެއެވެ. އެކަމަކު ފަނޑިޔާރުން ވަނީ ދެކޮޅު ހަދާފަ އެވެ. މި ބަހުސްގައި ބައެެއް ފަނޑިޔާރުންތަކެއް ފާހަގަ ކުރައްވަނީ އެއީ ގާނޫނީ އަގެއް ނެތް ކަމެއްގެ ގޮތު އެވެ. 

"އިންޑިއާގެ ގާނޫނު އަސާސީގައި މިހާރު ވެސް ކިޔާ ބާރަތު"، އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޝަރަދު ބޮބްޑޭ  ފާހަގަ ކުރެއްވި އެވެ. އަދި ކުރީގެ އެހެން އުއްތަމަ ފަނޑިޔާރެއް ކަމަށްވާ ޓީއެސް ތާކޫރު ވިދާޅުވި ގޮތުގައި "އިންޑިއާ" ނުވަތަ "ބާރަތު" ކިޔަން ބޭނުން ވުމަކީ ގައުމުގެ ރައްޔިތުންގެ ކަމެކެވެ. 

މި އަހަރުގެ ޖީ20 ސަމިޓް މި މަހު އިންޑިއާގައި ބާއްވާއިރު މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ވެރިރަށް ދިއްލީގައި އެންމެ ޓްރެންޑިން ވާނެ އެއް ލަފުޒަކީ "ބާރަތު" އެވެ.

ޖީ20 ގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 19 ގައުމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އެވެ. މި ދައުރުގެ ރިޔާސަތަކީ އިންޑިއާ އެވެ. ޖީ20 ގެ ރިޔާސަތު އަހަރަކު އެއްފަހަރު މެމްބަރުންގެ މެދުގައި ދައުރު ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.