ރަޝިއާއަށް ހަތިޔާރު ދޭނަމަ، އުތުރުން އޭގެ އަގު އަދާ ކުރާންޖެހޭނެ: އެމެރިކާ

މިދިޔަ އަހަރު އެމެރިކާއިން ވަނީ އުތުރު ކޮރެއާ އިން ރަޝިޔާއަށް ސިއްރުން އާޓިލަރީ ޝެލް ފޮނުވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ އެކަމަކު އެއީ މޮސްކޯ އާއި ޕިއޮންގްޔަންގް އިން ވެސް ދޮގުކުރި ތުހުމަތެކެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން: އުތުރު ކޮރެއާއަށް އިންޒާރު ދެއްވި

ޔޫކްރޭންގައި ރަޝިއާއިން ކުރާ ހަނގުރާމައަށް ވާގިވެރި ވެދީ ދުނިޔެއަށް ބަލައިލުމެއް ވެސް ނެތި ރަޝިއާއަށް ހަތިޔާރު ދީ، ވިއްކާނަމަ އުތުރު ކޮރެއާއިން އެކަމުގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށް ވައިޓް ހައުސް އިން އިންޒާރުކޮށްފި އެވެ.

އެމެރިކާގެ އިސް އޮފިޝަލެއް ކަމަށްވާ، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން އިއްޔެ ވިދާޅުވީ އުތުރު ކޮރެއާ އާއި ރަޝިއާ ދެމެދު ހިނގާ މަޝްވަރާތައް ހަރަކާތްތެރި ކަމާއެކު ތަންފީޒީ ގޮތެއްގައި ބާރަށް ހިނގާ ކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށެވެ.  

"އިންފްރާސްޓްރަކްޗަރަށް ހަމަލާ ދިނުމަށާ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުމަށް ރަޝިއާއަށް ހަތިޔާރު ފޯރު ކޮށްދިނުމާއި  ގައުމެއްގެ އިސްތިގުލާލައި ސިޔާދަތީ ސަރަހައްދުތައް ހިފަން އެހީތެރިވެ ދޭން ރަޝިއާއަށް އުތުރު ކޮރެއާއިން ހަތިޔާރު ވިއްކާނަމަ ބައިނަލްއަގްވާމީ މުޖުތަމައުގައި މިކަމަށް އުތުރު ކޮރެއާއިން އަގެއް ދައްކަން ޖެހޭނެ،" ސުލިވާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮވާލަމުން ގެންދާނަން އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް ވެފައިވާ އާންމު ވައުދުތަކަށް ތަބާވުމަށް،" އޭނާ ވިދާޅުވި އެވެ. 

އޭނާ މިހެން ވިދާޅުވި އިރު ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ އެހެން އިސް އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ރަޝިއާއަށް ވަޑައިގެން ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ވޮޝިންޓަނުން ލަފާކުރާ ކުރުން ގާތްގަނޑަކަށް އެއީ ކަށަވަރު ކަމެއް ކަމަށެވެ.

އެމެރިކާގެ ޑިފެންސް އެންޑް މިލިޓަރީ އެނަލިސްޓެއް ކަމަށްވާ ޕަވެލް ފެލްޖެންހައުއާ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ރަޝިޔާގެ އެންމެ އިރުމަތީގައި އޮންނަ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކަށް އަންނަ ހަފުތާގައި އުތުރުގެ ލީޑަރު ކިމްއާ އާމާޑް ރޭލްގައި ދަތުރުކުރައްވަ އެވެ. އަދި އެތާނގައި ރައީސް ޕޫޓިންއާ ބައްދަލު ކުރެއްވުމަކީ ވަރަށް ކައިރި ކަމެކެވެ 

"މިވަގުތު ހީވަނީ މޮސްކޯ އާއި ޕިއޮންގްޔަންގްގެ ގުޅުންތައް ވަރަށް ކުރިޔަށް ގޮސްފައިވާހެން" ފެލްޖެންހައުއާ ވިދާޅުވި އެވެ.

އެމެރިކާގެ އެ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ބުނަން ކްރެމްލިން އިން ދެކޮޅު ހަދަ އެވެ. އަދި ދެ ލީޑަރުންގެ މެދުގައި ސީދާ މަޝްވަރާތަކެއް ކުރެވިދާނެ ކަމަށް ބުނާ ރިޕޯޓްތައް "ބުނާނެ އެއްޗެއް ނެތް" ކަމަށް ބުނަމުން ގެންދެ އެވެ.

ފާއިތުވި ހަފްތާތަކުގައި ރަޝިޔާއާއި އުތުރު ކޮރެއާއާ ދެމެދު ގާތް ގުޅުމެއް އޮތްކަމުގެ އާންމު ނިޝާންތައް ދަނީ ފެންނަމުންނެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ އުތުރު ކޮރެއާއަށް ވަޑައިގެން ލީޑަރު ކިމްއާ ބައްދަލު ކުރެއްވީ މިދިޔަ ޖުލައި މަހު އެވެ. އަދި ލީޑަރު ކިމް އާއި ރައީސް ޕޫޓިން ވެސް ވަނީ އެ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ވައުދުވެ ވަޑައިގެން މިދިޔަ މަހު ސިޓީބިޓީ ބަދަލުކޮށް މަޝްވަރާތައް ކުރައްވާފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ވެޑަންޓް ޕަޓޭލް ވެސް ވަނީ އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް އެދި ވަޑައިގެން އިންޒާރުދެއްވާފަ އެވެ.

"ޔޫކްރޭންގައި ކުރާ ހަނގުރާމައިގައި ބޭނުން ކުރެވޭނެ ހަތިޔާރުތައް ހޯދުމަށް ރަޝިޔާއަށް މަޖުބޫރުވެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކްސްޕޯޓް ކޮންޓްރޯލްތަކުން ކުރި އަސަރުތަކުގެ ސަބަބުން،" ޕަޓޭލް ވިދާޅުވި އެވެ.

މޮސްކޯއަށް ހަތިޔާރު ފޮނުވައިފިނަމަ ވޮޝިންޓަނުން ޕިއޮންގްޔަންގަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ޕަޓޭލް ތަފްސީލު ނުދެއްވަ އެވެ. ނަމަވެސް އެމެރިކާގެ ބައިވެރިންނާ ވާހަކަ ދައްކާލައިގެން "އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ" ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެމެރިކާއިން ވަނީ އުތުރު ކޮރެއާ އިން ރަޝިޔާއަށް ސިއްރުން އާޓިލަރީ ޝެލް ފޮނުވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ އެކަމަކު އެއީ މޮސްކޯ އާއި ޕިއޮންގްޔަންގް އިން ވެސް ދޮގުކުރި ތުހުމަތެކެވެ. މިހާރު ރަޝިއާ އާއި އުތުރުކޮރެއާ ގާތް ކަމެއް އުފެދި ހަތިޔާރު ޑީލަކާ ހަމައަށް ގޮސްފައިވާއިރު އެމެރިކާ ވަނީ އެކަމާ ވަރަށް ނުރުހިފަ އެވެ. އަދި ވަރަށް ބޮޑަށް މާޔޫސް ކަމުގެ ތެރެއަށް ވެއްޓިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.