ޒައީމް ކިމް އާއި ރައީސް ޕޫޓިން ބައްދަލު ކުރައްވަނީ

ލީޑަރު ކިމްގެ ދަތުރުފުޅުގެ މި ތާވަލް އެމެރިކާ އާއި އެކުވެރި ގައުމުގެ މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ރައީސް ޕޫޓިން އާއި ޒައީމް ކިމް: ދެބޭފުޅުން ބައްދަލު ކުރައްވާނީ ރަޝިއާގައި

ނިއުކްލިއާ ހަމަލާއެއްގެ ޓެކްޓިކަލް ސިމިއުލޭޝަން ޑްރިލްތައް ކުރިޔަށް ގެންގޮސް އަސްކަރީ ގާބިލު ކަމާއި ފެންވަރު ވަންޒަންކޮށް ލާނެ ފުރުސަތެއް އެމެރިކާއަށް ދިނުމާއެކު އެމެރިކާ ރުޅި އަރުވާލުމަށްފަހު އުތުރު ކޮރެއާގެ ޒައީމް / ލީޑަރު ކިމް ޖޮންގް އުން މި މަހު ރަޝިޔާއަށް ވަޑައިގެން، ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވަނީ އެވެ. މިއީ އެމެރިކާ އާއި ބައިވެރިންނަށް ކެތް ކުރެވޭވަރުގެ ކަމަކަށް ނުވާނެ އެވެ.

ލީޑަރުގެ ކިމްގެ މި ދަތުރުފުޅަކީ ޔޫކްރޭންގެ ހަނގުރާމައިގެ މެދުން މޮސްކޯއަށް ހަތިޔާރު ފޯރު ކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރާވާފައިވާ ދަތުރުފުޅެކެވެ. ރަޝިޔާއިން ބުނާ ގޮތުގައި އުތުރުގެ ޒައީމްގެ ދަތުރުފުޅުގެ ސަބަބުން އުތުރު ކޮރެއާއާއެކު ގާތް އަސްކަރީ ގުޅުންތަކެއް ގާއިމް ކުރެވޭނެ އެވެ.

ލީޑަރު ކިމް އަކީ މަދުން ނޫނީ ގައުމުން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ލީޑަރު ކިމްގެ ދަތުރުފުޅު ކުރައްވާނީ ޕިއޮންގްޔަންގް އިން އާމާޑް ރޭލުގައި ރަޝިޔާގެ ޕެސިފިކް ކޯސްޓްގައި އޮންނަ ވްލަޑިވޮސްޓޮކަށެވެ. އަދި އެތަނުގައި ރައީސް ޕޫޓިންއާ ބައްދަލު ކުރައްވާނެ އެވެ. -- ކިމްގެ ބައްޕާފުޅު އަދި ކުރީގެ ލީޑަރު ކިމް ޖޮންގް އިލް ރަޝިއާއަށް ދަތުރު ކުރެއްވުމުގައި ވެސް މަތިންދާ ބޯޓްގެ ބަދަލުގައި ވަޑައިގެން އުޅުއްވީ އާމަޑް ރޭލުގަ އެވެ. ކިމް ޖޮންގް އިލް އެންމެ ފަހުން ރަޝިޔާއަށް ޒިޔާރަތްކުރީ އޭނާ އަވަހަރާވުމުގެ މަސްތަކެއް ކުރިން 2011 ވަނަ އަހަރު އެވެ. އަވަހާރަވީ ޑިސެމްބަރު 17، 2011 އިގަ އެވެ.

ލީޑަރު ކިމްގެ ދަތުރުފުޅުގެ މި ތާވަލް އެމެރިކާ އާއި އެކުވެރި ގައުމުގެ މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ވެސް ރިޕޯޓްކޮށްފައި ވެއެވެ.

އުތުރު ކޮރެއާއާ މާދުރު ނޫން ބަނދަރު ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކްގައި ދެ ބޭފުޅުން މަޝްވަރާތައް ކުރައްވާނެ އިރު ރަޝިއާގެ ސެޓެލައިޓްތަކާއި އެޑްވާންސް ޓެކްނޯލޮޖީ އުތުރު ކޮރެއާއަށް ފޯރުކޮށް ދޭށާއި ބަދަލަށް ރަޝިޔާއަށް އުތުރު ކޮރެއާގެ އާޓިލަރީ ޝެލްތަކާއި އެންޓިޓެންކް މިސައިލާއި ވަޒަން ދިނުމާ ބެހޭ ގޮތުން ގޮތްތައް ނިންމަވާނެ އެވެ.

މި ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުމެއް ބަދަހިވެ ފުރިހަމަ ވަމުންދާތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ލީޑަރު ކިމްގެ ދަތުރުފުޅެއް ރަޝިއާއަށް ރާއްވަވާފައިވާ ހަބަރު އައީ އުތުރު ކޮރެއާއާއެކު ޖޮއިންޓް އަސްކަރީ ތަމްރީނުތައް ބާއްވަން ރަޝިޔާއިން މަޝްވަރާ ކުރަމުންދާ ކަމަށް ރަޝިޔާއިން ބުނުމާއި އެކުއެކީގަ އެވެ.

ދެކުނު ކޮރެއާގެ ނޫސް އެޖެންސީ ޔޮންހަޕް އިން މީގެ ކުރިން ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއާ ހަވާލާދީ ބުނެފައި ވަނީ ޖުލައި މަހު އުތުރުގެ ވެރިރަށް ޕިއޮންގްޔަންގަށް ޒިޔާރަތް ކުރެއްވި ރަޝިޔާގެ ޑިފެންސް މިނިސްޓަރު ޝޮއިގޫ ވަނީ ޗައިނާއާއެކު ތިން ގައުމުން ކަނޑުގެ ތަމްރީނެއް ބާއްވަން ކިމްއަށް ހުށަހަޅުއްވާފައި ކަމަށެވެ.

"ކީއްވެ މިކަން މިގޮތަށް ނުވާންވީ ވެސް؟ އުތުރު ކޮރެއާއަކީ އަހަރެމެންގެ އަވަށްޓެރިން... ރަޝިޔާގެ މުސްކުޅި ބަހެއް ވެސް އެބައޮތް؛ އެއީ އަވަށްޓެރިން އިހުތިޔާރު ނުކުރުމަށް ވުރެ އަވަށްޓެރިންނާއެކު ސުލްހަވެރި ކަމާއިއެކު އުޅެން ރަނގަޅު ކަމަށް" ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ ވިދާޅުވި އެވެ.

ރަޝިއާ އާއި އުތުރު ކޮރެއާއާ ދެގައުމުގެ މެދުގައި ޖޮއިންޓް އެކްސަސައިޒްތައް ހިންގުމުގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން ސާގޭ ޝޮއިގޫ ވިދާޅުވެފައި ވަނީ "ހަމަ ޔަގީނުން ވެސް އެއީ މަޝްވަރާ ކުރަމުން އަންނަ ކަމެއް" ކަމަށެވެ.   

ފިނި ހަނގުރާމައިގެ އެކުވެރިން

ކްރެމްލިން އިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި ފިނި ހަނގުރާމައިގެ ތެރޭގައި އުތުރު ކޮރެއާއަކީ ގާތް އެކުވެރިއެކެވެ. އަދި 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭންގެ ބައެއް ސަރަހައްދުތައް ހިފި އިރު ރަޝިއާއަށް ވާގިދިން އިނގިލިން ގުނަލާވޭ މަދު ގައުމުތަކުގެ ތެރެއަށް އުތުރު ވަދެފައި ވެއެވެ. ދެ ގައުމުގެ މެދުގައި އޮތީ އެއްބައެއް އަނެއް ބައެއްގެ މައްޗަށް އިހުތިރާމް ކުރާ ގުޅުމެކެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލީޑަރު ކިމް މޮސްކޯއަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް އެއީ އަދިވެސް މުޅީން ޔަގީން ކަށަވަރު ކަމެއް ނޫނެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގޭ ޝޮއިގޫ އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވީ މިދިއަ ޖުލައި މަހު އެވެ. އެއީ ކޮރެއާ ހަނގުރާމަ ނިމުނުތާ 70 އަހަރު ފުރުމުގެ މުނާސަބާތައް ފާހަގަ ކުރުމުގައި ބައިވެރި ވަޑައިގަތުމަށެވެ. އެއީ އުތުރު ކޮރެއާގައި "ނަސްރުގެ ދުވަސް" ގޮތުގައި ފާހަ ކުރާ ދުވަހެވެ. އެ ދަތުރުގައި ޝޮއިގޫ އާއި ލީޑަރު ކިމްގެ ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ފެންނަ ކަމަށް ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް އިން ބުނެފައިވާ ކަމަށް ޔޮންހަޕް އިން ރިޕޯޓް ކޮށްފައި ވެއެވެ.

ޖުލައި މަހު ރަޝިޔާގެ ޑިފެންސް މިނިސްޓަރު އުތުރުކޮރެއާއަށް ވަޑައިގެން ޒައީމް ކިމްއާ ބައްދަލު ކުރައްވަނީ

އެމރިކާއަށް ހާސްކަން ގެނުވާފައި

އެމެރިކާއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ހަތިޔާރުގެ މަޝްވަރާތައް ބާރުބާރަށް ކުރިއަށް ދާތީ ވަރަށް ކަންބޮޑުވެ އެވެ. އަދި ޝޮއިގޫގެ ދަތުރުފުޅުގައި ޕިއޮންގްޔަންގް އިން ރަޝިޔާއަށް އާޓިލަރީ ހަތިޔާރާއި ވަޒަން ވިއްކަން އެދޭ އެދުން ގަބޫލު ކޮށް ދިނުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. އެއީ ނުރައްކާތެރި ކަމެކެވެ. 

އުތުރު ކޮރެއާގައި ހުންނަވާ ރަޝިޔާގެ ސަފީރު އެލެގްޒެންޑާ މަޓްސެގޯރާ މިދިއަ ހޮނިހިރު ދުވަހު ޓާސް ނޫސް އެޖެންސީއަށް ވިދާޅުވީ ޗައިނާ އާއި ރަޝިއާއެކު އަސްކަރީ ޑްރިލްތަކުގައި ބައިވެރިވުމަށް އުތުރު ކޮރެއާއިން އެއްވެސް ޕްލޭނެއް އޮތްކަން އެނގިވަޑައި ނުގަންނަވަ އެވެ. އެހެން ނަމަވެސް އެމެރިކާ އިސްވެ އޮވެގެން އެ ސަރަހައްދުގައި ކުރިއަށް ގެންދާ ތަމްރީނުތަކުގެ އަލީގައި ބަލާއިރު އޭނާގެ ނަޒަރުގައި އެއީ ވުން "އެކަށީގެންވާ" ކަމެކެވެ.

ރަޝިޔާއާއި އުތުރު ކޮރެއާއިން ދާދި ފަހުން އަސްކަރީ ގުޅުން ބަދަހި ކުރަން ގޮވާލި ނަމަވެސް އުތުރު ކޮރެއާއިން ވަނީ ރަޝިޔާއާ އެކު އެއްވެސް "ހަތިޔާރުގެ މުއާމަލާތެއް" ކުރާ ކަން ދޮގު ކޮށްފަ އެވެ. އަދި އެމެރިކާއިން ދާދި ފަހުން ވަނީ އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު ހަތިޔާރުގެ އެއްބަސްވުންތަކާ ގުޅިފައިވާ ކަމަށް ތުހުމަތުކުރާ ތިން ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

އުތުރު ކޮރެއާ އިން 2006 ވަނަ އަހަރުން ފެށިގެން ނިއުކްލިއާ ހަ ޓެސްޓެއް ކުރިއިރު ފާއިތުވި އަހަރުތަކުގައި އެކި ފެންވަރުގެ މިސައިލްތައް ޓެސްޓް ކުރަމުން ދިޔަ އެވެ. 

އެމެރިކާއާއި އެ ގައުމުގެ އެކުވެރި ދެކުނު ކޮރެއާ އިން ގަވާއިދުން އަސްކަރީ ތަމްރީނުތައް ބާއްވާއިރު، އެކަން އުތުރު ކޮރެއާއިން ކުށްވެރިކުރެ އެވެ. އަދި އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވާ ކަމަށް އަބަދުމެ ގެންދަނީ އިޝާރާތް ދެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.