ޕިކްނިކް އައިލެންޑް ކުޑަގިރީގައި މިހާރު ހުންނަނީ އަށް ކޮޓަރިއެކެވެ. އާބަންކޯއިން ދަނީ މި ކޮޓަރިތައް އިތުރު ކުރަން ބޮޑު އިންވެސްޓްމަންޓެއް ހަދަން ތައްޔާރުވަމުންނެވެ. އޭރަށް 30 ކޮޓަރިއަށް ކުޑަގިރި ބޮޑުވާނެ އެވެ.
މާލެ ގިނަ ރައްޔިތުން އާއިލާތަކާއެކު ހިތް ފަސޭހަ ވަގުތުކޮޅެއް ހޭދަކުރަމުން ދިޔަ އުފާވެރި ވަގުތުތައް ނިމިގެން ދިޔައީ ކުޑަ ބަނޑޮހަށް ދިވެހިން ދިއުން ހުއްޓާލަން ޖެހުމުންނެވެ. އެ ރަށް ރިސޯޓަކަށް ހަދައި ރަސްމީކޮށް ބަންދުވި އެވެ.
އެކަމަކު އޭގެ ހަތް އަހަރު ފަހުން އެ އުފާވެރިކަން އަނބުރާ އައިސްފައި މިވަނީ ސަރުކާރުން ދިވެހިންނަށްޓަކައި ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުންނެވެ. މިއާއެކު މާލެއިން ފުރައިގެން 15 މިނެޓުގެ ރާސްތާގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ގިނަ ދިވެހި އާއިލާތަކެއް މިސްރާބު ޖެހި އެވެ. ނަތީޖާއަކަށްވީ އެ ރަށަށް އޮތް ޑިމާންޑް އުފުލި އިތުރު ބޭނުންތަކެއް ހަމަޖައްސަން ޖެހުމެވެ.
މިހާތަނަށް މި ރަށަށް އެރެނީ "ޑޭ ޓްރިޕް" ގެ ގޮތުގައި ހަމައެކަނި ދުވާލު އެވެ. އެކަމަކު އަންނަ ހަފުތާއިން ފެށިގެން މިކަން ބަދަލުކޮށް "އޯވަނައިޓަށް" ހުޅުވާލަން އާބަންކޯއިން ދަނީ ތައްޔާރުވަމުންނެވެ. އޯވަނައިޓަށް ކުޑަގިރި ހުޅުވާލާއިރު ލިބޭ ވަސީލަތްތައް ތަފާތުވާނެ އެވެ. މިހާރަށްވުރެ ހިތް ފަސޭހަވެފައި އުފާވެރިވާނެ އެވެ.
ތިލަފުށި ކައިރީގައި އޮންނަ ފަޅެއް ހިއްކައިގެން ތަރައްގީ ކުރި ކުޑަގިރިއަކީ ސަރުކާރު ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.
މި ރަށް ހިއްކައި ވަށްއިގެން ގޮނޑުދޮއް ހިމާޔަތްކޮށް ދިނީ އެމްޓީސީސީ އިންނެވެ. ފެނުގެ ހިދުމަތް ދެނީ ފެނަކަ ކުންފުނިންނެވެ. ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. ރަށް ބަލަހައްޓާ މެނޭޖު ކުރަނީ އާބަންކޯއިންނެވެ. މީގެ އިތުރުން ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ މަސީއިން މި ރަށުގައި މިސްކިތެއް އިމާރާތްކޮށް ދީފައިވެ އެވެ.
"މިހާރު ތައްޔާރު ވަމުން މިދަނީ ރަށް އޯވަނައިޓަށް ހުޅުވާލަން. އަންނަ ހަފުތާ ހިސާބު ހުޅުވާލެވޭ ވަރުވާނެ،" ކުޑަގިރި ޕިކްނިކް އައިލެންޑުފެ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހިމް އިނާޒު "މި" ނޫހަށް ވިދާޅުވި އެވެ.
މި ރަށް ތަަރައްގީ ކުރަން އެމްޓީސީސީ އިން އެކަނި 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަކުރި އެވެ. ކުޑަބަނޑޮހަށްވުރެ ދެ ގުނަ ބޮޑު މި ރަށް
ކުރިން ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގެ އިސް މަގާމުތަކެއް ފުރުއްވި ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އިނާޒު ވިދާޅުވި ގޮތުގައި ކުޑަގިރި ހުޅުވި ދުވަހުން ފެށިގެން މިހާތަނަށް 20،000 އަށްވުރެ ގިނަ ދިވެހިން ޗުއްޓީ ހޭދަ ކޮށްފައިވާ ކަމަށެވެ. އަދި ހަފުތާ ބަންދު ދުވަސްތަކަށް ރަށް ފުރިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ވަރަށް ބޮޑު ޑިމާންޑެއް އޮވޭ ހަފުތާ ބަންދަށް. ޑޭނައިޓް ކޮަޓަރިތައް ވެސް އެއްކޮށް ފުރިގެންދޭ. އެހެންވެ އިތުރު ކޮޓަރި ހަދަން މިވަނީ ވިސްނާފަ،" ހިއްކައިގެން މާލެ ކައިރީގައި ހެދި ކްރޮސްރޯޑް މޯލްޑިވްސްގެ ސައި ލެގޫންގެ ރިސޯޓް މެނޭޖަރުގެ މަގާމު ވެސް ފުރުއްވި އިނާޒު ވިދާޅުވި އެވެ.
ދިވެހިންގެ ޗުއްޓީ އަށް އިތުރު އުފާވެރި ކަމެއް ގެނެސްދިނުމުގެ ގޮތުން އާބަންކޯ އިން ވަނީ ކުޑަގިރީގައި މިހާރު ހުރި ކޮޓަރީގެ އަދަދު އަށަކުން 30 އަށް އިތުރު ކުރަން ނިންމާފަ އެވެ. މި ބަދަލާއެކު އެ ރަށް ސިފަވާނީ ދިވެހިންގެ ޗުއްޓީ ރިސޯޓުގެ ގޮތުގަ އެވެ. މިހާރުވެސް ރަށުގައި ރިސޯޓަކުން ލިބޭނެ ގިނަ ވަސީލަތްތައް ލިބެން ހުރެ އެވެ.
ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ މާލޭގެ ރައްޔިތުންގެ ޗުއްޓީ އައިލެންޑަށް ކޮންމެ ދުވަހަކު ފެރީގެ ހިދުމަތްވެސް ލިބެ އެވެ. އަދި މިހާރު މި ރަަށްވެފައިވަނީ ވިޔަފާރީގެ އިވެންޓުތައް ވެސް ބާއްވާ ރަށަކަށެވެ. ހަފުތާ ބަންދު ނޫން ދުވަސްތަކުގައި މި ރަށުގައި ކޯޕަރޭޓް ބޮޑެތި އިވެންޓުތައްވެސް ބާއްވަ އެވެ. ދިވެހިން ނުދާ ދުވަސްތަކުގައި ޓޫރިސްޓުން ޑޭޓައިޑް ވިޒިޓްވެސް ކުރެ އެވެ. މި ރަށުގެ ސަބަބުން ދިވެހި އެތައް އާއިލާތަކަށް އުފާވެރިކަން ލިބިއްޖެ އެވެ. އަނެއްކާ މިހާރު ގެންނަ ބޮޑު ބަދަލާއެކު އޯވަނައިޓަށް ހުޅުވާލުމުން މި އުފާވެރިކަން އެތައް ގުނައެއް އިތުރުވެގެންދާނެ އެވެ.
ހަޓް ތަކުގަ ފަންކާ ހަރު ކޮށްލަބަ.
ސަޅި، އިތުރަށް ރަނގަޅު ކޮށްލަން އަދި ފެރީގެ ސްޕީޑް އަވަސް ވާނެގޮތެއް ހައްދަވައި ދެއްވާ.
ހިޔާ ލިބޭ ބޮޑެތި ގަަސްތައް ހެދުނީމަ ނޫނީ ދާވަރެއްނޫން. މޯނިންގަ ގޮއްސަ 11 ވަންދެން ކެތް ނުވެ ހޫނު ކަމުން. އާފްޓަރނޫން ސެޝަން ގަ 3 ޖަހާއިރު ދިޔަސް 5 ޖަހަން ދެން މަޑު ކޮށްގެން ނޫނީ ބޭރަށް ނިކުމެ މޫދަށް އެރި ނުލެވެ.