"ކޮންމެސް ކޮންމެސް ތިޔަބޭފުޅުންގެ މުސްތަގްބަލާ ތިބޭފުޅުންގެ ދަރީންގެ މުސްތަގްބަލް ރިޝްވަތުގެ ފައިސާ ފޮއްޗަކަށް ވިއްކާ ނުލައްވާތި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
ތިމާއާ ދަރީންގެ މުސްތަގްބަލް ރިޝްވަތުގެ ފައިސާ ފޮއްޗަކަށް ވިއްކާ ނުލެއްވުމަށް ޑިފެންސް މިނިސްޓަރު / ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
"އުފާވެރި މާލެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެސީ ތައާރަފްވި ފަހުން މި ރާއްޖެ އަމާންކަމާ އޮމާންކަމާއެކީ ފާގަތި، ތިޔާގި އަދި އުފާވެރި މަންޒިލަކަށް ދިއުމުގެ ގާބިލްކަމާއި ކުޅަދާނަކަމާއި ތަޖުރިބާ ހުރި ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ފާހަގަކުރަން މިއަށް ވުރެ ފަސޭހަ އިންތިހާބަކާ އަދި ކުރިމަތި ނުވާ ކަމަށެވެ.
އަދި ތިމާއަށް ވުރެ މޮޅު ދެވަނަ މީހަކު ނެތް ކަމަށް ހެދިގެން ބުރަދަނެއް ނެތް ސަޅިބައިސާ ކަނޑާ އޮއްޓަރެއް ނެތް ސިޔާސީ ފޮނު އަރުވާ އިދިކޮޅު ކެންޑިޑޭޓުން މިހާ ގިނަ ރިޔާސީ އިންތިހާބެއްވެސް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންތިހާބަށް 8 ދުވަހަށް ވެފައިވާއިރު ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހަޔާތުގެ އެންމެ ޅަފަތުން ފެށިގެން ޖަޒީރާ ދިރިއުޅުމެއްގެ ތެރެއިން ރައްޔިތުންގެ އުފަލާއި ވޭނާއި ދަތިތަކާއި ތަކުލީފްތައް އަމިއްލައަށް ތަޖުރިބާ ކުރައްވަމުން އުޅެ ބޮޑުވި އަދި މިއަދު ރައްޔިތުންގެ އެ ތަކުލީފްތަކާއި ދަތިތަކަށް ބިނާކުރަނިވި / ދެމެހެއްޓެނިވި ހައްލު ހޯއްދަވާ ދެއްވަމުން ގެންދަވާ ހަރުދަނާ ދުރުވިސްނޭ ރައްޔިތުންގެ ރައީސަކު ހުންނެވުން ކަމަށެވެ.
"ކުޑައެއް ބޮޑެއް ޒުވާނެއް މުސްކުޅިއެއް އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއް ނެތް. ހަމަ ހަގީގަތުގައިވެސް ރައީސް ސޯލިހް އަޅުގަނޑުމެން އެންމެންގެ ހިތްތައް ފަތަހަ ކުރައްވައިފި،" މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ތާހިރު ދިރިއުޅުމާއި "ޖަޒީރާ ރާއްޖެ" އާއި "އުފާވެރި އަމާން ރާއްޖެ" އެއީ ރައީސް ސޯލިހް ވޯޓް ހޯއްދަވަން ބޭނުންފުޅު ކުރައްވާ ސްލޯގަން ތަކެއް ނޫން ކަމަށާ އެއީ ހިތުގެ އަޑިން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އަސާސްތައް ކަމަށެވެ. ވެރިކަމުގެ މިވީ ފަސް އަހަރުގެ ތެރޭގައި ރައީސް ގެންދެވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމަ ކޮށްދެއްވަމުން، ގައުމުގެ މުސްތަގްބަލް ބިނާ ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.
"ރައީސް ސޯލިހް ވިސްނުންފުޅު ގެންގުޅުއްވީ އުފަންވާ ރަށެއްގެ ގޮތުން ނުވަތަ ދިރިއުޅޭ ތަނެއްގެ ސަބަބުން ރައްޔިތު މީހާ އަށް ހައްގުވާ މިންވަރުގެ ތަފާތެއް އޮވެގެން ނުވާނެކަން،"
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ކުޑަ އާބާދީއެއް ބޮޑު އާބާދީ އެއް ތަފާތު ނުކުރައްވާ ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފަސް އަހަރު ތެރޭ ރައީސް ސޯލިހް ޔަގީން ކޮށްދެއްވީ ސާފު ބޯފެނާއި ނަރުދަމައާ ފެންވަރު ރަގަޅު 24 ގަޑި އިރުގެ ކަރަންޓާއި ރައްޔިތުންގެ ޖީބަށް ލުއި ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ. އަދި ހިތްހަމަޖެހިލައިގެން ލަފާ ފުރޭނެ ތަނަވަސް ބަނދަރާއި އުމުރު ދުވަހަށް ބިންވެރިކަމުން މަހްރޫމްވީ ކަމަށް ބަލައިގެން މާޔޫސްކަން މަތީ ތިބި މާލޭގެ އެތައް ހާސް ރައްޔިތަކަށް ބިންވެރިކަމާއި މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަން ކަމަށް ވިދާޅުވި އެވެ.
އަމިއްލަ މޮޅުކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރައީސް ސޯލިހް އަވަސްވެ ވަޑައިގަތީ ތައުލީމީ އާ ޖީލެއް ބިނާކުރެއްވުމަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 18000 އަށްވުރެ ގިނަ ދިވެހިންނަށް ހިލޭ ފަސްޓް ޑިގްރީގެ ފުރުސަތު ފަހިކޮށް ދެއްވާ ސްކޫލްތަކާއި ލެބޯޓްރީތަކާއި މަލްޓީޕާޕަސް ހޯލްތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހައްދަވައި ދެއްވައިފި ކަަމަށެވެ.
އަދި ސިޔާސީ ވެރިން ހައްޔަރުކޮށް ވާދަވެރިންގެ އަޑު ކަނޑުވާލުމުގެ ބަދަލުގައި އެންމެންނަށްވެސް ފުރިހަމަ ސިޔާސީ މިނިވަންކަން ދެއްވި ކަމަށް ވިދާޅުވި އެވެ.
އެކަމަނާ ތަކުރާރުކޮށް ވިދާޅުވީ ސެޕްޓެންބަރު ގައި ނިކުމެ ވޯޓްލައްވާއިރު ދެ ގޮތެއް އިހްތިޔާރު ކުރެއްވިދާނެ ކަމަށާ އެއީ ހުދުމުހުތާރުކަމާއި އަނިޔާވެރިކަމާއި ވޯޓަށް އިހްތިރާމް ނުކުރާ އަދި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލާ މަޖިލިސް ބަންދުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެމްބަރުކަން ގެއްލުވާލާ އެތައްހާސް ރައްޔިތެއްގެ އަޑު ކަނޑުވާލާނެ ވެރިއެއްތޯ ނުވަތަ ހުލްގު ހެޔޮ އޯގާތެރި ހިތްހެޔޮ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ ރައްޔިތުންގެ ތަކުލީފްތަކަށް ތަސައްލީ ގެނުވާނެ ވެރިއެއްތޯ ނިންމުން ކަމަށެވެ.
ޗޮއިސް ވަރަށް ސާފު. ހަމަ ޔަގީން އަޅުގަނޑުމެން އެންމެވެސް ބޭނުންވާނީ އޯގާތެރި ހެޔޮވެރިކަމެއް. ކޮންމެސް ކޮންމެސް ތިޔަބޭފުޅުންގެ މުސްތަގްބަލާ ތިބޭފުޅުންގެ ދަރީންގެ މުސްތަގްބަލް ރިޝްވަތުގެ ފައިސާ ފޮއްޗަކަށް ވިއްކާ ނުލައްވާތި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.