މީ އެންމެ ރަނގަޅު ރައީސް، ދެކޮޅު މީހަކު ހުރެގެން ނުވާނެ

"އަޅުގަނޑަށް ހަމަ ޔަގީން މިރަށަކުންނެއް އަޅުގަނޑަކަށާ އިދިކޮޅަކަށެއް ވޯޓު ދޭނެ މީހަކު ހުރެގެންނެއް ނުވާނެ،" ރައީސް ޔަގީންކަމާއެކު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހިންނަވަރުގައި ވާހަކަދައްކަވަނީ --

ވެރިކަމަށް ވަޑައިގެންނެވުމުގެ އެތައް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި ނުކުމެ ހުންނެވީ ހުރިހާ ރައްޔިތުންގެ އިހުސާސްތައް ކުރެވޭ ހާލުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އުފަން ރަށް، ޅ. ހިންނަވަރުގައި ވާހަކަދައްކަވަމުން ވިދާޅުވެއްޖެ އެވެ.

ހިންނަވަރުގައި ބޭއްވި ކެމްޕޭނު ބޮޑު ޖަލްސާގައި ރައީސް ބޮޑަށް ދެއްކެވީ މާޒީގެ ވާހަކަތަކެވެ. އާކުރެއްވީ ކުޑައިރުގެ ހަނދާންތަކެވެ. އެމަނިކުފާނަށްއެކު 80ގެ ފަހުކޮޅުން ފެށިގެން އެކިއެކި އިސްލާހީ މަސައްކަތްތަކުގައި އުޅެފައި ތިބި ހިންނަވަރުގެ އެކުވެރިންގެ ވާހަކަތައް ވިދާޅުވެ ދެއްވި އެވެ. އެގޮތުން އެންމެ ފުރަތަމަ ނުކުތީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށާއި "ސަންގު ނޫސް" ނެރޭއިރު ބަންދުކޮށްފާނެ ކަމުގެ ބިރަށް ފިލަން އަންނަނީ ހިންނަވަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ގޮނޑިތަކުގައި އިށީންދެ ތިބި ބައެއް މީހުންނަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެއިން ކޮންމެ މީހަކަށް ވެސް އޭރުގެ ތަޖުރިބާ އަށް ބަލާއިރު މިއަދު ރާއްޖެ އާދެވިފައި އޮތް ހިސާބު ވަރަށް ރަގަޅަށް އެނގޭނެ ކަމަށެވެ. އޭރާ މިހާރާ އަޅާ ބަލާއިރު އައިސްފައި އޮތް ބަދަލު އެނގޭނެ ކަމަށް ވިދާޅުވި އެވެ.

"1990 ގެ އަހަރުތަކާ، ދެހާހުގެ ކުރީކޮޅާ، 2010 އިން ފެށިގެން 2018 އާ، 2018 އިން ފެށިގެން 2023 އާ ދޭތެރޭ މިހިނގާދިޔަ ކަންތައްތައް މިނެކިރާލަން އެންމެ ކަމުދާ މީހުން ތިބޭނީ މިރަށުގަ. ހުރިހާ ކަމެއް ގާތުން ފެނި، އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފަ ތިއްބެވި ބޭފުޅުން ތިއްބަވާނީ. މި އަންނަ ބަދަލަކީ ހެޔޮ ބަދަލެއްކަން، ރަގަޅު ބަދަލެއްކަން އެންމެ ރަގަޅަށް ދެނެވަޑައިގަންނަވާނެ ބޭފުޅުން ވެސް ތިއްބަވާނީ މިރަށުގަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ދެން ފާހަގަކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމުގައި ކެރިގެން ނޫނެކޭ ބުނި ހަމައެކަނި ރަށަކީ ހިންނަވަރު ކަމެވެ. އެރަށާއި އަތޮޅު ވެރިކަން ކުރާ ރަށް، ނައިފަރު ބާކީ ކޮށްފައި އޮތީ އެހެންވެ ކަމަށް ވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ހިންނަވަރުގައި މިރޭ ކުރިއަށް ދިޔަ އެމްޑީޕީ ޖަލްސާ: ގިނަ ބަޔަކު ވަނީ ޖަލްސާގައި ބައިވެއިވެފައި --

އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ މައިންބަފައިން ވެސް އެމަނިކުފާނާއި ވަރަށް ކައިރީގައި މަސައްކަތް ކުރެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް މައުމޫން ގެންގުޅުއްވި ސިޔާސަތުތައް ވެސް ކަމުނުގޮސްގެނާއި ބަދަލެއް ނައުމުން ހިންނަވަރު ރައްޔިތުންނަށް ޖެހުނީ އެމަނިކުފާނަށް ވެސް ނޫނެކޭ ބުނަންކަން ރައީސް ފާހަގަކުރެއްވި އެވެ.

މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ހިންނަވަރުން ރައީސްއާ އިދިކޮޅަށް ވޯޓު ދޭނެ މީހަކު ނުހުންނާނެކަމަށް ޔަގީންކަމާއެކު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން މިރަށަކުންނެއް އަޅުގަނޑާ އިދިކޮޅަކަށެއް ވޯޓު ދޭނެ މީހަކު ހުރެގެންނެއް ނުވާނެ،" ރައީސް ޔަގީންކަމާއެކު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު ނިކުންނަވައިގެން އެހުންނެވީ ކުދި އަދި ބޮޑެތި އާބާދީގެ ރަށްތަކުގެ އިހުސާސްތައް ވަރަށް ރަގަޅަށް އެނގިގެން ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށާ ދެމެދު ގެންގުޅުނު ތަފާތުކުރުންތައް އެއްކޮށް ނައްތައިލާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

ހިންނަވަރު ރައްޔިތުން ރައީސްގެ ޖަލްސާގައި: މުޅި އަތޮޅަށް ވެސް އެންމެ ރަގަޅު ވާނީ އެމަނިކުފާނު ހޮވައިގެން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި --

"އަޅުގަނޑު ކުޑައިރު ފެންނަ އެއްކަމަކީ މަގުމަތީގައި ކޮންމެ ދުވަހަކު ހަވީރު ނުކުމެ ވަޅު ކޮންނާނެ. އެއީ ބޯފެން ހޯދަން މިރަށު ރައްޔިތުން ކުރާ ކަމެއް. ތުޅާދޫގަ ވެސް އެހެން، ކެންދޫގަ ވެސް އެހެން، އެކަހަލަ ބައެއް ރަށްރަށް ހުންނާނެ، މިއީ ބޯފެންފޮދު ހޯދަން މިރަށްރަށުގެ މީހުން އުޅެން ޖެހުނު ގޮތް. ރަށަށް އަރައި ފައިބާން ދަތިކަން އަޅުގަނޑުމެން އެންމެންނަށް އިހުސާސް ކުރަމުން ގެންދިޔައީ. މިއަދު އަޅުގަނޑު ﷲ ގެ ރަހުމަތާއެކުގަ ރާއްޖޭގެ ވެރިކަމަށް އައިސްހުރިއިރުގަ މިހުރިހާ އިހުސާސްތަކާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، ތަޖުރިބާއާއެކީގަ. އަޅުގަނޑަށް އެނގޭ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަން،" ކުޑައިރުގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މާޒީއާ ދޭތެރޭ ވިސްނުން ވަރަށް މުހިންމު ކަމަށެވެ. ހާއްސަ ގޮތެއްގައި 2018 ވަނަ އަހަރުގެ ކުރިން ހިނގާ ދިޔަ ކަންކަމަށް ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ. ރައީސް ޔަގީންކަމާއެކު ވިދާޅުވެފައި ވަނީ މުޅި ފާދިއްޕުޅަށް ވެސް އެންމެ ރަގަޅު ވާނީ އެމަނިކުފާނު ހޮވައިގެން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ހިންނަވަރު ރައްޔިތުން ތިބީ ގޮތް ނިންމައިގެން، އެޔަކަށް ބަދަލެއް ނާންނާނެ. ހިންނަވަރު ރައްޔިތުންނަށް އަދިވެސް އެންމެ ރަގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ނައިފަރު ރައްޔިތުންނަށް ވެސް އެންމެ ރަގަޅު ވާނީ އަޅުގަނޑު ހޮވައިގެން. ފާދިއްޕޮޅު ރައްޔިތުންނަށް ވެސް އެންމެ ރަގަޅު ވާނީ އަޅުގަނޑު ހޮވައިގެން. މުޅި ރާއްޖެ، ހުރިހާ ރަށަކަށް އެންމެ ރަގަޅު ވާނީ އަޅުގަނޑު ވެރިކަމަށް އައިސްގެން،" ރައީސް އުންމީދާއެކު ގޮވައިލެއްވި އެވެ.

އުފަން ރަށުން ރައީސަށް މިއަދު ކީ ހޫނު މަރުހަބާއަށް އެމަނިކުފާނު ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެެވެ. އެމަނިކުފާނު ދެއްވި ޔަގީންކަމަކީ ފާދިއްޕޮޅަށް ކުރިއެރުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.