"ކުރީ ސަރުކާރުތަކުން ނައިފަރަށް އަޅައެއް ނުލި، އެކަން ބަދަލުވެއްޖެ"

"ވެރިކަން ކުރާ ރަށްތަކުގެ ތެރޭގައިވެސް ގެންގުޅެފަ ހުރި ތަފާތުކުރުންތައް މިހުރީ. އެހެންނަމަވެސް އަޅުގަނޑުމެން މިދައުރުގަ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް އެކަމަށްވެސް ކުރެވިއްޖެ،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނައިފަރުގައި ވާހަކަދައްކަވަނީ --

ރާއްޖޭގައި އަތޮޅު ވެރިކަން ކުރާ ރަށްތަކުގެ ތެރެއިން ޅ. ނައިފަރަކީ މީގެ ކުރީ ސަރުކާރުތަކުން ބާކީކޮށްލައި، ވަރަށް ބޮޑަށް ތަފާތު ކުރާ ރަށެއް ކަމަށާއި، އެކަން ބަދަލުވެގެން ދިޔައީ މި ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތާއީދު ހޯދުމަށް މިއަދު ނައިފަރަށް ވަޑައިގަތުމުން ރައީސަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނައިފަރު ރައްޔިތުންނަކީ އަބަދުވެސް ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ނުބަލާ، ރަށަށް ކަންކަން ކޮށްދޭނެ ވެރިއެއް އިހުތިޔާރު ކުރާ ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ ނައިފަރަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ރަށެއް ކަމަށެވެ. އެމަނިކުފާނަށް ރާއްޖޭގައި އަތޮޅުވެރިކަން ކުރާ ގިނަ ރަށްރަށަށް ދެވިއްޖެ ކަމަށެވެ. އެކަމަކު ތަރައްގީނުވެ، އެއްވެސް ބަދަލެއް ނައިސް އޮތް ހަމައެކަނި ރަށަކީ ނައިފަރު ކަމަށެވެ. އެހެން ރަށްރަށުގައި ބޮޑެތި ގަނޑުވަރުތަކާއި އޮފީސްތައް އަޅާފައި ހުރި މަންޒަރުތައް ފެނުނުކަމަށް ރައީސް ވިދާޅުވި އެވެ.

"ތިހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ މިރަށުގަ ވެރިކަން ކުރާރަށް ފެށުނީއްސުރެ، ޒަމާނުއްސުރެ. އެހެންނަމަވެސް އެހެން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާ، މިއަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ތަފާތު ތިބޭފުޅުން ބައްލަވާ ތަރައްގީގެ ކަންތައްތަކުގަ. އަޅާލުމެއް ނެތް، މާކުރީ ޒަމާނުގައި ހުރި އަތޮޅުގެ އެހުރީ، އިތުރު އެއްވެސް ކަމެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަން ކުރާ ރަށްރަށުގެ ތެރޭގައި ގެންގުޅެފައި ހުރި ތަފާތުކުރުންތައް ނައިފަރުން ފެންނަމުންދާ ކަމަށެވެ. އެކަމަކު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކައުންސިލް އިދާރާއެއް އެޅި ރަށަކަށް ނައިފަރު ވާނެ ކަމަށެވެ.

"ވެރިކަން ކުރާ ރަށްތަކުގެ ތެރޭގައިވެސް ގެންގުޅެފަ ހުރި ތަފާތުކުރުންތައް މިހުރީ. އެހެންނަމަވެސް އަޅުގަނޑުމެން މިދައުރުގަ ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް އެކަމަށްވެސް ކުރެވިއްޖެ. އެންމެ ފުރަތަމަ ކައުންސިލް އިދާރާއެއް އެޅުނު ރަށަކަށް ނައިފަރު ވާނެ،" ރައީސް ވިދާޅުވި އެވެ.

ނައިފަރު ރައްޔިތުން މިއަދު ރައީސްގެ ކެމްޕޭނު ޖަލްސާގައި --

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕާޓީތަކަށް ކަމަށެވެ. އެމްޑީޕީއަށް މެޖޯރިޓީ އޮތް ކައުންސިލްތައް 50 އަށްވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. ނައިފަރު ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ ޕީޕީއެމް އަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ ވެސް ޕީޕީއެމް ބޭފުޅެއް ކަމަށެވެ.

އެހެން ކަން އޮތް ނަމަވެސް އެއްވެސް ތަފާތު ކުރުމެއް މިރަށާމެދު ބަހައްޓާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުތައް އެފަދަ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަމުންދާ ކަމަށެވެ. 

ނައިފަރަށް ވެވަޑައިގެންނެވި ވައުދުތައް

  •  ހުރިހާ މަގެއްގައި ތާރުއަޅާ މަގުތައް ހެދުން
  •  20 ހެކްޓަރަށްވުރެ ބޮޑުކޮށް ބިން ހިއްކުން
  •  200 ހައުސިން ޔުނިޓް އަޅައިދިނުން
  •  ފެނާ ނަރުދަމާ ނުލިބޭ ގެތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން
  •  މަދްރަސަތުން އިފްތިތާހުގައި މަލްޓިޕާޕަސް ހޯލަކާއި ސައިންސް ލެބެއް އަޅުއްވައިދިނުން
  •  ޅ. އަތޮޅު ހޮސްޕިޓަލުގައި ސައިކްރޭޓިސްޓަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީގެ ހިދުމަތް
  •  ބަނދަރު ކުދި އުޅަނދުތަކަށް ކައިރިކުރެވޭ ގޮތަށް ތަރައްގީ ކުރުން
ރައީސްއާއެކު ވަޑައިގަތް ބޭފުޅުން މިއަދު ނައިފަރުގައި އޮތް ބޮޑު ފެންގަނޑެއް ކައިރިން ވަޑައިގަންނަވަނީ: މަގުތަކުގެ މައްސަލައަށް މިހާތަނަށް ހައްލެއް ގެނެސްދީފައެއް ނުވޭ --

ނައިފަރުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށަކީ އުމްރާނީ ގޮތުން ބޮޑު ތަރައްގީއެއް ގެންނަން ޖެހޭ ރަށެއްކަން ފާހަގަކުރައްވާފަ އެވެ. މި ސަރުކާރުން އެރަށުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް 100 ހައުސިން ޔުނިޓް އަޅާދީފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ޔުނިޓްތަކުގެ ކުއްޔަށް ހެޔޮ ބަދަލެއް ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ނައިފަރު ކައިރީ އޮންނަ ޅ. ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްއަށް ވެސް އެއްވެސް ބަދަލެއް ކުރީ ސަރުކާރުތަކުން ގެނެސްދީފައި ނުވާ ކަމަށެވެ، އެތަން ހިންގަމުން އެ ގެންދަނީ އަބަދުވެސް އެއޮތް ގޮތަށް ކަމަށާއި ކުޑަމިނުން މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދީފައި ނުވާ ކަމަށެވެ.

މަސްވެރިންނަށް ރައީސް ވެވަޑައިގަތް ވައުދަކީ ފެލިވަރު ބަދަލުކޮށްލައި އެތަނުން ލިބޭ ހިދުމަތްތައް ފުޅާ ކުރުމެވެ.

"އޭރަށް ތިބޭފުޅުން ބާނާ މަސް އައިސްގައި ބަހައްޓައިގެން، ތާޒާ ކަމާއެކީގަ ބާނާ ހުރިހާ މަހެއް އިރާދަކުރެއްވިއްޔާ ކިރޭނެ. ހެޔޮ ރަގަޅު އަގު ވެސް ލިބޭނެ. އެއީ މިކަން ކުރަން ޖެހޭ ގޮތަކީ. މޫސުމަށް ރިޔާސީ އިންތިހާބާ ދިމާކޮށް ނުކުމެ އެއް ހަފްތާއަށް ވީމަ ނުކުމެ މަސް ކިލޯއެއް ތިމްނަނާ 20 ރުފިޔާއަށް ގަންނާނަމޭ ބުނީމަ އެއީއަކީއެއް ހަމަޖެހޭ ކަމެއް ނޫން. އެއީއެއްނޫން ކަން ކުރަން ޖެހޭ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ނައިފަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ އިތުރުން މަގުތަކުގެ މައްސަލަ އެވެ. ރަށުގެ މަގުތައް ހަލާކުވެ ހިނގާބިނގާވެ އުޅުމަށާއި އުޅަނދުތައް ދުއްވަން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާ ކަމަށް ރަށު ރައްޔިތުން ބުނެ އެވެ. އެރަށޫގައި 2،6 ކިލޯމީޓަރުގެ މަގު ހަދަން މިހާރު ވަނީ އާރްޑީސީއާ ހަވާޅުކޮށްފަ އެވެ. އެކަމަކު އެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.