ގާސިމް ހުށައަޅުއްވަނީ ވަށާޖެހޭ އުފާވެރި ކަމުގެ އެޖެންޑާއެއް: ޑރ. އަމީން

"ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އޭގެ ތެރޭގައި ހިމެނޭ އެޖެންޑާއެއް، އުފާވެރި ކަމުގެ އެޖެންޑާ އެއް ހިއްޕަވައިގެން ތަރައްގީގެ އެޖެންޑާއެއް ހިއްޕަވައިގެން އެމަނިކުފާނު [ގާސިމް] ވަޑައިގަންނަވަނީ،"

ގާސިމްގެ މެނިފެސްޓޯ އިފްތިތާހު ކުރުން: އަމީން ވިދާޅުވީ ގާސިމް ހުށައަޅުއްވަނީ ވަށާޖެހޭ އުފާވެރި ކަމުގެ އެޖެންޑާއެއް ކަމަށް --

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށައަޅުއްވަނީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ ވަށާ ޖެހޭ ފުރިހަމަ އެޖެންޑާ އެއް ކަމަށް ގާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ޕީއެސްއެމް އިން މިރޭ ގެނެސް ދިން "ރަނިންމޭޓް" ޕްރަގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން ހަ ކެންޑިޑޭޓުންގެ ރަނިންމޭޓުން ބައިވެރިވެވަޑައިގެންނެވި އެ ޕްރަގްރާމްގައި އަމީން ވަނީ އެކި މައްސަލަތަކާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް ތަފްސީލު ގޮތެއްގައި ޖަވާބު ދެއްވާފައެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގައުމަށް ގެންނަވާނެ މުހިންމު ބަދަލުތައް ވެސް ހިއްސާ ކުރެއްވި އެވެ.

އަމީން ވިދާޅުވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ގައުމުގައި ހުރި މައްސަލަތަކަށް ބޮޑު ދެ ޕާޓީން ހައްލު ގެންނާނެ ކަމަށް ބުނާ ކަމަށާ ނަމަވެސް މިއަދާ ހަމައަށްވެސް މައްސަލަތަކުން އަރައެއް ނުގަނެވުނު ކަމަށެވެ. ގިނަ ރައްޔިތުން ތިބީ ކޮންމެވެސް ލޯނެއްގައި ޖެހި ދަރާ ވިކިފައި ކަމަށް ވިދާޅުވި އެވެ.

ތަފާތު އެކި ކަންކަމާއި ގުޅިގެން ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގައިކަން ސާވޭތަކުން ދައްކާ ކަމަށާ އެހެން ކަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މި ފަހަރު ރިޔާސީ ރޭހަށް ނިކުންނެވީ ހުރިހާ މައްސަލަތަކަކަށް ހައްލު އޮތް ވަށާޖެހޭ ފުރިހަމަ އެޖެންޑާއަކާ އެކު ކަަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އޭގެ ތެރޭގައި ހިމެނޭ އެޖެންޑާއެއް، އުފާވެރި ކަމުގެ އެޖެންޑާ އެއް ހިއްޕަވައިގެން ތަރައްގީގެ އެޖެންޑާއެއް ހިއްޕަވައިގެން އެމަނިކުފާނު [ގާސިމް] ވަޑައިގަންނަވަނީ،"

ޑރ. އަމީން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ތ އަތޮޅުގައި

އަމީން މިރޭ ވިދާޅުވި ގޮތުގައި ގާސިމްގެ ވެރިކަމެއް ގައި ގައުމީ މަންހަޖު ޓްރާސްފޯމް ކުރައްވާނެ އެވެ. މިހާރު އޮތީ ގައުމިއްޔަތު ކަންފުޅެއް ވެސް ނެތް މަންހަޖެއް ކަމަށާ ސުކޫލުން ނިކުންނަ ދަރިވަރުންގެ ކިބައިން މުޖްތަމައު އެދޭ ފަދަ ބަދަލެއް ނުފެންނަނީ އެ ސަބަބާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި އޮތީ އެހެން ގައުމުތަކުން ނަކަލުކޮށްފައި އޮތް މަންހަޖެއް ކަމުން ތައުލީމީ ނިޒާމުގެ މުގައްރަރަކީ ދިވެހީން ތައްޔާރު ކުރާ ދިވެހި މުގައްރަރަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުދީން ހަދާ އެގްޒާމް އަކީ ކެމްބްރިޖް ރިކޮގްނައިޒް އެގްޒާމަކަށް އަޅުގަނޑުމެން ހަދާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ މުގައްރަރަކީ ދިވެހީން ތައްޔާރު ކުރާ ފަރުމާ ކުރާ ބޭރުގެ ކޮންސަލްޓެންޓުން ބައިވެރިވެގެން ހަދާ މުގައްރަރަކަށް އަޅުގަނޑުމެން ހަދާނަން. އޭގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ޔުނިވާސިޓީ ތަކުން އަޅުގަނޑުމެންގެ ކުދީންގެ ފެންވަރު ރިކޮގްނައިޒް ކުރާނެ،"

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ޑްރަގް މައްސަލަކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އެ މައްސަލަ ހައްލު ނުކުރެވި އޮތީ އެކަން ކުރުމުގެ ގަޓް ނުވަތަ ގާބިލްކަން ސަރުކާރުތަކުގައި ނެތުމުން ކަމަށެވެ.

"ސަރުކާރުގައި އެވަރުގެ ގަޓް ނެތުން. އެވަރުގެ ހިތްވަރުން ނެތުން. އަދި އެވަރުގެ ވިސްނުންވެސް ނެތީ،" ރާއްޖޭގައި ޑްރަގްގެ ހާލަތު އޮތް މިންވަރާމެދު ކަންބޮޑުވުން ފާޅު ކުރައްވާ އަމީން ވިދާޅުވި އެވެ.

ޑރ. އަމީން އަދި ގާސިމް އިބްރާހިމް

ނަމަވެސް ގާސިމްގެ ވެރިކަމެއްގައި މުޅި މައްސަލަ ދެނެގަނެ އެކަމަށް ހައްލު ހޯއްދަވާނެ ކަމަށާ ރާއްޖެއަށް ޑްރަގް އެތެރެވުން ހުއްޓުވާ އެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށް މުޖްތަމައުއަށް ނެރުމަށް ފުރިހަމަ ވަށާ ޖެހޭ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތްކަލާންގެ ރުއްސެވިއްޔާ ދުނިޔޭގެ ފެންވަރުގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމު ކުރެވޭނެ. އަދި މިއަދު މަގުމަތިވެފައިވާ ހުރިހާ ކުދީންނަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ކުދީންނަށް އެ ފަރުވާގެ ފުރުސަތު އަޅުގަނޑުމެން ފަހިކޮށްދޭނަން،"

ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގެންގުޅުއްވާނެ ސިޔާސަތާއި ގުޅޭގޮތުން ސުވާލު ކުރުމުން އަމީން ވަނީ މި ސަރުކާރާއި ކުރީ ސަރުކާރުން ޖުޑީޝަރީ އިސްލާހު ކުރުމުގެ ވާހަކަ ހަރު އަޑުން ދެއްކި ނަމަވެސް ފަހިކޮށް ފުރުސަތު ލިބި އެކަން ނުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް ޖޭއެސްސީ ގައި ސިޔާސީ ނުފޫޒު ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ޖުޑީޝަރީ އިސްލާހު ކުރައްވާނެ ކަމަށް މިއަދު އެ ބޭފުޅުން ވިދާޅުވުމަކީ ހިނިއަން ކަމެއް ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމް ސަރުކާރުން އިންސާފު ގާއިމު ކުރުމަށް އެ ކިޔެވި ފޮތުން މިއަދު އެމްޑީޕީ ސަރުކާރުން ވެސް އަމަލު ކުރަނީ. ރާއްޖޭގައި އެ ދުވަސްވަރު ތިބި ހުރިހާ ސިޔާސީ ވެރީން އެ މީހުން ޓެރަރިސްޓުންނަށް ހަދާ ޖަލަށް ލީ އެނގޭތޯ. މި ސަރުކާރުން ވަކި ބައެއްގެ ފަހަތުން ދިއުން ނޫން އެހެން ކަމެއް ނެތް. މި ބޭފުޅުންގެ ކިބައިގައި އެއްވެސް އިހްލާސްތެރި ކަމެއް ނެތް،"

ބައްދަލްވުމެއްގައި އަމީން ވާހަކަފުޅު ދައްކަވަނީ

އަމީން ސާބިތުކަމާ ޔަގީން ކަމާއެކު ވިދާޅުވީ ކޯޓްތަކަށް އޮތް ނުފޫޒު ގާސިމްގެ ވެރިކަމެއްގައި ނައްތާލައްވާނެ ކަމަށެވެ. އަދި ކޯޓްތަކާއި ފަނޑިޔާރުންނަކީ ހަގީގީ މާނާގައި ހުރިހާ ގޮތުން މިނިވަން ކަމާއެކު މަސައްކަތް ކުރެވޭ ތަންތަނާއި ބަޔަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން ފުރިހަމަ ވަސީލަތާއި ތަމްރީނާއި މުސާރައާ އިނާޔަތް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް އާސަންދަ ނިޒާމަކީ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އޮތް ނިޒާމެއް ކަމަށް ވިދާޅުވެ އާސަންދަ އިސްލާހުކޮށް ރައްޔިތުންނަށް މިހާރަށް ވުރެ މާ ފުރިހަމަ ވަށާޖެހޭ ސިއްހީ ނިޒާމެއް ގާސިމްގެ ވެރިކަމެއްގައި ތައާރަފު ކުރައްވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އިސްރާފާއި ކޮރަޕްޝަން ކިތަންމެ ބޮޑު ނަމަވެސް މިއަދުވެސް ރާއްޖޭގައި އޮތީ ދެކޮޅު ނުޖެހޭ ސިއްހީ ނިޒާމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އެއްވެސް މީހަަކަށް ފަރުވާގެ ފުރިހަމަ ކަން އެ ނިޒާމުން ނުލިބޭ ކަމަށެވެ. މީގެ އެތައް އަހަރެއް ކުރީން ގާސިމް ވަނީ އެމަނިކުފާނުގެ އަމިއްލަަފުޅު ހަރަދުގައި ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވާފައި ކަމަށާ އެމަނިކުފާނުގެ ވެރިކަމެއްގައި މާ ފުރިހަމައަށް އެކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ގާސިމްގެ ވެރިކަމެއްގައި ފުރަތަމަ ދެ އަހަރު ނިމޭންވާއިރަށް ދެ ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅުއްވާނެ އެވެ. އަދި ފަސް އަހަރުތެރޭ ހަތް ސަރަހައްދެއްގައި އެފަދަ ހޮސްޕިޓަލްތައް ގާއިމު ކުރައްވާނެ އެވެ. އަދި އެއީ ހުސް އިމާރާތްތަކަކަށް ނުވާނެ ކަމަށާ އެއީ ފުރިހަމަ ހިދުމަތް ލިބޭ ހިދުމަތް ދެވޭކަން ކަށަވަރު ކުރެވޭ ތަންތަނަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމްގެ ވެރިކަމެއްގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާ އިގްތިސާދަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ މެނިފެސްޓޯގައިވާ މުހިންމު ކަންކަން އަމީން ވަނީ މިރޭ ވެސް ތަފްސީލު ކޮށް ދެއްވާފައެވެ.

ޑރ. އަމީންް އިބްރާހިމަކީ ކޮން ބޭފުޅެއް؟ ޑރ. އަމީން އިބްރާހިމް އުފަންވެވަޑައިގަތީ ބ. ތުޅާދޫ އަށެވެ. އަމީންގެ ފުރަތަމަ ސުކޫލަކީ ތުޅާދޫ ސުކޫލެވެ. އޭގެ ފަހުން މާލޭ އިންގްލިޝް ސުކޫލުން ތައުލީމް ހާސިލު ކުރެއްވި އެވެ. އެ ސުކޫލުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި އަމީން ހިމެނިވަޑައިގަންނަވައެވެ. އޭގެ ފަހުން މަތީ ތައުލީމް ހާސިލު ކުރެއްވުމަށް އޮސްޓްރޭލިއާއާ މެލޭޝިޔާ އަދި އިނގިރޭސިވިލާތަށް ވަޑަައިގެންނެވި އެވެ. ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ.

ޑރ. އަމީންގެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އޭގެ ފަހުން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ވަރަށް އިސް މަގާމުތައް ފުރުއްވި އެވެ. އޭގެ ތެރޭގައި ޒުވާނުންގެ ގައުމީ މަރުކަޒާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ނެޝަނަލް ނާކޮޓިކްސް ބިއުރޯ އަދި ޖެންޑާ މިނިސްޓްރީ ހިމެނެއެވެ. ރައީސް ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރު ކަން ވެސް ކުރެއްވި އެވެ.

އަމީން ފުުރުއްވީ ޓްރާސްޕޯޓް މިނިސްޓަރު ކަމުގައެވެ. ވަރަށް ގިނަ ކުންފުނިތަކުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް ޑރ. އަމީން ވަނީ މަސައްކަތް ކުރައްވާފައެވެ. ތައުލީމީ ދާއިރާގައި ވަރަށް މުހިންމު ހިދުމަތްތަކެއް ވެސް ކުރައްވާފައިވެއެވެ. ގައުމީ ހިދުމަތުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 

ކޮމެންޓް

2
450
މުއާވިއަތު -
1 year ago

ގަވައިދާ ހިލާފު ބިދޭސީން ބޭރުކުރުން އެއި އެންމެ މުހިއްމު އެއްކަންތައް. އެހެން ގައުމުތަކުގައި ދިވެހިންނަށް ނޫޅެވޭ. ރާއްޖޭގައި އެހެންމީހުންނަށް ވެސް އުޅެވިގެން ނުވާނެ. މިއީ ރައީސް މައުމޫން، ރައީސް ނަޝީދު ، ރައީސް ޔާމިން، ރައީސް ވަހީދު އަދި ރައީސް އިބޫ ވެސް ޒިންމާ ވާންޖެހޭ ކަން ކަން .

ދައޫދު
1 year ago

ރޭގެބަހުސްގައި އަމީން ދެއްކި ވާހަކަތައް ރަނގަޅު. އަނެއް ދެ ޕާޓީއަށް ފުރުޞަތު ދެވިއްޖެ. އަދިވެސް އެ ކިޔަނީ ކަންކަން ނުކުރެވޭ. ނުކުރީ ހަމަ އެމީހުން. އެހެންވީމާ މި ފަހަރު ގާސިމަށް އަހަރެންގެ ވޯޓް ދޭނަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.