ޑިމޮކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހްމީ ވިދާޅުވި ގޮތުގައި އިލްޔާސް އަށް މަރުގެ އިންޒާރު ދީފައި ވަނީ "ރޯނު އެދުރު 813" ނަމުގައި ހިންގަމުންދާ އެކައުންޓަކުންނެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލައިދޭން އެ ޕާޓީން އެދިއްޖެ އެވެ.
ޑިމޮކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހްމީ ވިދާޅުވި ގޮތުގައި އިލްޔާސް އަށް މަރުގެ އިންޒާރު ދީފައި ވަނީ "ރޯނު އެދުރު 813" ނަމުގައި ހިންގަމުންދާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ތަކުރާރުކޮށް އިލްޔާސްއާ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނަށް ދަނީ މަރުގެ އިންޒާރު ދެމުންނެވެ.
އިމްތިޔާޒް ވަނީ އެއީ އާދައިގެ ކަމެއް ކަމަކަށް ނުދެކި ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލައިދޭން އެދިފައެވެ. އަދި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށައަޅާނެ ކަމަށް ވަނީ ބުނެފައެވެ.
އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދީފައިވާއިރު ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް ވަނީ މަރުގެ އިންޒާރު ދީފައެވެ. އުމަރަށްވެސް މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އުމަރު ވަނީ އެ މެސެޖްތައް ހިއްސާ ކުރައްވާފައެވެ. އުމަރު ވިދާޅުވި ގޮތުގައި މަރުގެ އިންޒާރު ދިނުމުގެ ފަހަތުގަައި ވަނީ ޑްރަގް ޑީލަރެެކެވެ.
އުމަރަށް އިންޒާރު ދިން މީހާ ވަނީ މިހާރު މި ހިނގާ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ކިތަށް ކިލޯ ޑްރަގް ބެހިކަން އުމަރަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކޮށްފައެވެ. އަދި ދައުލަތަށް ފައިސާ ވަނީ ވެސް ޑްރަގުން ކަމަށް ވިދާޅުވެ އުމަރަށް ހުތުރު ބަސްތަކެއް ރައްދު ކޮށްފައިވެއެވެ.
އޭގެ ފަހުން ވަނީ ޑްރަގް ވިޔަފާރި ކުރާ މީހުންނާއި ދެކޮޅަށް އުމަރު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި ގުޅިގެން މަރުގެ އިންޒާރު ދީފައެވެ.
އުމަރަށް މަރުގެ އިންޒާރު ދީފައި މިވަނީ މާލެ ސިޓީގައި ކުރިއަށް ގެންދިޔަ ރޯޑް ރެލީގެ ތެރެއިން އުމަރަށް މީހަކު ހަމަލާ ވެސް ދީފައި ވަނިކޮށެވެ.