ފޭކު ޓީޓީ ފޮނުވި ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ޝިފާއުގެ މައްޗަށް ދައުލަތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ މޭ މަހުގެ 27 ވަނަ ދުހުގެ ރޭ އޭނާ ދޫކޮށްލާފަ އެވެ. ބަންދުން ދޫކޮށްލުމާއެކު އޭނާ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ފުރާފަ އެވެ.

ހުސެއިން ޝިފާއު ހޯދަން ފުލުހުން މީގެ ކުރިން ކުރި އިއުލާނުގައި އާންމުކުރި ފޮޓޯ

ބޭރު ގައުމުތަކުގެ ކުންފުނިތަކަށް ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމުގެ ތުހުމަތު އޮތް މއ. ހަނީކާސްލް 1، މާލެ، ހުސެއިން ޝިފާއު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާތީ އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ. 

ޝިފާއުގެ މައްޗަށް ދައުލަތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ މޭ މަހުގެ 27 ވަނަ ދުހުގެ ރޭ އޭނާ ދޫކޮށްލާފަ އެވެ. ބަންދުން ދޫކޮށްލުމާއެކު އޭނާ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ފުރާފަ އެވެ. އިންޓަޕޯލްގެ ވެބްސައިޓުގައި މިހާރު ވަނީ ޝިފާއުގެ ފޮޓޯއާއެކު އޭނާ ހޯދަން އިއުލާނުކޮށްފަ އެވެ.

އޭނާ ދޫކޮށްލުމުން އެ އަމުރު ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން ކޯޓުން ވަނީ އޭނާ ދިރިއުޅޭ އެޑްރެސް ސާފުކުރުމަށް ޕްރެސިއުޓާ ޖެނެރަލް އޮފީހުގައި އެދިފަ އެވެ. އެ އޮފީހުން ވަނީ ޝިފާއު މޭ މަހުގެ 29 ވަނަ ދުވަހު ރާއްޖޭން ފުރައިގެން ގޮސްފައިވާ ކަމަށް ހައިކޯޓަށް މިއަދު އަންގާފަ އެވެ. އެކަމަކު އޭނާ ދިރިއުޅޭ ވަކި އެޑްރެހެއް ނޭންގޭ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، ޝިފާއު ރާއްޖޭން ބޭރުގައި ދިރިއުޅޭ އެޑްރެސް ހޯދުމަށްފަހު އަލުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ހައިކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

މިއީ ޝިފާއުއާ އިތުރު މީހަކާ ބައިވެރި ވެގެން ރަޖިސްޓްރީ ކޮށްފައިވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައެއް ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ މި ކުށުގެ އަމަލު ހިންގާފައި ވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 1.9 މިލިއަން ރުފިޔާ އެވެ.

މި ފައިސާ ދައުލަތަށް ނަގައި ދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށްވެސް ޕީޖީން ބުންޏެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ؛

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ
  • މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ
  • މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ

މި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އޭނާ ކުރަނީ މޭވާ އާއި ތަރުކާރީގެ ވިޔަފާރި ކަމަށެވެ. ޓީޓީތަކުގައި ބޭނުން ކޮށްފައި ވަނީ އޭނާ ނިސްބަތްވާ ވިޔަފާރީގެ ނަމެވެ. އެއީ ސައްހަ ޓީޓީތަކެއް ނޫންކަން ބެންކުން ކަށަވަރު ކޮށްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ބޭރުގެ ބައެއް ވިޔަފާރިތަކާއި މުއާމަލާތް ކުރަން ބޭނުން ކޮށްފައި ވަނީ އަމިއްލަ ނަމާއި ފޯނު ނަންބަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.