"އޭގަ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަބަދުވެސް ބުނަން ޑޭޓްސްތައް ކުރިން ދެއްވާށޭ. އަޅުގަނޑުމެން ވަރަށް ކުރިން އެކެއް ސެޕްޓެމްބަރުގަ ޖަލްސާ ބާއްވަން ރާވާފަ އޮތީ،" މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީ އިން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި ބާއްވާ ބޮޑު ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނަ ދުވަހުގެ ރެއެވެ.
ރައީސްގެ ކެމްޕެއިން ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހުއްދަ ދިނުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
ޖަލްސާ އިއުލާނުކުރެއްވުމުން ނޫސްވެރިއަކު ވަނީ ބަހުސް ކުރިއަށް ދާތީ ފުށުއެރުން އަރާނެތޯ ސުވާލު ކުރައްވާފަ އެވެ. މާރިޔާ ވިދާޅުވީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެރޭ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. އެއީ މާ ކުރިން ވެސް ޝެޑިއުލްކުރެވިފައިވާ ކަމަށެވެ.
"އޭގަ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަބަދުވެސް ބުނަން ޑޭޓްސްތައް ކުރިން ދެއްވާށޭ. އަޅުގަނޑުމެން ވަރަށް ކުރިން އެކެއް ސެޕްޓެމްބަރުގަ ޖަލްސާ ބާއްވަން ރާވާފަ އޮތީ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ މިހާރު އެމްއެންޔޫއާ ވާހަކަދައްކައިގެން ދެން ކަންތައް ކުރާނީ ކިހިނެއްތޯ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ބަހުސް ލަސްކުރެވޭނެ ގޮތެއް އޮތްތޯވެސް ބައްލަވަމުން ގެންދަވާ ކަމަށެވެ. ޔަގީނުން ވެސް އެރޭ ޖަލްސާ އޮންނާނެ ކަމަށް ޔަގީން ކަމާއެކު މާރިޔާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ މާރިޔާ ވިދާޅުވެފައި ވަނީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ ކެމްޕޭނު ހަރަކާތްތަކުގެ ތެރެއިން ވަގުތު އޮތްނަމަ އެވެ. ފަހުން ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިއުލާނުކުރެއްވި އެވެ. މިއަދު އަނެއްކާ ދެއްކެވި ވާހަކައިން ބޮޑަށް ބެލެވެނީ ރައީސް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިއުލާނުކުރެއްވުމުން، ރައީސް ބައިވެރިވެވަޑައިގަންނަވަނީ ސުވާލުތައް ކުރިން ދިނުމުން ކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.