މިއަހަރުގެ ކުރީކޮޅު ރިޔާސީ އިންތިހާބަށް ކޭއެމްޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޓެރީ ގޯ ދެވަނަ ފަހަރަށް ވެސް ބިޑް ކުރެއްވި އެވެ.
ޓައިޕޭ (އޮގަސްޓް 28) - ހަނގުރާމައެއްގެ ވިލާތަކުގެ ތެރޭގައި އޮތް، އަދި ޗައިނާއިން އެ ގައުމުގެ "މުގައްދަސް ބިންކޮޅެއް" ކަމަށް ބަލައި 24 ގަޑި އިރު ފަރިއަޅައިގެން އޮންނަ ޓައިވާންގައި އަންނަ އަހަރު ބާއްވާ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްްވާނެ ކަމަށް އެޕަލް ކުންފުނީގެ އެންމެ ބޮޑު ސަޕްލަޔަރު ފޮކްސްކޮންގެ ފައުންޑަރު، ބިލިއަނަރު ޓެރީ ގޯ އިއުލާން ކުރައްވައިފި އެވެ.
އަނެއްކޮޅުން މީ ހައިރާންވާވަރުގެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ ޓައިވާންގެ ރައީސް ކަމަށް ވަޑައިގަތުމަކީ ބިލިއަނަރުގެ ޓެރީ ގޯ އަބަދުވެސް ގެންގުޅުއްވާ ޝައުގުވެރި ކަމެކެވެ. އަދި އެކަމަށް އޭނާ ވަނީ މަސައްކަތްތަކެއް ވެސް ކުރައްވާފަ އެވެ. ނަމަވެސް މިފަހަރު ތަފާތު ވެގެން އުޅެނީ ހަލަތާއި ޓެރީ ގޯ ދައްކަވާ ވާހަކަ ފުޅެވެ. އޭނާގެ މައިގަނޑު ވާހަކަފުޅަކީ އޭނާއަށް ފުރުސަތު ލިބި ވަޑައި ނުގެންފިނަމަ "ދެވަނަ ޔުކްރޭން" އަކަށް ޓައިވާނު ވާނެ ކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.
ޖެނުއަރީ މަހުގެ އިންތިހާބުގައި ޓައިވާންގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމާއެކު އިއްޔެ ޓެރީ ގޯ އިދިކޮޅު ފަރާތްތައް ގޮވާލައްވާފައި ވަނީ އެއްބައިވަންތަވެ ޓައިވާނަކީ އޭޝިއާގެ ޔޫކްރޭނަށް ނުވާނެކަން ކަށަވަރު ކުރަން މަސައްކަތް ކުރުމަށެވެ.
ގާތްގަނޑަކަށް 7.2 ބިލިއަން ޑޮލަރުގެ މުއްސަނދިކަން އޮތް ޓެރީ ގޯ އަކީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ހަތަރު ވަނަ ނަމެވެ. ޓެރީ ގޯ އޭނާގެ ކެންޑިޑެސީ އިއުލާން ކުރެއްވުމުގެ ކުރިން ހެދި ސާވޭތަކާއި ޕޯލް ނަތީޖާތަކުގައި މިވަގުތު އެންމެ ކުރީގައި އޮތް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) ގެ ވިލިއަމް ލައި އަށް ވުރެ ޓެރީ ގޯގެ މަގުބޫލުކަން އުޅެނީ ބޮޑުތަނުން ފަހަތުގަ އެވެ.
މިހާރު އުމުރުފުޅުން 72 އަހަރުގެ ޓެރީ ގޯ 2019 ވަނަ އަހަރު ފޮކްސްކޮންގެ ޗީފްގެ މަގާމުން ވަކިވެ ވަޑައިގެން އެ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ޓައިވާންގެ މައި އިދިކޮޅު ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ނުކުރެއްވިގެން ޖެހި ވަޑައިގަތީ ރޭހާ ދުރަށް ވަޑައިގަންނަވާށެވެ. އިދިކޮޅު ކޭއެމްޓީން ސަގާފީ ގޮތުން ތާއީދު ކުރަނީ ޗައިނާއާ ގާތް ގުޅުމެއް ބާއްވާގައިގެން ކުރިޔަށް ދާށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ބަލަނީ ޓައިވާނަކީ އަމިއްލަ ސަރަހައްދެއްގެ ގޮތުގަ އެވެ.
މިއަހަރުގެ ކުރީކޮޅު ރިޔާސީ އިންތިހާބަށް ކޭއެމްޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޓެރީ ގޯ ދެވަނަ ފަހަރަށް ވެސް ބިޑް ކުރެއްވި އެވެ. ނަމަވެސް އެ ޕާޓީން އޭނާގެ ބަދަލުގައި ހޮވީ ނިއު ޓައިޕޭ ސިޓީގެ މޭޔަރު ހޫ ޔޫ-އިހް އެވެ. އެހެން ކަމުން ޓެރީ ގޯ. މިފަހަރު ވާދަ ކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ގޯ ވަނީ ފާއިތުވި ހަފުތާތަކުގައި ކެމްޕޭނަށް ފުދޭނެ އެއްވުންތައް ބާއްވައި، މިނިވަން ކެންޑިޑޭޓެއްގެ އިޝާރާތް ދެއްވާފަ އެވެ.
ޓައިވާނުގެ ޓައިޕޭގެ ކޮންފަރެންސް ސެންޓަރުގެ ބޮޑު ދެ ދިދައިގެ ދަށުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޓެރީ ގޯ ވަނީ ސެެންޓަ ލެފްޓް ޕާޓީ، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އަށް ފާޑުވިދާޅުވެފަ އެވެ.
"ޑީޕީޕީގެ ވެރިކަމުގައި ފާއިތުވި ހަތް އަހަރު ބައިނަލްއަގްވާމީ ގޮތުން ޓައިވާން ގެންދިޔައީ ހަނގުރާމައިގެ ނުރައްކަލަކާ ދިމާއަށް އެމީހުންގެ ސިޔާސަތުތައް ފުރިފައިވަނީ ގޯސްތަކުން،" ޓެރީ ގޯ ވިދާޅުވި އެވެ. "އަޅުގަނޑަށް ހަތަރު އަހަރު ދެއްވާ، އަޅުގަނޑު ވައުދުވަން ޓައިވާން ސްޓްރެއިޓްއަށް 50 އަހަރުގެ ސުލްހަ ގެނެސްދޭން. ދެފަރާތުގެ އިތުބާރުގެ ބިންގާ އަޅާނަން، އަޅުގަނޑަށް ވޯޓް ދެއްވާ... ޓައިވާން ޔޫކްރޭނަށް ވެގެން ނުވާނެ،"
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޝަރުތު ހަމަވާ ގޮތަށް ޓެރީ ގޯ އަށް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ތިން ލައްކަ އާއި ގާތްކުރާ އަދަދަކަށް ވޯޓުލާ މީހުންގެ ސޮއި އެއްކުރަން ޖެހި ވަޑައިގަންނަވާނެ އެވެ. ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ސޮއިތައް މުރާޖައާކޮށް ނަތީޖާ އިއުލާން ކުރާނީ ނޮވެމްބަރު 14 އިގެ ކުރިންނެވެ. އެއީ ވަރަށް ބޮޑު އުނދަގުލަކަށް ޓެރީ ގޯއަށް ވާނެ އެވެ.
ޓައިޕޭގެ ނޭޝަނަލް ޗެންގްޗީ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް ޑިޕްލޮމެސީ އަދި ކޭއެމްޓީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހޫއަންގް ކުވޭ ބޯ ވިދާޅުވި ގޮތުގައި ޓެރީ ގޯގެ ކެންޑިޑެސީން އިދިކޮޅު ވޯޓު އިތުރަށް ބައިބައިވުމުގެ ނުރައްކާ ބޮޑެވެ. އަދި އެއީ ވިލިއަމް ލައި އަށް ހިލޭ ވެރިކަން ދިނުމަށް ވެގެން ހިނގައިދާނެ އެވެ. އަދި އެއީ ހަނގުރާމައިގެ ތުންފަންމައްޗަށް އިތުރަށް ޓައިވާން ގެންދާނެ ސަބަބަކަށް ވެގެން ދިއުން ވަރަށް ގާތެވެ.
ޓައިވާން އަދި ރާއްޖޭގަ ވެސް މަހުޖަނު ވެރިކަމަށް ކުރިމަތި ލުން، އިއްތިފާގެއްނޫންބާ.