އާރުޓީއެލް ނެޓްވޯކުގެ ތެރޭ ދުވާލަކު ކުރާ ދަތުރު ބައިލައްކައަށް

އާރުޓީއެލް ބަހުގެ ހިދުމަތް މިހާރު ދުވާލަކު 4،000 މީހުން ބޭނުން ކުރެ އެވެ. އަދި ފެރީގެ ހިދުމަތުން ހަތް އަތޮޅެއް ވަނީ ގުޅާލެވިފަ އެވެ.

އާރުޓީއެލް ބަހެއް އަދި އާރުޓީއެލް ފެރީ : މި ހިދުމަތް ދަނީ މުޅިރާއްޖެ ގުޅެމުން

ގައުމީ ދަތުރުފަތުރުގެ ވިއުގަ، އާރުޓީއެލްއަކީ ލިބިގެން ދިޔަ ބޮޑު ލުޔެކެވެ. ކުރިން ރަށުގައި ޖެހިގެން އޮތް ރަށަށް ނުދެވި ތިބި ގިނަ ބަޔަކަށް މިހާރު ފަސޭހަކަމާއެކު ދަތުރުކޮށްލެވެ އެވެ؛ މި ދަތުރުތައް ފުޅާވެ އާރުޓީއެލްގެ ނެޓްވޯކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރާ ދަތުރުތައް މިވަނީ ބައިލައްކަ ފަހަނަ އަޅާފަ އެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ ކުރާ ކޮންމެ ކަމެއް ރައްޔިތުން އުފަލުން މަރުވާ ވަރަށް ކޮށްދެން. ހަމަ ގައިމުވެސް ކަންތައްތަކެއް ރަނގަޅަށް ކުރެވޭތީ ޝަކުވާއެއް ނުފެންނަނީ. މިހެން އުޅެލާފަ ކަމެއް ފާހަގަ ކުރެވިގެން މީހަކު ލިޔެލަފާނެ. އެކަމަކު އަޅުގަނޑުމެންނަށް 50،000 މީހުން ދަތުރު ކުރާއިރު ހިދުމަތް ރަނގަޅު ވާހަކަ މި ބުނެލަނީ ކޮންމެވެސް ކަމެއް ވެގެން،" ގައުމީ ޓީވީގެ ޕްރޮގްރާމެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތައުރީފު ކުރައްވަމުން އާޒިމް ވިދާޅުވީ މި ފެންވަރުގައި ގައުމު ހިންގަން ހުންނާ ވެރިއަކު މިކަން ކުރަން ބޭނުންވެގެން އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ފަންޑު ހޯދައި ދޭތީ ކަމަށެވެ. 

"އަޅުގަނޑުމެން ފެށިއިރު ބަސްތައް ހުރީ ހުއްޓިފަ. ފެރީތައް ހުރީ ކިރިޔަ ކިރިޔާ ދުވާ ހާލަތުގަ. މާލޭގައި ހުރި ގިނަ ބަސްތައް ހުރީ ހަލާކުވެފަ. އައްޑޫގަ އެންމެ ބަހެއް ނޫން ހުރިހާ އެއްޗެއް ހުއްޓިފަ. ފުވައްމުލަކާއި ލާމު ހުއްޓިފަ،" އާޒިމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މާލޭގައި ފެށި މިނީބަހުގެ ހިދުމަތް ފެށިއިރު މިކަން ނުކުރެވޭނެ ކަމަށް ބުނި ކަމަށާ ނަމަވެސް މިކަމަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތަކަށްވާތީ ފެށީ ކަމަށެވެ. 

"މިހާރު ބަހުން އެވްރެޖުކޮށް ދުވާލަކު 3500 އާއި 4،000 އާ ދެމެދުގެ އަދަދަކަށް މީހުން ދަތުރު ކުރޭ. މިހާރު ކުރިމަތިވާ ދައްޗަކީ ރޭނގަޑު 10 ގެ ފަހުން އިނދިކޮޅު ފަރާތްތަކުން ބަހުގެ ކުރިމައްޗަށް އަރާތީ ބަސް ދުއްވަން ދަތިވުން. މީގެ ސަބަބުން ވަރަށް ދަތިވޭ،" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އެދެން ބަހުގެ ހިދުމަތަށް ދަތި ނުވާ ގޮތަށް އެހެން ކުރަން. މިއީ ޕަބްލިކް ޓްރާންސްޕޯޓެއް." 

އޭނާ ވިދާޅުވީ އާރުޓީއެލް ބަހާއި ލޯންޗުގެ ހިދުމަތް ރަނގަޅުވަނީ ތަމްރީން ދީގެން ކަމަށާ މިދިޔަ އަހަރު އެކަނި 16،000 ގަޑިިއިރުގެ ތަމްރީން މުވައްޒަފުންނަށް ދީފައިވާނެ ކަމަށެވެ. "ތަމްރީނާއި ބެކް އޮފީހުގައި ވަރަށް މަސައްކަތްތަކެއް ކުރިން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ދަތުރުތައް ހުވަދޫ އާރުޓީއެލް ދަތުރުތައް ފައްޓަވައި ދެއްވަނީ -- އެމްޓީސީސީ

އެމްޓީސީސީ އިން ވަނީ ބަހުގެ ހިދުމަތަށް އިތުރު ގަޑިއެއް އިތުރު ކުރަން ނިންމާފަ އެވެ. ރޭގަނޑު 12 ގެ ފަހުން ކޮންމެ އެއްގަޑިން ހުޅުމާލެ އަށް ބަސް ބާއްވަން ވަނީ ނިންމާފަ އެވެ. މިއާއެކު ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ވެގެންދާނެ އެވެ. 

އާޒިމް ވިދާޅުވީ މި ދަތުރުތައް ފަށަނީ ރޭގަނޑު ޑިއުޓީގައި އުޅޭ ބައެއް ރައްޔިތުން އެކަމަށް އެދެމުންދާތީ ކަމަށާ މިކަމުގެ ސަބަބުން ފަސޭހަ ވެގެންދާނެ ކަމަށެވެ. 

"ހާއްސަކޮށް ފުލުހުންނާއި ސިފައިން އަދި ވެމްކޯ އާއި ކަސްޓަމްސް ސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ދަތިވެ ރޭގަނޑު 12 ގެ ފަހުން ބަސް ނޯންނާތީ. އެހެންވެ މި ބަސް ދަތުރުތައް ބާއްވަނީ. އެ ގަޑީގައި މަސައްކަތް ކުރާ މީހުން 70ރ. ނޫނީ 100ރ. ދީފަ ދެވޭނީ. އެހެންވެ 24 ގަޑިއިރު ބަހުގެ ހިދުމަތް ފަށާނެ،" އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ އެމްޓީސީސީ އިން މިހާރު މަސައްކަތް ކުރަމުން ދަނީ ދިއްދޫގައި ބަހުގެ ހިދުމަތް ފަށަން ކަމަށާ، އަންނަ ހަފުތާގައި ދަތުރު ފަށާނެ ކަމަށެވެ. މި ހިދުމަތް ފަށަން ދެ ބަހެއް ބޭނުން ކުރާނެ އެވެ. 

"މީގެ މަހެއް ކުރިން ހުއްދަ ލިބިއްޖެ. ބަސް ހުރީ ގެންދެވިފަ. އެކަމަށް ތަމްރީން ވަނީ ދެވިފަ. މި ހުރިހާ ކާމިޔާބީއަކީ މުވައްޒަފުންނަށް ދެވޭ ތަމްރީންތައް،" އާޒިމް ވިދާޅުވި އެވެ. 

އެމްޓީސީސީ އިން މިހާތަނަށް ވަނީ އާރުޓީއެލް ފެރީގެ ހިދުމަތުން ހަތް އަތޮޅެއް ގުޅާލާފަ އެވެ. މިގޮތުން ހއ. އަދި ހދ. އިން ފެށިގެން އައްޑޫ ފުވައްމުލަކަށް ވެސް މިހާރު ފެރީގެ ހިދުމަތް ލިބެ އެވެ. 

އާޒިމް ވިދާޅުވި ގޮތުގައި ފެރީގެ ހިދުމަތް ދޭ ސިސްޓަމަކީ ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު ސިސްޓަމް ކަމަށާ މުވައްޒަފުންވެސް ހަ ވައްތަރުގެ ތަމްރީން ދެވެ އެވެ. 

"ލޯންޗްތަކަކީ ވެސް ކަނޑަށް ގަދަ އުޅަނދުތަކެއް. އެ ލެވަލްއަށް ބެލިގެން ބަނދެފައި ހުރީ،" އާޒިމް ވިދާޅުވި އެވެ. 

އާރުޓީއެލް ލޯންޗްތަކުގެ ސިފަތައް

  •  ތަނަވަސްކޮށް ތިބެވޭނެ 50 މީހުންގެ ޖާގަ
  •  ފާހާނާއާ ރޭމްޕަކާއި ސްޓްރެޗާ އަދި ފުރޮޅުލީ ގޮނޑި ބެހެއްޓޭނެ
  •  މުޅި ލޯންޗް ފުލް އެއާކޮންޑިޝަން

ހާހަކަށްވުރެ ގިނަ ވަޒީފާ

އާޒިމް ވިދާޅުވީ މި ހިދުމަތް އަންނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖެ އެއް ނެޓްވޯކުން ގުޅާލެވޭނެ ކަމަށާ އާރުޓީއެލް ބަހާއި ފެރީގެ ހިދުމަތުގައި ޖުމްލަ ހާއަކަށްވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަމަށެވެ. 

"ބެކް އޮފީހާއި މެއިންޓަނަލް އަދި ފައިނޭންސް އަށް މީހުން އިތުރު ކުރަން ޖެހޭ، އެ ޑިވިޝަންތަކަށް މީހުން ނަގަން ޖެހޭ. ރާއްޖޭގެ ތިން ސަރަހައްދުގައި ލޯންޗްތައް މަރާމާތު ކުރާ ސަރަހައްދުގައި ވެސް ވަޒީފާތަކެއް އުފެދޭނެ. އަޅުގަނޑުމެންގެ މަގުސަދަކީ މުޅި ނެޓްވޯކުގައި ދިވެހިން މަސައްކަތް ކުރުން،" އާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް

1
450
ލަބީ
1 year ago

ހުރިހާ ކްރެޑިޓެއް އަންނި އަށް. އަންނި ގެ ހިކްމަތްތެރި ވިސްނުމުން މުޅި ރާއްޖެ ގުޅާލަން ކުރި މަސަކަތުގެ ނަތީޖާ މިއީ. ރަށު ފެރީ ވިޔަސް އަދި އާރ ޓީ އެލް ވިޔަސް. ދެން އެހެން ބުންޏަސް އާރ ޓީ އެލް ގެ ރާސް ޓަސް ކުރި އެރުން ވެސް ވަރަށް ފަހުރުވެރި ކަމާއި އެކު ފާހަގަ ކޮށްލަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.