ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ހުންނެވިއިރު 2017 ވަނަ އަހަރު އެވެ. ރަސްމީކޮށް ކުންފުންޏަކަށް މަސައްކަތް ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.
ރާއްޖޭގެ މާލީ ނިޒާމަށް އިންގިލާބީ ބަދަލު ތަކެއް ގެނުވާނެ ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ތިން ބޭންކްއާއެކު މިރޭ އިފްތިތާހުކޮށްފި އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ތައާރަފުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
ޕޭމަންޓް ސިސްޓަމް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގައުމީ ޕޭމަންޓް ސިސްޓަމްއަކީ ރާއްޖޭގެ މާލި ނިޒާމަށް އަންނަ ބޮޑު އިންގިލާބެއް ކަމަށާ މި ހިދުމަތާއެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"މިއީ މުޅި ދުނިޔެއަށް އަންނަ ބަދަލާއެކު އެހެން މީހުން ކުރާ މަސައްކަތާ އެއްގޮތަށް ގެވޭނެ ބަދަލެއް. އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރަން. ދުނިޔެއަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތްކަމެއް ނޫން. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެ މިޝްރާބަށް ދަތުރު ކުރުން،" ނައިބް ރައީސް ވިދާޅުވި އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ފަށާފައިވަނީ މިޒާތުގެ ސިސްޓަމްތައް ގާއިމް ކުރަން ދުނިޔޭގައި މަޝްހޫރު ކުންފުންޏެއް "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ ހަވާލުކޮށްގެންނެވެ. އެއީ ފިންލެންޑުގެ ކުންފުންޏެކެވެ. މި ސިސްޓަމް ގާއިމު ކުރަން ހަވާލުކުރި ޓިއޭޓޯ އެވްރީ އަކީ 1968 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.
ޕޭމަންޓް ސިސްޓަމް ތައާރަފުކޮށްފައިވަނީ ތިން ބޭންކްއެއްގެ ސިސްޓަމްއާ ގުޅާލައިގެންނެވެ. މިގޮތުން ގުޅާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ.
މި ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދުނިޔެ ކުރިއަށްދަނީ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކަމަށާ މަސައްކަތް ކުރަމުންދަނީ އެފަދަ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެންނަން ކަމަށެވެ. އަދި މި ސިސްޓަމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކަރުދަނާ ޕޭމަންޓް ސިސްޓަމެއް ގާއިމްކޮށް އިގްތިސޯދީ ކުރިއެރުމުގައި އެންމެހާ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން. މިރެއަކީ ވަރަށް ތާރީހީ ރެއެއް. މިއީ އިގްތިލާބީ ބަދަލެއް، މިއީ ފަސޭހަ ވަގުތުން ފައިސާ ފޮނުވޭނެ ނިޒާމެއް. ރާއްޖެއަށް އީޖާދީ އެތައް ފުރުސަތެއް ހުޅުވޭނެ. ބޭންކްގެ ބްރާންޗެއް ނެތަސް ބޭންކިންގެ ހިދުމަތް ލިބޭނެ،" ހާޝިމް ވިދާޅުވި އެވެ.
ތަރައްގީގެ ކުލަވަރު އެބަފެނޭ، ކޭޝް ލެސް ޕޭމެންޓްސް ސިސްޓަމް އަށް ގައުމު ބަދަލް ކޮއްލަބަ