އިންޑިއާގައި ޓީޗަރަކު މުސްލިމް ދަރިވަރަކަށް އަނިޔާކުރި މައްސަަލަ ހޫނުވެއްޖެ

ދަރިވަރުގެ ބައްޕަ، އިރުޝާދު ބުނީ އޭނާގެ ދަރިފުޅާ މެދު ހިންހި ނުބައި އަމަލުތަކަކީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ ނަފްރަތުގެ ނަތީޖާ ކަމަށާއި ދައުރުވާ ވީޑިއޯއިން އިވުނު ޓީޗަރުގެ ވާހަކަތަކުން އެކަން ހާމަވާ ކަމަށެވެ.

އިންޑިއާގައި ޓީޗަރަކު ކްލާސްރޫމެއްގެ ތެރޭ އުމުރުން ހަތް އަހަރުގެ މުސްލިމް ދަރިވަރަކަށް އިހާނެތިކޮށް ހިތައި ދަށުދަރަޖައިގެ އަމަލުތައް ހިނގުމާއެކު ކްލާހުގެ އެހެން ދަރިވަރުން ލައްވާ މުސްލިމް ދަރިވަރުގެ މޫނުމަތީގައި ތެޅުވި މައްސަލައެއް ބޭޒާރުވެ އެކަން ހޫނު ވެއްޖެ އެވެ.

މުސްލިމް ކުއްޖަކަށް ވުމުން ކްލާހުގައި ޓީޗަރު އިހާނެތިކޮށް ހިތައި އެހެން ކުދީން ލައްވާ ދަރިވަރަށް އަނިޔާ ކުރުވި މައްސަލަ ހޫނުވެފައިވާއިރު މިހާރު އެ މައްސަލަ ދަނީ ބަލަމުންނެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންދާއިރު ދުނިޔޭގެ ސަމާލު ކަމަށް ވެސް އެކަން އައިސްފައި ވެ އެވެ. 

އިއްޔެ އާންމުވެ ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރު ޕްރަދޭޝްގެ ސްކޫލެއްގެ ކްލާހެއްގައި ޓީޗަރު، ޓްރަޕްތާ ޓިޔާގީ އިސްލާމް ދީނާއި މުސްލިމުންނަށް އިހާނެތިކޮށް މުއާމަލާތްކޮށް މުސްލިމް ދަރިވަރުގެ މޫނުމަތީގައި ތަޅައިގަތުމަށް ދަރިވަރުން ގާތު އެދި އެކަމަށް ހިތްވަރު ދެ އެވެ. އަދި އެހެން ފިރިހެނަކު ފަހަތުން އެ ޓީޗަރަށް ތާއީދުކޮށް އެކަން އެގޮތަށް ކުރުމަށް ހިތްވަރު ދޭ އަޑު ވެސް އިވެ އެވެ. 

"މުސްލިމް ހުރިހާ ދަރިވަރުން ބޭރުވެގެން ދާންޖެހޭ ކަމަށް އަހަރެން އިއުލާނު ކޮށްފިން،" އެ ވީޑިއޯގައި ޓީޗަރު ބުނާ އަޑު އިވެ އެވެ.

"ތިޔަ ބުނީ ތެދެއް، އެއީ ތައުލީމު ހަލާކުވާ ކަމެއް" ފިރިހެން މީހާ ބުނާ އަޑު އިވެ އެވެ. 

އުއްތަރު ޕްރަދޭޝްގެ 235 މިލިއަން އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި މީހުންނަކީ މުސްލިމުންނެވެ.

އިހާނެތިކޮށް ހިތާއި އަނިޔާކުރި އުމުރުން ހަތް އަހަރުގެ މުސްލިމް ދަރިވަރުގެ ބެލެނިވެރިން ވަނީ އެ ހާދިސާ ހޫނުވެފައި އޮއްވާ އަލްޖަޒީރާއާ ވާހަކަ ދައްކާފަ އެވެ. އެ ކުއްޖާގެ މަންމަ ރުބީނާ ބުނީ އެ ހާދިސާއަކީ މިދިއަ ބުރާސްފަތި ދުވަހު ކުއްބާޕޫރު އަވަށުގެ ނެހާ ޕަބްލިކް ސްކޫލުގައި ހިންގި ލާއިންސާނީ އަމަލެއް ކަމަށެވެ.

"އެ ދުވަހު ދަރިފުޅު ގެއަށް އައީ ރޮމުން... އޭނާ ހުރީ މުޅީން ނަފުސާނީ ވެފައި، މިއީ ކުޑަކުދިންނާ ދޭތެރޭ ކަންތައް ކުރަންޖެހޭނެ ގޮތެއް ނޫން" ދަރިވަރުގެ މަންމަ ރުބީނާ ބުންޏެވެ. 

ދަރިވަރުގެ ބައްޕަ މުހައްމަދު އިރުޝާދު ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ބަވައި ފުރައްސާރަކޮށް އިސްލާމް ދީނާމެދު ނަފުރަތު އުފައްދާ ވާހަކަ ދެއްކުމުގެ އިތުރުން ދަރިފުޅަށް ހަމަލާ ދޭން އެންގި ޓީޗަރު އޭނާގެ އެ އަމަލުތައް ވަށައި ޖައްސަން ބުނެފައި ވަނީ ދަރިފުޅު ފިލާވަޅުތައް ހިތުދަސް ނުކުރުން ކަމަށެވެ. 

"އަހަރެންގެ ދަރިފުޅަކީ ކިޔެވުމަށް މޮޅު ކުއްޖެއް. އޭނާ ޓިއުޝަން ނަގާ... ޓީޗަރު އޭނާއާ މެދު މިގޮތަށް ކަންތައް ކުރީ ކީއްވެގެން ކަމެއް އަހަރެމެނަކަށް ނުވިސްނުނު... ހީވަނީ އެ ޓީޗަރަކީ ނަފްރަތުން ފުރިފައިވާ މީހެއްހެން،"

ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރު ވަމުންދާތީ އިންޑިއާގެ ފުލުހުން ވަނީ އެ ވީޑިއޯ ޝެއާ ނުކުރުމަށައި ފޮހެލުމަށް އެދިފަ އެވެ.
ދަރިވަރުގެ ބައްޕަ، ދަނޑުވެރިއެއް ކަމަށްވާ އިރުޝާދު ބުނީ އޭނާގެ ދަރިފުޅާ މެދު ހިންހި ނުބައި އަމަލުތަކަކީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ފަތުރަމުންދާ ނަފްރަތުގެ ނަތީޖާ ކަމަށާއި ދައުރުވާ ވީޑިއޯއިން އިވުނު ޓީޗަރުގެ ވާހަކަތަކުން އެކަން ހާމަވާ ކަމަށެވެ.

ދަރިވަރުގެ މަންމަ ރޫބީނާ ބުނީ އެ ޓީޗަރުގެ އާދައަކީ ދަރިވަރުން ލައްވާ އެފަދަ އަމަލުތައް ކުރުވުން ކަމަށާއި މީގެ ދުވަސްކޮޅެއް ކުރިން އެ އާއިލާގެ އެހެން ދަރިވަރަކަށް ވެސް ފިލާވަޅުތައް ހިތުދަސް ނުކުރެވުމުން އެފަދަ އަނިޔާ ދީފައިވާ ކަމަށެވެ.

އިރުޝާދު އަދި ބުނީ، އެ ޓީޗަރު އޭނާގެ ކުށް ބޫލުކޮށް، މާފަށް އެދުނު ނަމަވެސް، އޭނާގެ ދަރިފުޅު ދެން ކިޔަވަން ދާނީ އެހެން ސްކޫލަކަށް ކަމަށެވެ.

"އެ ޓީޗަރު ބުނޭ ދެން ދުވަހަކު ވެސް ދަރިވަރުންނާ މެދު ނުބައިކޮށް ކަންތައް ނުކުރާނެ ކަމަށް، އެކަމަކު މިއީ އަހަރެންގެ ދަރިފުޅު ތައުލީމު ހާސިލްކޮށް ބޮޑުވާން ބޭނުންވާ މާހައުލެއް ނޫން." 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.