އެޕަލުން އައިފޯން 14 ނެރެނީ އެވެ. އަހަރު ދުވަހުގެ އިންތިޒާރަށް ފަހު އެވެ. އައިފޯން 14 ނެރުމުން އައިފޯން އާއިލާގައި މިހާރު އޮތް ރަސްކަން އައިފޯން 14 ގެ މޮޑެލްތަކަށް ބަދަލުވާނެ އެވެ. މީގެ ކުރިން ދުވަހަކު ވެސް މީހަކު ބޭނުން ނުކުރާހާ ބާރުގަދަ ފޯނަކަށް އައިފޯން 14 ވާނެ އެވެ.
އެޕަލުން ސެޕްޓެމްބަރު ހަތެއްގައި ޚާއްސަ ހަފުލާއެއް ބާއްވަނީ އެވެ. މި އަހަރަށް ޚާއްސަ "ޓެގްލައިން" އަކީ "ފާ އައުޓް" އެވެ. އެއީ ބެލެވޭ ގޮތުގައި އައިފޯން 14 ނެރެން ބާއްވާ ހަފުލާ އެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ އެޕަލްގެ އުފެއްދުންތައް -- ޚާއްސަކޮށް އައިފޯނާ ގުޅުން ހުރި އާލާތްތައް ދުނިޔެއަށް ތައާރުފު ކުރާ ސީޒަނެވެ.
މި ފަހަރުގެ ހަފުލާއަށް ދައުވަތު ފޮނުވުމުގައި އެޕަލުން ބޮޑަށް އިސްކަން ދީފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސްގެ ސިނާއަތުގައި މަޝްހޫރު ކުންފުނިތަކާއި އެޕަލްގެ އުފެއްދުންތައް މާކެޓް ކޮށްދޭ ބްލޮގަރުންނާއި އަދި އެޕަލްއާ ގުޅުން އޮންނަ ޚަބަރު ނޫސްތަށެވެ.
އައިފޯން މިއަހަރަށް ޚާއްސަކޮށް 14 ވަނަ އަދަދެއް ނެރޭ އިރު، އައިފޯން 14 އާއިލާ އެކުގައި ދައްކާލާނެ ކަމަށްް ބެލެވެ އެވެ.
އައިފޯނެއް ތައާރުފު ކުރަން ކޮންމެ އަހަރަކު ބާއްވާ ހަފުލާއަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ސަމާލުވެ އޮވެއެވެ. އައިފޯނާ ގުޅުން ހުރި އާލާތްތައް މާކެޓްކޮށް ވިއްކުމުގައި އިސްވެ އުޅޭ ފަރާތްތަކަށް ކޮންމެ އަހަރެއްގެ މި ސީޒަނަކީ ފައިދާ ހަދަން ލިބޭ އީދަކަށް އޮންނަނީ ވެފަ އެވެ.
އެޕަލުން ބުނާ ގޮތުން މި ހަފުލާ "ލައިވް ސްޓްރީމް" ކުރުމުގެ އިތުރުން ދައުވަތު ދީފައިވާ ފަރާތްތަކާއެކު އެޕަލްގެ ހެޑްކުއާޓަރުގައި އެއްވުމެއް އޮންނާނެ އެވެ. މިއީ އާ އައިފޯނުގައި އަތްޖައްސާލައި ފޮޓޯ ނަގަން ދެވޭ ފުރުސަތެކެވެ.
އައިފޯން 14 އާ ބެހޭ ގޮތުން ބުނާތީ އިވެނީ ހަތަރު މޮޑެލްއެއް ތައާރުފުކުރާނެ ކަމަށެވެ. އެއީ ސްކްރީން ސައިޒް 6.1 ގެ ދެ ފޯނާއި 6.7 ގެ ދެ ފޯނެވެ. އައިފޯން 14 އާ ބެހޭ ގޮތުން އެޕަލުން އަދި ފޮންޏެއް ނުކަނޑަ އެވެ. އެހެން ނަމަވެސް، އައިފޯނެއްގައި މިހާތަނަށް ހިމަނާ އެންމެ ބާރުގަދަ މައިކްރޮޗިޕް -- އޭ16، އައިފޯން 14 ގައި އަޅުވާނެ ކަމަށް ކަށަވަރެވެ.
އައިފޯން 14 ގެ އިތުރުން މި ހަފުލާގައި އެޕަލްގެ ސްމާޓް ގަޑިތައް -- އެޕަލް ވޮޗް "ސީރީޒް 8" ދައްކާލާނެ ކަމަށް ބެލެވެ އެވެ. މިއީ އައިފޯނަށް ވުރެ ވެސް ސަޕޯޓަރުން ގިނަ އުފެއްދުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލް ވޮޗް ސީރީޒް އަށަކަށް ފާހަގަ ކުރަން ފަސޭހަ ހިތްގައިމު ސިފަތަޖެއް ވަނީ ގެނެވިފަ އެވެ. މިއީ އެޕަލުން ސްމާޓް ގަޑި އުފައްދަން ފެށި ފަހުން ގެނެވޭ އެންމެ ކަމުދާ ބަދަލަށް ވާނެ ކަމަށް ވެސް ބުނެވެ އެވެ.
އައިފޯން 14 ތައާރުފު ކުރުމަށް ފަހު އެޕަލުން އާދައިގެ މަތިން އައިފޯން 14 އާ ގުޅުން ހުރި އާލާތްތައް ތައާރުފުކޮށް މާކެޓްކުރުމުގައި ދެން އަންނަ އަހަރުގެ މި ދުވަސްވަރު އަންނަންދެން ދެމި އޮންނާނެ އެވެ.
މިއީ ކޮންމެ އަހަރެއްގެ އާދަ ނަމަވެސް، އާ އައިފޯނެއް ތައާރުފުކުރަން ބާއްވާ ކޮންމެ ހަފުލާ އަކީ ކުރިން ތަޖުރިބާ ނުކުރާ ހަފުލާއަކަށް އެޕަލުން ހަދަ އެވެ.