އިންޑިއާގެ ހަނދުގެ ދަތުރުގެ މުހިންމު ކަންކަން ދުނިޔެއާ ހަމައަށް ކުރިޔަށް އޮތް ދުވަސްތަކުގައި އަންނާނެ އިރު އެކަން ކަމަށް ދުނިޔޭގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
ބިޔަ ބޮޑު އިންޑިއާ، ހަނދަށް ދިއުމުގެ ތާރީހު އިއްޔެ، އޯގަސްޓް 23، 2023 ގައި ލިޔުމަށް ފަހު، މިއަދު ޗަންދުރާޔާން - 3 ގެ "ވިކްރަމް ލޭންޑަރު" ގެ ތެރެއިން މޫން ރޯވަރު "ޕްރަގްޔާން" ހަނދުގެ ދެކުނު ފަޅީގެ ބިމަށް ފައިބައި ދުއްވާން ފަށައިފި އެވެ. -- އިންޑިއާގެ މޫން ރޯވާ އަށް ދީފައިވާ ނަން "ޕްރަގްޔާން" އަކީ ސަންސްކްރިޓް ބަހެކެވެ. އޭގެ މާނައަކީ "ހިކުމަތްތެރިޔާ" އެވެ.
ޗަންދްރަޔާން-3 ގެ ރޯވަރު ރައްކާތެރި ކަމާއެކު އުފުލައި ދިން ވިކްރަމް ލޭންޑަރުގެ ރޭމްޕް އެއް ދުވަސް ފަހުން ތިރި ކުރުމާއެކު ބަރުދަނުގައި 26 ކިލޯ ހުންނަ ރޯވަރު، ޕްރަގްޔާން ހަނދުގެ ބިމަށް ފައިބާ މިހާރު ވަނީ ފިޔަވަޅު އަޅައި "ހަނދުގައި އިންޑިއާ ހިނގާލައި" ހަނދުގެ ބިމުގައި އިންޑިއާގެ ނިޝާން ރަނގަޅަށް ފަވާފަ އެވެ. އަދި ހަނދަށް ދަތުރުކޮށް ރޯވަރު ދުއްވި ގައުމުތަކުގެ އެލީޓް ކްލަބާ އިންޑިއާ މިހާރު ވަނީ ގުޅިފަ އެވެ. އެއީ އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާއާއި އިންޑިއާ އެވެ.
ޗަންދުރާޔަންގެ ލޭންޑަރު އިއްޔެ ހަނދަށް ޖެއްސުމަށް ފަހު މިއަދަށް މަޑުކޮށްލައިގެން އޮތީ ކައިރިން އުފެދުނު ބޯ ހިރަފުސްގަނޑު އޮބި ސާފުވުމުން ލޭންޑަރުގެ ޕެނަލްތައް ހުޅުވައިގެން ޕްރަގްޔާން ހަނދުގެ ބިމަށް ފޭބޭނެ ގޮތަށް ރޭމްޕް ޑިޕްލޮއި ކުރާށެވެ. މިހާރު އެ މަރުހަލާ ފުރިހަމަކޮށް ޖެއްސި ދިމާގައިވާ ހިލަތަކާއި މާސިންގާހާ ވަޅުގަނޑުތަކުގެ ވަށައިގެން ރޯވަރު ދަތުރުކޮށް ތަހުލީލުތައް ކުރުމާއެކު ދުނިޔެއަށް ފޮނުވުމަށް މުހިންމު ޑޭޓާތަކާއި ފޮޓޯތައް ނަގައި އެއްކުރާން ވަނީ ފަށައިގެންފަ އެވެ.
ޕްރަގްޔާން ދުއްވަމުން ދާނީ ހަނދުގެ އެ ސަރަހައްދުގައިވާ މިނެރެލްތަކާއި އެހެން މައުދަންތަކަކީ ކޮބައިކަން ދެނެގަތުމާއެކު ހަނދުގެ އެ ބިމުގެ ކެމިކަލް ކޮމްޕޮޒިޝަން ދިރާސާ ކުރުމުގެ ބޭނުމުގަ އެވެ. އެކަމަށް ރޯވަރުގައި ސައިންޓިފިކް ހާއްސަ ދެ އިންސްޓްރޫމެންޓެއް މެދު ކަަނޑާ ނުލައި ބޭނުން ކުރަމުން ގެންދާނެ އެވެ.
ޕްރަގްޔާން ރޯވަރު، ހަނދުގެ ބިމުގައި އޮވެގެން މުއާމަލާތް ކުރަމުން ގެންދާނީ ހަމައެކަނި ވިކްރަމް ލޭންޑަރާ އެވެ. އެއިން ލޭންޑަރަށް ފޯރު ކޮށްދޭ މައުލޫމާތު ދުނިޔެއަށް ފޮނުވައި ދޭނެ އެވެ. އެކަމަށް އެހީ ވާނީ ކުރީން ނާކާމިޔާބުވި ޗަންދްރަޔާން-2 ގައި ހަނދުގެ އިހްތިސޯސީ ދައުރުގެ ތެރެއަށް ވަދެ މިއަދާ ޖެހެން ދެން ވެސް ބުރުޖެހުމުގައި ދެމި އޮތް މޮޑިއުލާ އެވެ. އަދި އެ ހިސާބުން އެ މައުލޫމާތު ދިރާސާކޮށް ތަހުލީލު ކުރަން ދުނިޔެއަށް ފޯރުކޮށް ދޭނެ އެވެ.
ޕްރަގްޔާން ރޯވަރު ހަނދުގެ ބިމުގައި ދުއްވާނީ ސިކުންތަކަށް 1 ސެންޓިމީޓަރުގެ ސްޕީޑެއްގަ އެވެ. އޭގެ ކޮންމެ ބުރުޖަހާ ފިޔަވަޅަކުން ހަނދުގެ ބިމުގައި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ލޯގޯ އާއި އިންޑިއާގެ ނިޝާން ހަ ފުރޮޅުލީ އުޅަނދު، ރޯވަރުން ހަނދުގެ ބިމުގައި ތައްގަނޑަކަށް ފަވައި ދެމުން ދާނެ އެވެ.
ކަން ދިމާކުރި ގޮތުން އިންޑިއާގެ ޗަންދުރާޔަން- 3 ގެ ލޭންޑަރު ހަނދަށް ޖެއްސުން ދިމާވަނީ ހަނދުގެ ދުވަހެއް ފެށުމާ އެވެ. ހަނދުގެ ދުވަހެއް، ދުނިޔޭގެ 28 ދުވަހާ އެއްވަރެވެ. މީގެ މާނައަކީ ލޭންޑަރާ ރޯވަރަށް ބެޓެރީ ޗާޖު ކުރުމަށް 14 ދުވަހުގެ އިރުގެ އަލި ލިބޭނެ އެވެ.
ރޭގަނޑު ވުމުން މަސައްކަތް ހުއްޓާލާނެ އެވެ. އެކަމަ އަލުން ހަނދު ދުވަސް ފެށޭ އިރު އަލުން ދިރުމެއް އަންނާނެ ކަމެއް ނޫންކަން އެއީ ނޭގުމެކެވެ. މެދުވެރި ވަނީ އެކިފަހަރު އެކި ހާލަތެވެ.
ވިކްރަމް ލޭންޑަރުގައި އަދި ހަނދުގެ ބިމާއި ހަނދުގެ ޖައްވާ ވަޔާ އަދި އަޑި ހޯދަން އެހީތެރިވެދޭނެ ސައިންޓިފިކް ބައެއް އާލާތްތައް ލޭންޑަރުގައި ގެންގުޅޭނެ އެވެ.
ހަނދުގައި މުހިންމު މިނިރެލްތަކާއި ތަފާތު މައުދަންތައް ހިމެނޭ ކަމަށް ބެލެވިފައި ވީ ނަމަވެސް ޗަންދްރަޔާން-3 ގެ އެންމެ ބޮޑު އެއް އަމާޒަކީ ފެން ހޯދުމެވެ. ސައިންސްވެރިން ބުނާ ގޮތުގައި ދާއިމީ ގޮތެއްގައި ހިޔަނި އެޅި އަނދިރިވެފައިވާ ސައުތު ޕޯލް ސަރަހައްދުގައިވާ ބޮޑެތި ވަޅުގަނޑުތަކުގައި ގަނޑުވެފައިވާ ފެން ވެއެވެ. އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ހަނދުގައި އިންސާނުން ދިރިއުޅެވޭނެ އުންމީދު އެބައޮތެވެ.
އަދި މާސް އާއި އެހެން ދުރު މަންޒިލްތަކަށް ދަތުރުކުރާ ޖައްވީ އުޅަނދުތަކަށް ބޭނުންވާނެ އާލާތާއި ސާމާނު ފޯރު ކޮށްދިނުމަށް ވެސް އެހީތެރިވެ ދެވޭނެ އެވެ.
އިއްޔެ އިންޑިއާއިން ހަނދަށް ޗަންދުރާޔަން -3 ގެ ލޭންޑަރު ޖެއްސީ އެންމެ ފަހު ސްޓޭޖްގެ ފަހު ވަގުތުކޮޅުގައި ކުރިމަތިވާ "ނުރައްކާތެރި 19 މިނެޓް" ގައި އެއްވެސް ގޯހެއް ނުހަދަ އެވެ. ލޭންޑަރު ޖެއްސީ އޭގެ ސްޕީޑް ގާތްގަނޑަކަށް ސުމަކަށް ދަށް ކޮށްގެނެވެ. އަދި އެ ސަރަހައްދުގެ ބިމުގައިވާ ވަޅުގަނޑުތަކާއި ގަލުން ފުރިފައިވާ ފަށަލަތަކުގެ ދުއްތުރާ ބޮޑު ބިމަށް ވެސް ސަމާލުކަން ދީގެން އޮވެ އެވެ.
އިންޑިއާގެ ހަނދުގެ ދަތުރުގެ މުހިންމު ކަންކަން ދުނިޔެއާ ހަމައަށް ކުރިޔަށް އޮތް ދުވަސްތަކުގައި އަންނާނެ އިރު އެކަން ކަމަށް ދުނިޔޭގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. ކައިރި މުސްތަގުބަލެއްގައި އެހެން ގިނަ މިޝަންތަކެއްގައި ހަނދުގެ ބިމަށް ދަތުރު ކުރާނެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހަނދާ ބެހޭ ގޮތުން އަދިވެސް ފިކުރު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފޮރުވިފައި ވާނެ އެވެ.