ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓީއޯއިން ސެޓަޕްކޮށްދޭނީ ސްޕެއިންގެ އެންމެ ކުރިއަރާފައިވާ ބްރޭންޑު އާލާތް ތަކެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކުރުން، ސަރުކާރުގެ އެސްޓީއޯއަށް ހަވާލުކޮށްފި އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އެވެ.
ސީއެސްއެސްޑީ އަކީ ކޮބާ؟ މި ޑިޕާޓްމަންޓަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެކެވެ. ކޮންމެ ހޮސްޕިޓަލަކަށްވެސް ސީއެސްއެސްޑީ އެއް ވަރަށް މުހިންމު. އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުންނަން ޖެހެ އެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ، އަދި ބަލިމީހުން ޚިދުމަތް ހޯދާވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ހޮސްޕިޓަލަކަށްވާތީ މި ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ހުރުން މުހިންމެވެ. އެސްޓީއޯއިން މި ޑިޕާޓްމަންޓް ގާއިމް ކުރުމާއެކު މިތަނުގައި ބޭނުން ކުރާނީ ސްޕެއިންގެ ކުންފުންޏެއްކަމަށްވާ "މަޓަޗާނާ" ބްރޭންޑެވެ. މި މަސައްކަތް އެސްޓީއޯ ނިންމަން ހަމަޖެހިފައިވަނީ 262 ދުވަހުގެ ތެރޭގަ އެވެ.
އެސްޓީއޯއަކީ މެޑިކަލް ސާމާނު ސަޕްލައިކޮށް ސާވިސް ދިނުމުގެ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ތަޖުރިބާހުރި އެއް ކުންފުންޏެވެ. މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމެޓް އެސްޓީއޯގެ ފަރާތުންވަނީ އިންސްޓޯލްކޮށް ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ. މި ބްރޭންޑުގެ އާލާތްތައް ފޯރުކޮށް ދީފައިވާ ތަންތަނުގެ ތެރޭން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ހޮސްޕިޓަލްއަކީ އައިޖީއެމްއެޗް އެވެ. އެ ހޮސްޕިޓަލުގެ ސީއެސްއެސްޑީއަކީ މަޓަޗާނާގެ ފުލީ އިކުއިޕްޓް ސެޓަޕެކެވެ.
އެސްޓީއޯ އިން ދަނީ މަޓަޗާނާއާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި މި ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި އިކުއިޕްމެންޓްތައް ގެނައުމާއި އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް މި އެގްރީމެންޓްގެ ދަށުން ކޮށްދެމުންނެވެ.
އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި އެހީ ވެދިނުމަށްކަމަށްވެފައި އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށް އިސްކަންދެ އެވެ.