ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

ޝެއިހް އުސްމާން އަވަހާރަވީ މީގެ ކުޑައިރުކޮޅެެއްގެ ކުރީންނެވެ. ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ އުސްމާން ޢަބްދުﷲ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އުސްމާން އަބްދުﷲ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އުސްމާން އަބްދުﷲ އަވަހާރަ ވެއްޖެ އެވެ.

ޝެއިހް އުސްމާން އަވަހާރަވީ މީގެ ކުޑައިރުކޮޅެެއްގެ ކުރީންނެވެ.

އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހިދްމަތްތަކަކީ ދިވެހި ކޮންމެ ފަރުދަކު ހިތްހެޔޮކަމާއެކު ބަލައިގަންނަ ހިދުމަތްތަކެކެވެ.

ޝެއިހް އުސްމާން، ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދީނީ ރޮނގުން ތަފާތު އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން ފުރަތަމަ ކުރެއްވީ ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކިރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން [މަދްރަސަތުއްތައިބާ] ގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައި އެތަން އުވާލަންދެންވެސް އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ އާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީ ގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށަށް ޢުސްމާން ވަނީ ޒިޔާރަތް ކުރައްވައި ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ.

ޝެއިހް އުސްމާންގެ އަޑު، ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތަކުން ނީވޭ ދުވަހެއް މަދުވާނެ އެވެ. އެހާވެސް ބޮޑަށް އެ ދާއިރާއާ ގުޅުން ބޮޑެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ އިލްމު މުޖުތަމައުގެ ފައިދާއަށްޓަކައި ބޭނުންކުރައްވަމުން ގެންދެވި އެވެ. ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސްއިން ފޮނުއްވާ ދީނީ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ތަފާތު އެތައް މައުލޫއަކަށް ދީނީ ނަސޭހަތްވަނީ ދެއްވާފައެވެ. އަދި ވަގުތުން ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި އުސްމާނަށް އެނގިވަޑައިގެން ހުންނެވި މިންވަރަކުން ދީނީ ކަންކަން ގެންދަވަނީ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ. ވަގުތުވެވަޑައިގެންނެވި މިންވަރަކުން ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ އެއީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ދެކެވަޑައިގެންނެވެ.

އައްޝައިހް އުސްމާން އަބްދުﷲ

ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ އުސްމާން އަބްދުﷲ އެވެ. 1983 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި އެތަން ހިންގެވުމުގެ މަސްއޫލިއްޔަތު، އުސްމާން އަބްދުﷲއާ ހަވާލުކުރެއްވިއެވެ. އުސްމާން ހުށަހެޅުއްވި ޒަކާތާބެހޭ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސް އިން ފޮނުއްވާފައެވެ.

އުސްމާން އަބްދުﷲ އަކީ ދީނީ ރޮނގުންވެސް ތަފާތު އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި ދަމުނަމާދާއި ސުންނަތް ނަމާދުތައް، މިފޮތާއި، އިސްލާމްދީނުގައި އަންހެނުންގެ އައުރަ ނަމުގައި ލިޔުއްވި ފޮތް ހިމެނެއެވެ. އަދި ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން ފިގުހުއް ސުންނާ ފޮތާއި ނަމާދާއި ހައްޖާއި ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް ސައުދީ އަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ޝައިހް އުސައިމީން ދެއްވާފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ. މި ހުރިހާ ފޮތްތަކަކީ ޗާޕުކުރައްވައި ޝާއިއު ކުރައްވާފައިވާ ފޮތްފޮތެވެ.

އުސްމާން ތަރުޖަމާ ކުރައްވައި، ޝާއިޢު ނުކުރެއްވި ހުރި ވަރަށްގިނަ ފޮތްތައްވެސް އެބަހުއްޓެވެ. އުސްމާންގެ އެކިއެކި ލިޔުއްވުންތައް ރާއްޖޭގެ އެކިއެކި ނޫސް މަޖައްލާތަކުގައިވެސް ޝާއިއު ކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު އޭރު ނެރުއްވަމުން ގެންދެވި ދީނުގެ މަގު ނޫހަށްވެސް އޭނާ ގަވާއިދުން ލިޔުއްވި އެވެ.

ކުރީގެ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ މުދައްރިސެއްގެ ގޮތުން އުސްމާނު ވަނީ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ހިއްސާ އެއް އަދާކުރައްވާފައިވެއެވެ.

އުސްމާން އަބްދުﷲ އަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަރަށް ފަހަކާ ޖެހެން އޭނާ އެހީތެރިކަން ދެއްވަމުން ގެންދެވި އެވެ.

ޝެއިހަށް ވަނީ ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް

1
450
ފާތިނާ
1 year ago

إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ޝެއިހު އުސްމާން އަބްދުﷲ އަށް ސުވަރުގެ ދެއްވާ، އާއިލާ އަށް ކެތްތެރިކަން ދެއްވާންދޭވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.