ދެ ގައުމުގެ ވެސް ނިޔަތަކީ ހަނދުގެ ދެކުނަށް ގޮސް އެތާނގައިވާ ގަނޑުފެނާއި އަގުހުރި މާއްދާތަތަކާއި ހަނދުގެ ބައެއް ހޯދުމެވެ. އެހެނެއް ކަމަަކު ކުރިން މަންޒިލް ކުރާ ބަޔަކު ވާނީ ހަނދުގެ ދެކުނު ފަޅިއަށްދާ ފުރަތަަމަ ގައުމަށެވެ.
ރަޝިޔާގެ ލޫނާ 25 އާއެކު ކުރިޔަށް ގެންދާ ހަނދަށް މަންޒިލް ކުރުމުގެ މިޝަނަކީ ސޯވިއެޓް ޒަމާނަށް ފަހު އެ ގައުމުން ހަނދަށް އުޅަނދެއް ޖައްސަން މަސައްކަތް ކުރާ ފުރަތަމަ މިޝަނެވެ. އެންމެ ފަހުން ރަޝިޔާއިން ހަނދަށް ފައިބާ އުޅަނދެއްގެ ގޮތުގައި ލޫނާ 24 ހަނދަށް ފޮނުވާފައި ވަނީ އޯގަސްޓް 18، 1976 ވަނަ އަހަރު އެވެ.
އޭގެ ފަހުން މި ހިނގާ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ހަނދަށް ދާން އުދުހިގަތް ލޫނާ 25 ދުނިޔޭގެ ފަށަލައިން ބޭރުވެ ހަނދުގެ އިހުތިސޯސީ ދައުރުގެ ތެރޭގައި ފުރިހަމައަށް ބުރުޖަހައި މާދަމާ ހަނދުގެ ދެކުނު ފަޅިއަށް ފުރިހަމަ ލޭންޑިއެއް ހެދުމުގެ ކުރީން ޕްރީ ލޭންޑިންއަށް ތައްޔާރުވަމުން ދަނިކޮށް މި ވަގުތު ލޫނާ 25 އަށް ވަނީ އެމަޖެންސީ ހާލަތެއް މެދުވެރިވެފަ އެވެ. -- ލޫނާ 25، އޯގަސްޓް 10 ގައި ނައްޓާލީ ރަޝިޔާގެ އަމޫރު އޮބްލާސްޓްގެ ވޮސްޓޮޗްނީ ކޮސްމޮޑްރޯމް އިން ސޯޔޫޒް-2 ފްރެގަޓް ރޮކެޓެއްގަ އެވެ. އެއީ ބާރުގަދަ އިސްޕީޑް ހަލުއި ރޮކެޓެކެވެ.
ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޯސްމޯސް އިން މިހާރު ވަނީ ދިމާވި އެ ހާލަތު ދުނިޔެއަށް ހަބަރު ކޮށްފަ އެވެ. އެކަމަކު ދިމާވި ކުއްލި އެ ހާލަތުގެ ސަބަބުން މާދަމާ ލޫނާ 25 އަށް ހަނދަށް މަންޒިލް ކުރަން، ނުވަތަ ލޫނާގެ ލޭންޑަރު ހަނދަށް ބަނދަރު ކުރަން ހުރަހެއް އޮތް ކަން ނުވަތަ ނޫން ކަން ވެސް މުޅީން ސާފެއް ނުވެ އެވެ.
ހަނދުގެ ދައުރުގެ ތެރެއަށް ލޫނާ 25 ވަދެފައި ވަނީ މިދިއަ ބުދަ ދުވަހު އެވެ. އެއީ ގާތްގަނޑަކަށް ކުޑަ ކާރެއްގެ ސައިޒުގެ އުޅަނދެކެވެ. އެ އުޅަނދު އަމާޒު ހިފައި އޮތީ މާދަމާ ހަނދަށް މަންޒިލްކޮށް ހަނދުގެ ދެކުނު ފަޅީގައި އަހަރެއްހާ ދުވަހު އޮޕަރޭޓް ކޮށް ދިރާސާތައް ކުރާށެވެ.
ލޫނާ 25 ގައި އިމާޖެންސީއެއް / ކުއްލި ހާދިސާއެއް ހިނގާފައި ވަނީ ޕްރީ ލޭންޑިން އޯބިޓްގެ ތެރެއަށް ލޫނާ 25 ވަންނަން އުޅުމުގެ ތެރޭގަ އެވެ.
ރަޝިޔާގެ ރޮސްކޯސްމޯސް ޓެލެގްރާމް ޕޯސްޓެއްގައި ދުނިޔެއަށް ހަބަރުކޮށް ދީފައި ވަނީ މިވަރަށެވެ:
"އޮޕަރޭޝަންގެ ތެރެއިން އޮޓޮމެޓިކް ސްޓޭޝަންގައި ކުއްލި ހާލަތެއް މެދުވެރިވެ، އޭގެ ސަބަބުން ކަނޑައެޅިފައިވާ ޕެރެމީޓަރުތަކާއެކު ފުރިހަމަ ހަރަކާތްތެރި ކަމެއް ގެނެވޭ ގޮތެއް ނުވި... މެނޭޖްމަންޓް ޓީމުން މިހާރު ދަނީ އެ ހާލަތު ތަހުލީލު ކުރަމުން،"
ދިމާވި އިމާޖެންސީގެ ތެރޭގައި ލޫނާ 25، މިހާރު އޮތް އިރު ޖުލައި މަހުގެ މެދުތެރޭގައި ހަނދުގެ ދެކުނު ފަޅިއަށް ފައިބާން އިންޑިއާއިން ފޮނުވާލި އެ ގައުމުގެ ޗަންދްރަޔާން-3 އަށް މިހާރު ވަނީ ލޫނާ 25 ފަސްދީ ހަނދުގެ ބިމަށް ފުރަތަމަ ބަނދަރު ކުރުމުގެ މަގެއް އަނެއްކާ ވެސް ތަނަވެސް ވެފައެވެ. -- ރަސްމީ ތާވަލުގައި މާދަމާ ލޫނާ ބަނދަރު ކުރާއިރު ޗަންދުރާޔަން -3 އަށް ބަނދަރު ކުރެވޭނީ އޭގެ ދެ ދުވަސް ފަހުންނެވެ. މިހާރު އޮތް ހާލަތުގައި ލޫނާ 25 އަށް މާދަމާ ނަގިލި ވައްޓާ ނުލެވިއްޖެ ނަމަ އިންޑިއާގެ އުޅަނދަށް ފަޒާގެ މަގު ހުޅުވޭނެ އެވެ.
ލޫނާއަށް މި އިމާޖެންސީ ލައްވާލި އިރު ލޫނާ 25 މިޝަންގައި އެ އުޅަނދުން ނަގާފައިވާ ހަނދުގައި މާސިންގާ ވަޅުގަނޑު ތަކުގެ ތަސްވީރުތައް ވަނީ ދުނިޔެއަށް ފޮނުވައި ދިނުމުން ރޮސްކޮސްމޯސް އިން ވަނީ އެ ތަސްވީރުތައް އާންމުކޮށްފައެވެ. ހަނދުގެ ދެކުނު ފަޅީގައި ތިން ވަނައަށް އެންމެ ފުން ވަޅުގަނޑުގެ ދިގުމިނަކީ 190 ކިލޯމީޓަރު ހުރެ އެވެ. ފުންމިނުގައިު އަށް ކިލޯމީޓަރު (ފަސް މޭލު) ހުރެ އެވެ.
ލޫނާއިން މިހާތަނަށް އެއްކޮށް ދީފައިވާ ޑޭޓާއިން ހަނދުގެ ފަސްގަނޑުގައި ހުންނަ ކެމިކަލް އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އެއިން ހަނދުގެ ބިމުގެ ކައިރީގައިވާ ސަރަހައްދުތައް ދިރާސާ ކުރުމަށް ފަރުމާކޮށްފައިވާ ޑިވައިސްތައް އޮޕަރޭޓް ކުރަން މަގުފަހިވާނެ އެވެ.
ބައިނަލްއަގުވާމީ މީީޑިއާ ސިފަ ކުރާ ގޮތުން މިއީ އިންޑި އާއި ރަޝިޔާއިން ހަނދުގެ ދެކުނުން އަނދިރި ފަޅިއަށް ފައިބާން ކުރާ މަސައްކަތުގެ ޝައުގުވެރި ވާދަ ޖެހުމެކެވެ. ނަމަވެސް ސެންޓަ ފޯ އެސްޓްރޯފިޒިކްސް، ހާވާޑް އެންޑް ސްމިތުސޮނިއަންގެ ރިސާޗަރުންނާއި ސައިންސްގެ އަތްފުނާ އެޅުމުގައި ތިބި އިލްމުވެރިން ދެކޭ ގޮތުގައި ބާރު ގަދަ މި ދެ ގައުމުގެ މި ދެ މިޝަން ވެސް ކުރިއަށްދާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދެ ގައުމުގެ ވެސް އަމާޒަކީ ދުނިޔެ އާއި އިންސާނިޔަތަށް ހެވެއް ހޯދައި ދިނުން ކަމަށް ވުމުން ދެ ގައުމުގެ މެދުގައި ވާދަ ޖެހުމުގެ ހާލަތު އުފަން ވެފައެއް ނެތެވެ.
ރަޝިޔާ އާއި އިންޑިއާގެ ވެސް ނިޔަތަކީ ހަނދުގެ ދެކުނަށް ގޮސް އެތާނގައިވާ ގަނޑުފެނާއި އަގުހުރި މާއްދާތަތަކާއި ހަނދުގެ ބައެއް ހޯދުމާއި ޗާޓް ކުރުމުގެ މަސައްކަތް ކުރުމެވެ. އެހެނެއް ކަމަަކު ކުރިން މަންޒިލް ކުރާ ބަޔަކު ވާނީ ހަނދުގެ ދެކުނު ފަޅިއަށް ފައިބާ ފުރަތަމަ ގައުމަށެވެ.
ރަޝިއާ އަށް ވެސް އަދި އިންޑިއާއަށް ވެސް ރައްކާތެރި ކަމާއެކު ހަނދުގެ ބިމުގައި އެ ގައުމެއްގެ އުޅަނދު ފައްތިއާ ކުރެވުމަކީ ދެ ގައުމުގެ ޖައްވީ ޕްރޮގްރާމްގައި އަޅާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ.
ރަޝިޔާގެ ލޫނާ އަކީ ކުރިއަށް އޮތްތަނުގައި ރޮސްކޯސްމޯސް އިން ކުރިއަށް ގެންދާ ރޮބޮޓިކް ލޫނާ އެކްސްޕްލޯރޭޝަން މިޝަންތަކަށް ވެސް މުހިންމު އުޅަނދެކެވެ. ކުރިއަށް އޮތްތަނުގައި ލޫނާގެ ބައެއް އެހެން މިޝަންތަކުގައި ވެސް ޖައްވީ އުޅަނދުގެ އެއް ޑިޒައިންގެ ބޭނުން ހިފަން ރަޝިޔާއިން ވިސްނުން ގެންގުޅެ އެވެ.