މި ދެ ގައުމުން ވެސް މަންޒިލް ކުރާނީ ހަނދުގެ ދެކުނަށެވެ. ބަނދަރު ޖަހަން ޗަންދްރަޔާން-3 ހޮވާފައި ވަނީ ގާތްގަނޑަކަށް 68 ޑިގްރީ ދެކުނުންނެވެ. ރަޝިއާ ލޫނާ-25 ގެ ހަނދަށް ވެއްޓިގަންނާނެ ސައިޓަކީ ހަނދުގެ ދެކުނު 70 ޑިގްރީއާ ކައިރި ސަރަހައްދެކެކެވެ.
މީގެ ކުރީންގެ ހަނދަށް މަންޒިލް ކޮށްފައި ވަނީ އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އަދި މިދިއަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީގައި އާދަޔާހިލާފަށް ކުރިއަރައި ގޮސް އޮބާފައިވާ ބިޔަ ބޮޑު ޗައިނާ އެވެ. އެ ތިން ގައުމުން ވެސް ފާބައިފައި ވަނީ ހަނދުގެ އުތުރަށެވެ.
އަނެއްކޮޅުން ވަރުގަދަ އިންޑިއާއަކީ ފަޒާއަށް ދަތުރުކޮށް ހަނދު ހޯދުންތަކާއި ދިރާސާތަކަށް ފެންބޮވައިގަނެ، ހުއްޓާ ނުލައި އެ މަސައްލަތުގައި އޮތް ގައުމެކެވެ. އެކަމަށް ހާއްސަ ކޮށްފައިވާ ޖައްވީ ޕްރޮގްރާމްގެ ތިން ވަނަ ކުރިމަތިލުމުގައި ހިމެނޭ ޖައްވީ އުޅަނދު, ޗަންދްރަޔާން-3 ގެ ދަތުރުގައި މިހާރު ވަނީ ހަނދުގެ އޯބިޓް، ހަނދުގެ އިހްތިސޯސީ ދައުރުގެ ތެރެއަށް ދެމިގަނެ ހަނދުގެ ވަށައި ދައުރުކޮށް ހަނދުގެ ދެކުނު ފަޅި / އަނދިރި ފަޅިއަށް ޖެއްސުމުގެ ފަހުގެ ތައްޔާރީތައް ވާން ފަށާފަ އެވެ.
އިންޑިއާގެ ޗަންދުރަޔާންގެ-3 ގެ ޖައްވީ މި މިޝަންގައި އޯބިޓަރަކާއި ލޭންޑަރަކާއި ރޯވަރެއް ހިމެނެ އެވެ. ޗަންދްރާޔަން-3, އުޅަނދު ހަނދަށް ބަނދަރު ކުރަން ދާން ނައްޓާލައި އުދުހިގެންފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. މިހާރު އެ އުޅަނދު ހަނދުގެ ދައުރުގެ ތެރެއަށް ވަދެ ހަމަޖެހިލައިގެން ހަނދު ވަށައި ބުރުޖަހަމުން ގެންދާއިރު ކިތަންމެ އަވަހަށް ލޭންޑް ކުރެވުނަސް ކުރެވޭނީ އަންނަ ބުދަ ދުވަހު އެވެ. އެއީ މި މަހުގެ 23 ވަނަ ދުވަހެެވެ. ނޫނީ ޖެހިގެން އަންނަ ބުރާސްފަތި ދުވަސް، އޯގަސްޓް 24 ވަނަ ދުވަހު އެވެ. އެ ދެ ދުވަހުން ކުރެެ ދުވަހެއްގައި ލޭންޑަރާއި ރޯވާ ހަނދުގެ ސަރަހައްދަށް ބަނދަރު ކުރަން ދިމާކޮށް އެ މަސައްކަތް ކުރާނެ އެވެ.
ހަނދަށް ވާސިލު ވާން ޗަންދުރަޔާން-3 ޖުލައި 14 ގައި އިންޑިއާގެ ތިން ވަނަ ދިމާ ކުރުމަކަށް ނައްޓާލި އިރު އޮތީ ކާމިޔާބު ކަމާއެލު ދެކުނު ފަޅިއަށް ލޭންޑް ކުރެވިއްޖެ ނަމަ އިންޑިއާ އެއީ ހަނދުގެ އެ ފަޅިއަށް ވާސިލުވާ ފުރަތަމަ ގައުމަކަށް ވެގެން ދިއުމެވެ. އަދި ހަނދަށް ބަނދަރު ޖަހާ ހަތަރުވަނަ ގައުމަކަށް އިންޑިއާ ވެގެން ދިއުމެވެ.
އެހެން ނަމަވެސް މިހާރު ވަނީ މަންޒަރާއި ހާލަތު ބަދަލުވެ، ރަޝިޔާގެ "ލޫނާ 25" ހަނދުގެ ދެކުނަށް ކުރާ ދަތުރު އެ ދެމެދަށް ވަދެ "ފަޒާގެ ވާދަޖެހުމެއް" އިންޑިއާ އާއި ރަޝިއާ އާ ދެމެދު ގައި އުފެދިފަ އެވެ.
މިހާރު ބެލެވިފައިވާ ގޮތުން ހަނދުގެ ދެކުނު ފަޅިއަށް މަންޒިލު ކުރާ ފުރަތަމަ ގައުމަކަށް އިންޑިއާ ވުމުގެ ފުރުސަތު ބޮޑުތަނުން އެބަ ކުޑަ ވެއެވެ. ސަބަބަކީ ލޫނާ 25 މ،ާ ފަހުން ދަތުރު ފަށައި އެކަމަކު މާ އަވަހަށް ދަތުރުކޮށް މިހާރު ހަނދުގެ އިހުތިސޯސީ ދައުރުގެ ތެރެއަށް ވަދެ، ވަށައި ބުރު ޖަހަމުން ގޮސް "އިންޗިއަކާ ކައިރިއަށް" ޖެހި ކުރިއަރާފައި ވާތީ އެވެ.
ރަޝިޔާގެ ލޫނާ 25 ގެ ދަތުރުގައި ވެސް ކުރާނެ ކަމަކީ މީގެ ކުރިން ހަނދުގައި ކުރިޔަށް ގެންދިޔަ މިޝަންތަކުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ދިރާސާތައް ކުރިއަށް ގެންދިއުމެވެ. ހަމަ އެހެންމެ ޗަންދުރާޔާން-3 ދަތުރުގައި ވެސް އޮތީ އެ އަމާޒެވެ. އެ ގޮތުން 2008 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ހަނދުގެ މިޝަނުގައި ހަނދުގެ ސާފޭސްއާ ހަމައަށް ދަތުރެއްކޮށް ހަނދުގެ ސަރަހައްދުގައި ގަނޑު ފެނުގެ މޮލިކިއުލްތައް ހުރިކަން ހޯދައި، ހަނދުގައި ދުވާލުގެ ޖައްވެއް އޮންނަކަން ގާއިމް ކުރިތާ 13 އަހަރު ފަހުން އެ ދިރާސާތަކަށް އަލުން ނަޒެއް ކުރާނެ އެވެ.
އިންޑިއާގެ ޖައްވީ ޕްރޮގްރާމްގައި ހަނދުގެ އަނދިރިފަޅިއަށް ނުވަތަ ދެކުނު ފަޅިއަށް ވާސިލު ވާން ދިމާ ކުރާ ތިންވަނަ ފަހަރު ޗަންދްރަޔާން-3 އާއި ރަޝިޔާގެ ލޫނާ 25، ވެސް ހަނދުގެ ދައުރުގައި އޮތް އިރު ޖައްވީ ހޯދުންތަކުގައި ވާދަވެރި މި ދެ ގައުމުގެ ދެ އުޅަނދުގެ ވެސް އަމާޒަކީ އަންނަ ހަފުތާގައި ހަނދަށް ޖައްސަން ވާން ޖެހޭ ތައްޔާރީތައް ވަމުން ދިއުމުގައި ދެމިތިބުމާއެކު އަމާޒުން ކައްސާ ނުލައި ތިބުމެވެ.
މިހާރު ގާތްގަނޑަކަށް ޔަގީން ކުރެވިފައިވާ ގޮތުން ފުރަތަމަ ހަނދަށް ބަނދަރު ޖަހަނީ ލޫނާ 25 އެވެ. އެއީ އަންނަ ހޯމަ ދުވަސް، އޯގަސްޓް 21 ގަ އެވެ. އެއީ މާދަމާ އެވެ. އެކަމަކު އެއީ ގޯހުން އެއްވެސް ކަމެއް ދިމާ ނުވެ އޮމާން ކަމާއެކު ދާ ނަމަ އެވެ. އަނެއްކޮޅުން ކިތަންމަ އަވަހަށް "ހަނދަށް ނަގިލި ވައްޓާލިޔަސް" އިންޑިއާގެ ޗަންދްރަޔާން-3 އަށް އެކަން ކުރެވޭނީ މިހާރު ހަނދު ވަށައި ބުރުޖަހާ އިސްޕީޑަށް ބަލާއިރު އޭގެ ދެ ދުވަސް ފަހުން، އޮގަސްޓް 23 ގަ އެވެ.
ކުރީގެ ސޯވިއެޓް ޔޫނިއަން / ރަޝިޔާގެ ޖައްވީ އުޅަނދު ލޫނާ-24، 1976 ވަނަ އަހަރު ހަނދަށް ޖެއްސި ފަހުން ހަނދުގައި ޖައްވީ އުޅަނދެއް މަންޒިލު ކޮށްފައި ވަނީ ހަމައެކަނި ޗައިނާގެ ޗަންގް-3 އާއި ޗަންގް-4 އެވެ. އެއީ 2013 އަދި 2018 ވަނަ އަހަރު އެވެ. އެހެން ކަމުން މިވަގުތު އިންޑިއާ އާއި ރަޝިޔާއިން ފަޒާއަށް ދަތުރުކޮށް ހަނދުގެ ދެކުނަށް ސޮފްޓް ލޭންޑިން ހަދަން ކުރާ ތާރީހީ މަސައްކަތަކީ ދެ ގައުމުން ކުރެ ގައުމެއް އަވަހާ ހަނދަށް ޖައްސައިގެން ކުރި ހޯދުމަށްވުރެ މާ މުހިންމު އަމާޒުތައް ދެ ގައުމަށް ވެސް އޮތް މިޝަނެއް ކަމަށް އެ ދެ ގައުމުގެ ޖައްވީ އިދާރާއިން ވެސް ދެކެއެވެ.
ރަޝިޔާގެ ލޫނާ 25 ހަނދަށް ފައިބާން ދަތުރު ފަށައި އުދުހިގަތީ މި އޯގަސްޓް 10 ވަނަ ދުވަހު އެވެ. ލޫނާ 25 އުދުހިގަތްތާ އެންމެ ހަ ދުވަހުގެ ތެރޭގައި ވަނީ ހަނދުގެ އޯބިޓް / އިހްތިސޯސީ ދައުރުގެ ތެރެއަށް ވާސިލް ވެފަ އެވެ. އިންޑިއާގެ ޗަންދުރާޔަން-3 އާ ހިލާފަށް ލޫނާ 25 އެހައި އަވަހަށް ހަނދުގެ ދައުރުގެ ތެރެއަށް ވަނީ އެތައް ތަނެއް ބާރު ގަދަ ރޮކެޓެއްގައި ފަޒާގެ ތެރޭ ދުއްވައިގެނެވެ. ދަތުރުގެ އެބައި ފުރިހަމަ ކުރުމަށް އިންޑިއާގެ ޗަންދްރަޔާން-3 އަށް 23 ދުވަސް ނެގި އެވެ. އެއީ އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގައި އަދިވެސް ހަނދުގެ ދައުރުގެ ތެރެއަށް ވަންނަން ދާނެ ބާރުގަދަ، ވަރުގަދަ ރޮކެޓެއް ނެތުމުންނެވެ.
މިހާރު ޖައްވީ މި ދެ އުޅަނދު ވެސް ހަނދުގެ ދައުރުގެ ތެރޭގައި އޮތުމުން، ލޫނާ 25 އަށް ޗަންދްރަޔާން-3 އަށް ވުރެ ވަކި އިތުރު ފައިދާއެއް މޮޅެއް މިވަގުތަކު ނެތެވެ. މޮޅެއް އޮތް ނަމަ ހަމަ އެކަނި އޮތް ފައިދާ އަކީ ލޫނާއަށް އަވަހަށް ހަނދަށް ޖެއްސުމަށް މަގުފަހިވެފައި އޮތް އޮތުމެކެވެ. ޖައްވީ މިޝަންތަކުގައި ކަން ހިނގައިދާ ގޮތުން ކަން ހިނގައި ފުރިހަމަ ނުވަނީސް އެއީ ޔަގީންކަން އޮންނާނެ ކަމެއް ނޫނެވެ.
އޯގަސްޓް 23 އަކީ ހަނދުގައި ދުވާލު ވަގުތު ފެށޭ ދުވަހެވެ. ހަނދުގެ އެއް ދުވަހަކީ ދުނިޔޭގައި އިރުގެ އަލި މެދު ނުކެނޑި ލިބޭ ގާތްގަނޑަކަށް 14 ދުވަހާ އެއްވަރުގެ ދުވަހެކެވެ. ޗަންދްރަޔާން-3 ގައި ހުންނަ އާލާތްތަކުގެ އުމުރަކީ ހަނދުގެ އެއް ދުވަސް ނުވަތަ ދުނިޔޭގެ 14 ދުވަހުގެ މުއްދަތެކެވެ.
ހަނދު ރޭގަނޑު ވަގުތު އިންތިހާއަށް ފިނިވާއިރު، މައިނަސް 100 ޑިގްރީ ސެލްސިއަސް އަށް ވުރެ މާ ދަަށަށް ފިނިމިން ގެންދެ އެވެ. މިފަދަ ދަށް ފިނިހޫނު މިނެއްގައި މަސައްކަތް ކުރުމަށް ވަކިން ފަރުމާކޮށްފައި ނުވާ އިލެކްޓްރޯނިކް އާލާތްތައް ގަނޑުވެ، ހިލަބުރި ބުރިއަށް ބަދަލުވުމުން މަސައްކަތް ނުކުރާ ހާލަތަކަށް ގެންދެ އެވެ.
އިންޑިއާގެ ދަތުރުގައި އޮބްޒަވޭޝަންތަކާއި އެކްސްޕެރިމެންޓްތަކަށް ހޭދަވާ ވަގުތު ބޮޑު ކުރުމަށްޓަކައި ޗަންދްރަޔާން-3 އަށް ހަނދު ދުވަހުގެ ފެށޭއިރު ޖައްސަން މުހިންމެވެ. ކޮންމެ ވެސް ސަބަބަކާހުރެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ޖައްސަން މަސައްކަތް ނުކުރެވިއްޖެނަމަ އަނެއް ދުވަހު އަނެއްކާވެސް އެ މަސައްކަތް ތަކުރާރު ކުރަން ޖެހޭނެ އެވެ. އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ނަމަ، ހަނދުގެ ދުވަހާއި ހަނދުގެ ރޭ ނިމޭތޯ ފުރިހަމަ އެއް މަސް - ގާތްގަނޑަކަށް 29 ދުވަހުގެ އިންތިޒާރެއް ކުރަން ވެސް ޖެހިދާނެ އެވެ.
ރަޝިއާގެ ލޫނާ 25 އަށް އެފަދަ އެއްވެސް ހުރަހެއް ނެތެވެ؛ އެކަމަކު އެއީ ވެސް ސޯލާ ހަކަތައި އުޅަނދެކެވެ. ނަމަވެސް ރޭގަނޑު ވަގުތު އިންސްޓްރޫމެންޓްތަކަށް ހޫނާއި ކަރަންޓް ފޯރު ކޮށްދިނުމަށް އޮންބޯޑް ޖަނަރޭޓަރެއް ލޫނާގައި އިންދާފައި ހުރެ އެވެ. އެއީ އަހަރެއްހާ ދުވަހުގެ އުމުރެއް ލިބިފައިވާ އިންޖީނެކެވެ.
މި ދެ ގައުމުން ވެސް މަންޒިލް ކުރާނީ ހަނދުގެ ދެކުނަށެވެ. ބަނދަރު ޖަހަން ޗަންދްރަޔާން-3 ހޮވާފައި ވަނީ ގާތްގަނޑަކަށް 68 ޑިގްރީ ދެކުނުންނެވެ. ރަޝިއާ ލޫނާ 25 ގެ ހަނދަށް ވެއްޓިގަންނާނެ ސައިޓަކީ ހަނދުގެ ދެކުނު 70 ޑިގްރީއާ ކައިރި ސަރަހައްދެކެކެވެ.
ހަނދުގެ ފިނި އަދި އަނދިރިފަޅި، ދެކުނު ތަނޑިއަށް ސައިންސްގެ ސަމާލުކަން އަތުލައިގަތީ ބައިވަރު ސަބަބުތަކާހުރެ އެވެ. އެ ފަޅިއަކީ އަދި ރަނގަޅަށް މެޕް ނުކުރެވި އޮތް ސަރަހައްދެކެވެ. ހަނދުގެ މާޒީ އާއި ޕްލެނެޓްތައް އުފެދުމާއި ކުރިއަށް އޮތްތަނުގައި ހޯދުމުގެ ފުރުސަތު އޮތް ގޮތާ ބެހޭ ސިއްރުތައް ހާމަ ކުރުން އެ ފަޅީގެ އަނދިރީގައި ފޮރުވިފައި ވެއެވެ. އިންޑިއާގެ ޗަންދްރަޔާން-3 އާއި ރަޝިޔާގެ ލޫނާ 25 ފުރަތަމަ ފަހަރަށް ދެކުނަށް ޖައްސަން ވާދައެއް ކުރާއިރު، ހަނދުގެ އެންމެ އަނދިރި ފަރާތާ ބެހޭ ގޮތުން ގިނައިން ކުރެވޭ ބައެއް ސުވާލުތަކަށް ދެ ގައުމުން ވެސް ޖަވާބުތަކެއް ދުނިޔެ އާއި އިންސާނިއްޔަތަށް ގެނެސްދޭނެ ހޯދާނެ އެވެ.