ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ރުޅިގަނޑުގެ ތެރޭގައި ގުޅައިގެން ހުރި މީހާއަށް ނިސްބަތްކޮށްފައި ވަނީ ގައްބަރޭގެ ނަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތު އޮތް މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު މެންބަރު ޒަރީރު ހޮޓަލެއްގައި އިންނަވަނިކޮށް އިތުރު ބަޔަކާއެކު ގޮސް، މަރުތޭލަކުން އޭނާއަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭނާ ހޯދަން އިއުލާނު ކުރުމުން އަމިއްލައަށް ގޮސް ފުލުހާ ހަވާލުވުމުންނެވެ.
އޭނާ ބަންދުގައި ހުއްޓާ ކޯޓުން ދޫކޮށްލާފައި ވަނީ ޝަރުތުކޮށްފަ އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އޭނާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދުކޮށްދޭން ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ހައިކޯޓުގެ ހުކުމުގައިވެ އެވެ.
ހައިކޯޓުގެ އަމުރާ ގުޅިގެން އޭނާ ހައްޔަރުކޮށް އިއްޔެ ވަނީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުން އޭނާ ބަންދުކޮށްފައި ވަނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެންނެވެ.
އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުގައި، އަދި ހަމަލާގެ ކުޑައިރުކޮޅެއް ކުރިން ޒަރީރު މީހަކާ ރުޅިވެރިކަމާއެކު ފޯނުން ވާހަކަ ދެއްކި ކަމަށްވެ އެވެ. ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ރުޅިގަނޑުގެ ތެރޭގައި ގުޅައިގެން ހުރި މީހާއަށް ނިސްބަތްކޮށްފައި ވަނީ ގައްބަރޭގެ ނަމުން ކަމަށެވެ.
އަދި ޒަރީރު އިން ހަބީބީ ކެފޭއަށް ގައްބަރޭ ވަންނަކަން ސީސީޓީވީ ފުޓޭޖްތަކުން އެނގެ އެވެ. އަދި އެހެން ސަރަހައްދުތަކުން ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން މީހުންނާއެކު އޭނާ ސައިކަލުގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.