ހަނިމާދޫ ރައްޔިތުން ނިކަމެއްޗެއް ނުވާނެ، ބިމުން އިންޗިއެއްވެސް ނުގެއްލޭނެ: ގާސިމް

"އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ މި ރަށުގެ [ހަނިމާދޫ] ރައްޔިތުންނަށް ދީފައިވާ ބިމުން އަކަ އިންޗިއެއް ވެސް ގެއްލުނަމަ ނުދޭނަން. [އޭގެ ބަދަލުގައި ބިން] އިތުރު ކޮށްދޭނަން،"

ގާސިމް ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ --

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހަނިމާދޫގެ އެއްވެސް ރައްޔިތަކަށް ދެރައެއް / ނިކަމެތި ކަމެއް ނުލިބޭނެ ކަމަށާ އެ ރަށުގައި ތަރައްގީ ކުރާ އެއާޕޯޓްގެ ސަބަބުން ރައްޔިތުންގެ ބިމުން އެންމެ އަކަ އިންޗިއެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިރުއޮއްސުނު ވަގުތު ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހީންގެ މިނިވަން ކަމަށް އެއްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ދިވެހި އެއްވެސް ރައްޔިތަކަށް ދެރައެއް / އަނިޔާ އެއް ލިބެން ދޫކޮށް ނުލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރަށް ދެވަނަ ދައުރެއް ދީފި ނަމަ ހަނިމާދޫގެ ރައްޔިތުން އެ ރަށުން ބަލާނެ ކަމަށާ ހަނިމާދޫ ވެގެން ދާނީ އިންޑިއާގެ ބާރު އޮންނަ ތަނަކަށް ކަަމަށް ބައެއް ސިޔާސީ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ގާސިމް ވަނީ ހަނިމާދޫ ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ވުމަށް ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.  

"އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ މި ރަށުގެ [ހަނިމާދޫ] ރައްޔިތުންނަށް ދީފައިވާ ބިމުން އަކަ އިންޗިއެއް ވެސް ގެއްލުނަމަ ނުދޭނަން. [އޭގެ ބަދަލުގައި ބިން] އިތުރު ކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިޒަމް ކުރިއެރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވަނީ އުތުރުގައި ހަ ހާސް އެނދުނު ޓޫރިޒަމަށް ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ މެނިފެސްޓޯ ގައި އޮތީ ހަ ހާސް އެނދުނު ނަމަވެސް އެމަނިކުފާނުގެ އެންމެ ބޮޑު އުންމީދަކީ 10،000 އެނދުނު އުތުރުގައި ތަރައްގީ ކުރެއްވުން ކަމަށެވެ.

އެކަމަށް ފުރިހަމަ ޕްލޭނެއް އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އުތުރުގައި ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގައި ރަށްރަށް ދޫކުރާނީ ފުރަތަމަ 15 އަހަރު ކުލި ނުނަގާ ގޮތަށް ކަމަށެވެ. ގާސިމް ވިދާޅުވީ ހދ ފަދަ ޓޫރިޒަމް ނެތް ސަރަހައްދެއްގައި އެ ދާއިރާ ތަރައްގީ ކުރެވޭނީ އެ ލުއި ދީގެން ކަމަށެވެ.

އަދި ސަރުކާރަށް ލިބޭ ކުލި މަދުވިޔަސް ރައްޔިތުންނާއި ގައުމަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އުތުރުގެ ޓޫރިޒަމަށް ފުުރުސަތު ފަހި ކުރުމަށް ޕްރޮޖެކްޓް ދެކޮޅު ޖެއްސޭނެ ގޮތެއް އެމަނިކުފާނުގެ ސަރުކާރެއްގައި ހޯދައިދެއްވާނެ ކަމަށެވެ.

"މިއީ ފޮނި ވާހަކަ އެއް ނޫން. ތިބޭފުޅުން އަޅުގަނޑަށް އެ ފުރުސަތު ދެއްވާ. މާތްﷲގެ ރަހްމަތުން ގަދަވެ ސަލާމަތުން އަޅުގަނޑު ދުނިޔޭގައި ލަހައްޓަވައިފިއްޔާ އެކަން ކުރާނަން،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.