ޓެކްސީ ކެމެރާ ތަންފީޒެއް ނުވާނެ، ބަޔަކަށް ލާރި ހަދައިދެނީ

ޓެކްސީތަކުގެ ކަޅު ބިއްލޫރިގަނޑު، އަލި ބިއްލޫރިއަށް ބަދަލު ކުރަން އެނގުމުން ވެސް ބަޔަކު އެއިން ލާރި ހަދައި ބޮޑު ފައިދާއެއް ނެގި ކަމަށެވެ. ޓެކްސީ ބޯޑް ފެހި ރަތުން ދިއްލުން ވެސް އެއީ ވިޔަފާރިއެކެވެ. މިފަހަރު ވެސް އެފަދަ ވިޔަފާރިތަކެއް އުފައްދަން މަސައްކަތް ކުރާކަމަށް އާންނުންގެ ތުހުމަތުތައް މިހާރު އެބައޮތެވެ.

މާލޭގައި ދުައްވާ ބައެއް ޓެކްސީތައް ހިމެނޭ ގޮތަށް މަގެއްގެމަތި: ޓެކްސީ ގަވައިދަށް ގެންނަ ބަދަލުތައް ތަންފީޒުވާތަނެއް ނުފެނޭ -- މިހާރު ނޫހުގެ ފޮޓޯއެއް

އަބަދުވެސް ސަރުކާރަަކަށްވުރެ "ކުރީގައި" ދުއްވާ މާލޭ ޓެކްސީތައް ހުއްޓުވައި މައިތިރި ކުރަން ސަރުކާރުން އެތައް މަސައްކަތެއް ކުރާ ކަމަށް ދައްކައިފި އެވެ. އެކަމަކު ޓެކްސީތަކާއި، ޓެކްސީ ޑްރައިވަރުންނާ ގުޅޭ އެއްވެސް ކަމެއް ރައްުޔިތުން ބޭނުންވާ ގޮތަކަށް ސަރުކާރަކަށް ނުކޮށް ދެވުނެވެ. ސަރުކާރަރަކަށް އެކަމެއް ހަމަ ނުވި އެވެ. ޓެކްސީ ކަންތަކުގައި މިސަރުކާރު މީ އެންމެ ފޮނި ކެނޑި އެންމެ ކަމެއް ނުވާ ސަރުކާރެވެ. ބޯހަރު ޑަރައިވަރުންގެ އަތްދަށުގައި ސަރުކާރު ވެފައި އޮންނަތާ މިހާރު ވެސް ހަތަރު އަހަރުވީ އެވެ. މި ދުވަސްތަކުގައި ތަފާތު ގަވާއިދުތައް ޓެކްސީ ހިދުމަތަށް ގެނެސްފިވެސް މެއެވެ. އެކަމަކު އެއިން އެންމެ ގަވައިދެއް ވެސް ތަންފީޒެއް ނުވެ އެވެ. ތަންފީޒީ އިދާރާތައް ބޮޑު ތަނުން ފެއިލްވެފައިވާ ރާއްޖޭގައި ޓެކްސީ ޑްރައިވަރުންނަށް އަނެއްކާވެސް މިވަނީ އާ ގަވައިދެއް ނެރެފަ އެވެ. މިފަހަރު ޓެކްސީތަކުގައި ހަރުކުރަން ޖެހެނީ ޑޭޝް ކެމެރާ ނުވަތަ ކުރިމަތީ ކެމެރާ އެވެ. އެ އަށްފަހު 100 ޓެކްސީ އަބަދު ޑިއުޓީގައި ތިބެން ލާޒިމެވެ.

ގަވައިދަށް ގެނައި މި ބަދަލުތައް ތަންފީޒު ވާނެ ހެއްޔެވެ؟ ނޫނީ މިކަން ވެސް ވެގެން ދާނީ ޕާޓީ އެކްޓިވިސްޓް ވިޔަފާރިވެރިއަކަށް ފައްކާކޮށްދޭ އާ ވިޔަފާރި އަކަށް ހެއްޔެވެ؟

"މީގެ ކުރިން ވެސް މިފަަދަ ކިތަންމެ ކަމެއް ކުރި. މީގެ ކޮންމެ ފަހަރަކު ވެސް ޓެކްސީއާ ގުޅޭ އެއްވެސް ގަވައިދެއް ތަންފީޒެއް ނުކުރެވޭ. ގަވައިދު ހަދަނީ ތަންފީޒު ނުވާނެ ގޮތް ބަލައިގެން ހެން ހީވަނީ. ހަގީގަތަކީ، ހަގީގީ މައްސަލައަށް ހައްލު ގެނެސް ދިނުމުގެ ހިތްވަރު ނެތުން،" ކުރިން ޓްރާންސްޕޯޓުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މާލެއަށް ބަލާއިރު މިހާރު ވެސް ހާހަކަށްވުރެ ގިނަ ޓެކްސީ ހިދުމަތުގައި އުޅެ އެވެ. އަދި ޓެކްސީ ބޯޑު ނޭޅުވި ނަމަވެސް "ޕްރައިވެޓް ހަޔާ" އަކީ ވެސް ހަމަ ޓެކްސީ އެވެ. އެހެންވީއިރު މި ގަވައިދު ހަމައެކަނި ޓެކްސީ ބޯޑުގައި ތިބި ބަޔަކަށް ތަންފީޒު ކޮށްފައި "ޕީ" އަކުރުގައި މީހުން އަރުވައިގެން ދުއްވާ އުޅަނދު ތަކަށް ނުވާންވީ ސަބަބު ވަށައެއް ނުޖެހެ އެވެ.

މާލޭގެ ޓްރެފިކް ޕޮލިހަކު ބްރިޖް ސަރަހައްދުގައި މަގުމަތި ބަހައްޓާއިރު ޓެކްސީއެއް ހުރަސް ކުރަނީ -- ވަން އޮންލައިންގެ ފޮޓޯއެއް

އަނެއްކާ މިހާތަނަށް ޓެކްސީއަށް ހެދި ކޮންމެ ގަވައިދެއް ވެސް ފަރުމާކޮށްފައި ވަނީ ކޮންމެވެސް ބަޔަކަށް ވިޔަފާރިއެއް ފަހިކޮށް ދޭން ވެގެނެވެ. ގަވައިދަށް ގެންނަ ކޮންމެ ބަދަލަކާއެކު ޓެކްސީއަށް ހިދުމަތް ދޭން ވިޔަފާރި ތަކެއް ވެސް އުފަން ކުރުވަ އެވެ. މިކަމުގައި ތިބެނީ ވެސް ގަވައިދު ހަދަން ތިބޭ މީހުންނެވެ. މިއީ މިކަން އޮންނަ ގޮތެވެ.

ގަވައިދު ތަންފީޒެއް ނުކުރޭ، ކުރީ ވިޔަފާރި


ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން ވެސް މިކަން ފާހަގަ ކުރެ އެވެ؛ ދިވެހި ޓެކްސީ ޑްރައިވަރުގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި ގޮތުގައި ޓެކްސީތަކުގެ ކަޅު ބިއްލޫރިގަނޑު، އަލި ބިއްލޫރިއަށް ބަދަލު ކުރަން އެނގުމުން ވެސް ބަޔަކު އެއިން ލާރި ހަދައި ބޮޑު ފައިދާއެއް ނެގި ކަމަށެވެ. މިފަހަރުވެސް އެފަދަ ވިޔަފާރިތަކެއް އުފައްދަން މަސައްކަތް ކުރާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކާރުތައް މި ހުންނަނީ ކަޅު ބިއްލޫރީގައި. އެހެންވެ ކާރު ގެނެސް ބިއްލޫރި ލަންކާއިން ގެނެސްގެން ބަދަލު ކުރަން ޖެހުނީމަ އެ ފަހަރު ވެސް ކާރަކަށް 15،000ރ. ހަރަދުވި. މި ފަހަރު ވެސް ވާނީ އެހެން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މިހާރުގެ ހާލަތަށް ބަލާއިރު ޑޭޝް ކެމެރާއިން ވާނެ ފައިދާއެއް އޮތް ކަމަށް ނުފެނެ އެވެ. އަަނެއްކޮޅުން 100 ޓެކްސީ ޑިއުޓީގައި ތިބުން މިއީ މިހާރު ވެސް އޮންނަ ކަމެކެވެ. އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އަބްދުﷲ ވެސް ފާހަގަ ކުރެއްވި އެވެ.

"މިހާރު އެކްސިޑެންޑެއް ވިޔަސް ބައެއް ފަހަރު އިނގިލި ދިއްކޮށްލާފަ ދާގޮތަށް އެބަދޭ. ފިޔަވަޅެއް ނޭނޅެ. މިހެން އޮތް ކަމެއްގައި އިތުރު ކެމެރާއެއް ގަނުވައިގެން އެޅުވުމުގެ ބޭނުމެއް ހަމަ ނުފެނޭ،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގައި ޑޭޝް ކެމްއަކީ އެހާ އާއްމު އެއްޗެއް ނޫނެވެ. ނަމަވެސް އޮންލައިކޮށް އެފަދަ ވިއްކަން ހުރި އަގުތަކަށް ބަލާއިރު 200ރ. ވަރަށް ކެމެރާއެއް ލިބެ އެވެ. އެހެންވެ މިކަން ވެސް ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ ފުރުސަތު މިއޮތީ ގަވައިދަކުން ހޯދައި ދީފަ އެވެ. ކުރިން ދިއްލޭ ބޯޑާއި ކަޅު ބިއްލޫރީގެ ވިޔަފާރި ކުރިގޮތަށް މިފަހަރު ކެމެރާ ގެނެސް ޓެކްސީތަކުގައި އަޅުވަންވީ އެވެ.

ބަސް ޓެކްސީތަކަށް ގޮންޖެހުމެއްތަ؟


އަނެއްކާ ވެސް ޓެކްސީގެ އާ ގަވައިދެއް މި އައީ ޓެކްސީ ތަކަށް ޗެލެންޖެއް ކުރިމަތިވާ ދުވަސްވަރެއްގަ އެވެ. މާލެ ތެރެއަށް މިނީ ބަހުގެ ހިދުމަތް ފަށަން ސަރުކާރުގެ އެމްޓީސީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި ހިދުމަތް ފަށައިފިނަމަ ޓެކްސީތަކަށް ގޮންޖެހުން ކުރިމަތި ވާނެ އެވެ. ސަރުކާރުން މިފަހަރު އާ ގަވައިދެއް ގެނެސް ޓެކްސީތައް ފިއްތާލުމުގެ ބޭނުމަކީ ވެސް މިއީ ކަމަށްވުން ކައިރި އެވެ.

ޑްރައިވަރުން ބުނާ ގޮތުގައއި މި ހިދުމަތުގެ ސަބަބުން ޓެކްސީ ތަކަށް ގޮންޖެހުމެއް އޮތް ކަމަށް ނުބުލެވެ އެވެ. ޓެކްސީ ޖަމިއްޔާގެ ރައީސް އަބްދުﷲ ވިދާޅުވި ގޮތުގައި ވެސް ބަހުގެ ހިދުމަތް އެމީހުންނަށް ގޮންޖެހުމަކަށް ނުވާނެ އެވެ.

"މިހާރު ބަސް އެބަދުއްވާ ޓެސްޓަކަށް. މީގެ ބަހަކަށް ވެސް މި ފެންނަނީ ފަސް ވަރަކަށް މީހުން އަރާ ތިއްބާ. ބޮޑަށް ބެލެވެނީ ބަހަށް އަރާނީ ބިދޭސީން ކަމަށް. އާއްމުކޮށް މި އުޅޭ ދިވެހިން ހަމަ ކާރު ބޭނުން ކުރާނެ ކަމަށް ބެލެވެނީ،" އަބްދުﷲ ވިދާޅުވި އެވެ.

ޓެކްސީ އަށް ހަދާ ގަވައިދުތައް ތަންފީޒު ނުވި ނަމަވެސް ޔަގީންވާ އެއްކަމަކީ މިއިން ބަޔަކަށް ބޮޑު މަންފާއެއް ކުރާނެ އެވެ. ތަންފީީޒު ނުވާ ގޮތަށް ގަވައިދު ހެދި ނަމަވެސް ފައިދާވާ ބަޔަކަށް އޮތީ ފައިދާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.