އަންހެނުންނަށް އަޅާފައިވާ ހުރަސް ނައްތާލަން މަހްބޫބާ ތާލިބާނުން ގާތު އެދެފި

ހުޅަނގުގެ އަދި މުސްލިމުންގެ އަޣުލަބިއްޔަތުތައް އޮންނަ ގިނަ ގައުމުތަކުން ވަނީ އަންހެނުންގެ ހައްގުތަކާބެހޭ ގޮތުން ތާލިބާނުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހަދާފަ އެވެ.

އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތަކާ ބެހޭ އެކްޓިވިސްޓް މަހްބޫބާ ސެރާޖް

އަފްޣާނިސްތާނުގައި އަންހެން ކުދިންގެ ތައުލީމަށާއި އަންހެނުންނަށް ކުރިމަތި ކުރުވާފައިވާ ހުރަސްތަކާއި މަނާ ކުރުންތަކަކީ ތާލިބާނުންގެ "ކުށެއް" އަދި އުސޫލުތަކާއި ނިޒާމްތަކަށް ހާލުކޮށް ފުރަގަސް ދިނުން ކަމަށް އެ ގައުމުގެ އަންހެނުންގެ ހައްގުތަކާ ބެހޭ އެކްޓިވިސްޓް މަހްބޫބާ ސެރާޖް ސިފަކޮށް އޭނާގެ އެ ސިފަ ކުރުންތައް އަފްޣާންގެ ތާލިބާން ސަރުކާރާ ހިއްސާކޮށްފި އެވެ.

ނޮބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްވި މަހްބޫބާ ސެރާޖް، ތާލިބާނުންގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދުއާ ކުރިމަތިލައްވައި އެ ވާހަކަތައް ތަކުރާރު ކުރެއްވީ ތާލިބާނުންގެ ގަނޑުވަރެއްގައި ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.

"މާތްﷲ އަށްޓަކައި ވެސް އަންހެންކުދިންގެ ސްކޫލްތައް ހުޅުވާލައި ދެއްވާ،" އެ ބައްދަލުވުމުގައިި މަހްބޫބާ ސެރާޖް ވިދާޅުވި އެވެ. "ސްކޫލަށް ނުދާ ޖީލެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" 

އަންހެން ކުދިންގެ ތައުލީމާމެދު މަހްބޫބާ ސެރާޖްގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމުން އޭނާ ގާތުގައި ޒަބީއުﷲ މުޖާހިދު ވިދާޅުވީ ވާހަކަ ވަށައިޖެހޭ ކަމަށެވެ. އެކަމަކު ސްކޫލަށް ދާން އަންހެން ކުދިން ސަރުކާރާ ދެކޮޅަށް ތެދުވާނަމަ އެއީ އަފްޣާން މުޖުތަމައު ބައިބައިވެ ނުތަނަވަސް ވެދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިލްމުވެރިން ނަސޭހަތްތެރިވާ ހައްލަކަށް އަޅުގަނޑުމެން އެއްބަސް ނުވެއްޖެނަމަ، އަދި  އަޅުގަނޑުމެން މިދަނީ ގޯސް ދިމާލަކަށް އެމީހުންނަށް ހީވާ ކަމަށްވަންޏާ، އެއީ ބައިބައިވުން އުފެދި ސަރުކާރު ވެއްޓިދާނެ ކަމެއް." ޒަބީއުﷲ މުޖާހިދު ވިދާޅުވި އެވެ.

ޔުނެސްކޯއިން ބުނާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2.5 މިލިއަނަށްވުރެ ގިނަ މީހުން، ސްކޫލް އުމުރުގެ އަފްޣާނިސްތާނުގެ އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާތްގަނޑަކަށް 80 ޕަސެންޓް ވަނީ ސްކޫލުން ވަކިވެފަ އެވެ.

އަންހެން ކުދިންގެ ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމަށް ތާލިބާނުން ނިންމުމުން ފާއިތުވި 20 އަހަރު އަންހެނުންގެ ތައުލީމަށް ލިބުނު ބޮޑެތި ކުރިއެރުންތައް ވަނީ ފަހަތަށް ޖެހިފަ އެވެ.

ތާލިބާނުން ބުނަނީ އިސްލާމީ ޝަރީއަތް މާނަ ކުރާ ގޮތާ އެއްގޮތަށް އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް ތާލިބާނުން ވަނީ އަންހެނުންނަށް ގިނަ ހުރަސްތަކެއް އަޅައި، އަންހެނުން އެހީދޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން ހުއްޓުވައި، ބިއުޓީ ސެލޫންތައް ބަންދުކޮށް، އަންހެނުން ޕާކްތަކަށް ދިއުން މަނާކޮށް، ފިރިހެން ބެލެނިވެރިއަކު ނެތި ދަތުރު ކުރުން ހަނިކޮށްފަ އެވެ.

ހުޅަނގުގެ އަދި މުސްލިމުންގެ އަޣުލަބިއްޔަތުތައް އޮންނަ ގިނަ ގައުމުތަކުން ވަނީ އަންހެނުންގެ ހައްގުތަކާބެހޭ ގޮތުން ތާލިބާނުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ހަދާފަ އެވެ. މަހްބޫބާ ސެރާޖް ތާލިބާން ސަރުކާރަށް އިންޒާރު ދެއްވާފައި ވަނީ އަންހެނުންނާ މެދު ތާލިބާނުން ގެންގުޅޭ ސިޔާސަތު ބަދަލު ނުކޮށްފި ނަމަ ތާލިބާނުންނާ ދެކޮޅަށް ދުނިޔެ ތެދުވާނެ ކަމަށެވެ. އަދި އެއިން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ގެއްލުންތައް  ލިބޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.