"ހަނދާން ނައްތާނުލައްޗެވެ. މިވަގުތު ބޮނދައިގެން ތިއްބަސް އެމްޑީޕީ އަށް ދޭ ވޯޓަކީ އަދާލަތު ޕާޓީ ވެރިކަމުގައި ދަމަހައްޓަން ދެވޭ ވޯޓެކެވެ،"
އެމްޑީޕީއަށް ދޭ ވޯޓަކީ އަދާލަތު ވެރިކަމުގައި ތިބެން ދޭ ވޯޓެއް ކަމުން އެކަމަށް ވިސްނުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އިލްތިމާސް ކުރައްވައިފި އެވެ.
އިބްރާ މިކަމަށް އިލްތިމާސް ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއް ގައެވެ.
އަދާލަތު ޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި ސިޔާސީ މައިދާނުގައި އެ ޕާޓީގެ ހަރަކާތްތެރިވުމާމެދު އަބަދުވެސް ފާޑު ވިދާޅުވާ އިބްރާ ވިދާޅުވި ގޮތުގައި މިވަގުތު ބޮދައިގެން އޮތަސް އެމްޑީޕީއަށް ދޭ ވޯޓަކީ އަދާލަތު ވެރިކަމުގައި ތިބެން ދޭ ވޯޓެއް ކަމުން އެކަމަށް ވިސްނަން ޖެހެ އެވެ.
"ހަނދާން ނައްތާނުލައްޗެވެ. މިވަގުތު ބޮނދައިގެން ތިއްބަސް އެމްޑީޕީ އަށް ދޭ ވޯޓަކީ އަދާލަތު ޕާޓީ ވެރިކަމުގައި ދަމަހައްޓަން ދެވޭ ވޯޓެކެވެ،" އިބްރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީ އުފެދުނީ ރާއްޖޭގައި އިސްލާމް ދީނުގެ ފިކުރު ފަނޑުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ނަމަވެސް އެ ޕާޓީގެ ސިޔާސަތު މިހާރު ވަނީ މުޅީން ބަދަލުވެފައެވެ. އެހެން ކަމުން އެތައް ދީނީ އިލްމުވެރިންނެއްގެ ބައިވެރިވުން އޮވެ އުފެއްދި އަދާލަތާއި ގިނަ އިލްމުވެރީން ވަނީ ދުރުވެފައެވެ.
އާންމުންގެ ވަރަށް ބޮޑު ރުޅިވެރިކަމަކާއި ނަފްރަތެއް އޮތް އަދާލަތު ޕާޓީގެ މިހާރުގެ އަމާޒަކީ ބޮޑު ޕާޓީއެއްގެ ނިވަލުގައި އޮވެ އަބަދުވެސް ސަރުކާރުގެ މަގާމުތަކުގައި އެ ޕާޓީގެ ވެރީންނާއި އެކްޓިވިސްޓުން ބެއިތިއްބުމެވެ. އެ ޕާޓީއަށް 18 އަހަރުވާން ދާއިރު މިހާތަނަށް އެއްވެސް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެއެވެ. މަޖިލީހުގެ އިންތިހާބުގައި މަދު ދާއިރާއަކަށް ނޫނީ ކެންޑިޑޭޓުން ނުނެރެއެވެ. އެއްވެސް ކާމިޔާބެއް ވެސް ލިބިފައެއް ނުވެއެވެ. މިވަގުތުވެސް މަޖިލީހުގައި އެ ޕާޓީގެ އެއްވެސް ތަމްސީލު ވުމެއް ނެތެވެ.