ރައީސް ވަހީދު ވަނީ ޖޭޕީގެ މެންބާޝިޕް ފޯމްގައި ސޮއިކުރައްވާ ފޯމް ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފައެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ވަހީދު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މިރޭ އދ. މާމިގިލީ ގައި މިރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާއެއްގައެވެ.
ރައީސް ވަހީދު ވަނީ ޖޭޕީގެ މެންބާޝިޕް ފޯމްގައި ސޮއިކުރައްވާ ފޯމް ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފައެވެ.
ވަހީދު ވަނީ އެމަނިކުފާނު ކުރީން ނިސްބަތްވެވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީން ގައުމީ އިއްތިހާދުގެ ޕާޓީގެ ނަމުގައި ޕާޓީއެއް ހައްދަވާ ހިންގެވި ރައީސް ވަހީދުގެ ތާއީދަށް ދެ ފަހަރެއްގެ މަތީން އެދިވަޑައިގެންފައެވެ. އަދި އެކަމުގެ މަޝްވަރާތައް ވެސް ހިނގި އެވެ.
އިނގިރޭސި ބަހުން ސްޓޭޓްމަންޓެއް ނެރުއްވާ ޕީޕީއެމުން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރައްވަމުން ވަހީދު ވިދާޅުވި ގޮތުގައި 10 އަހަރަށް ފަހު އެ ޕާޓީއާ ދުރަށް ވަޑައިގަތުމަކީ ހިތާމަ ކުރައްވާ ކަމެކެވެ. ނަމަވެސް އެ ނިންމުން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ރައީސް ވަހީދުގެ އިސްތިއުފާގެ ސްޓޭޓްމަންޓްގައި ވަނީ އެމަނިކުފާނުގެ ހިދުމަތް ޕީޕީއެމް ނޫން އެހެން ޕާޓީއަކަށް ދިނުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އެމަނިކުފާނުގެ ހުނަރާއި ތަޖުރިބާ އަދި ލިބިވަޑައިގެންފައިވާ އިލްމު ހަމަޖެހުމާއި ނަޒާހަތްތެރިކަމާއި ތެދުވެރިކަން އޮތް އެހެން މާހައުލެއްގައި ބޭނުން ކުރުން މުހިއްމު ކަމުގައި ވިދާޅުވި އެވެ. އަދި އެއީ ހުރިހާ ދިވެހިންގެ ކާމިޔާބީއަށް ޓަކައި ކުރުން މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަހީދު މިފަދަ ސްޓޭޓްމަންޓެއް ނެރުއްވުގެ ކުރީން ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރުމާއި ޕީއެންސީ ފަދަ 3،000 މެންބަރުން ހިމެނޭ ޕާޓީއަކުން ކެންޑިޑޭޓަކު ނެރެފައިވުމުން އެކަމަށް ފާޑުވިދާޅުވެ ޕީޕީއެމްގެ އިދާރާއަށް ސިޓީއެއް ފޮނުއްވި އެވެ.
ރައީސް ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށެވެ. ރައީސް ޔާމީނަށް ފުރުސަތު ނެތްކަން ކަށަވަރު ވި ސުޕްރީމް ކޯޓްގެ ހުކުމް އިއްވި ދުވަހު ވެސް ވަހީދު ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ޔާމީން ނިންމެވީ ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރެއްވުމަށެވެ. ފަހުން މަސައްކަތް ކުރެއްވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ.
އެކަމަކު ސެނެޓްގެ ތާއީދު އެކަމަށް ލިބިވަޑައިނުގަތުމުން ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެން ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވާފައެވެ.