ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ފަސޭހަވޭ. ވަރަށް އަވަހަށް ވިޔަފާރި ބަނދަރާއި އެއާޕޯޓް ނިންމަން ޖެހޭ
ރާއްޖޭގެ އިގްތިސޯދު ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމަށާ މި ކުރިއަރުމާ އެއްވަރަށް ފައި ހަމަކުރަން މާލެ ވިޔަފާރި ބަނދަރު ބަދަލުކޮށް ބޮޑު ބަނދަރެއް ވަރަށް މުހިންމު ކަމަށް ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.
މީޑިއަމް އިވެންޓްސް އިން އިންތިޒާމުކޮށްގެން މީރުމާ އިވެންޓު ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ މޯލްޑިވްސް ކޮންސްޓްރަކްޝަން ފޯރަމް (އެމްއައިއެފް) ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެ އަށް ގިނަ އަދަދެއްގެ އިންވެސްޓްމަންޓް ގެންނަވަމުން ގެންދަވާ ޖަނާ ވިދާޅުވީ ޕްރައިވެޓް ސެކްޓާ ހާއްސަކޮށް ޓޫރިޒަމް ސެކްޓާގެ ކުރިއެރުން ފެންނަނީ ވަރަށް ހަލުވިކޮށް ކަމަށާ ނަމަވެސް މި ހަލުވިކަމާ ގާތަށް އެކަމަށް އެހީތެރިވެދޭނެ އިންފްރާސްޓްރަކްޗާ ތަރައްގީވަމުން ނުދާ ކަމަށެވެ.
"ރާއްޖެ އަށް ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތައް މިދަނީ އަންނަމުން. މި އަންނަ ވަރަށް އިންފްރާސްޓްރަކްޗާ ވެސް ތަރައްގީވުން ވަރަށް ބޭނުންތެރި. އެކަމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދާ. މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އެހުރީ ރަނގަޅު މަގުގައި ކަމަށް ގަބޫލު ކުރެވޭ. އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެއާޕޯޓާއެކު ވިޔަފާރި ބަނދަރަކީ އެންމެ މުހިންމު ދެ ބައި. ބޭރުގެ އިންވެސްޓަރުން ބޭނުންވަނީ އެކަންތައްވާން،" ޖަނާ ވިދާޅުވި އެވެ.
ދުނިޔޭގައި ހުރި އެންމެ މަޝްހޫރު އެއް ރިސޯޓް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މެދުއިރުމަތީގެ އިންވެސްޓްރަކާއެކު ތަރައްގީކޮށްފައިވާ ޖަނާ ވިދާޅުވި ގޮތުގައި މިހާރު އެންމެ މުހިންމު އިންފްރާސްޓްރަކްޗާއެއް ޕްރޮޖެކްޓަކީ މާލެ ވިޔަފާރި ބަނދަރުގެ ހާލަތު ރަނގަޅުކޮށް ތަރައްގީ ކުރުމެވެ.
"އަޅުގަނޑުމެން ގްރޫޕް އަށް އެކަނި ބެލިނަމަވެސް ވޭތުވެދިޔަ ތިން އަހަރުތެރޭ ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެވިއްޖެ. މި އަދަދުތަކުން ބަލާނަމަ 2025 ނޫނީ 2026 ހިސާބަށް އަންނަން ވާއިރަށް މާލެ ވިޔަފާރި ބަނދަރުން ހިދުމަތް ދޭން ވަރަށް ދަތިވާނެ. މި އިންވެސްޓްމަންޓްތަކާއެކު އަންނަ ޑިމާންޑަށް ސަޕްލައި ކުރަން ގެންނަ ކޮންޓެއިނާތައް ހޭންޑްލް ކުރަން ދަތިވާނެ. މަތީ ފަންތީގެ އެންމެ ރިސޯޓަކަށް 10،000 ކޮންޓެރިނަރުގެ މުދާ އެތެރެ ކުރަން ޖެހޭ. އަޅުގަނޑުމެން އެކަނި އެބަ އޮތް 10 ރިސޯޓް ޕްރޮޖެކްޓް. މާނައަކީ އަޅުގަނޑުމެން އެކަނި 100،000 ކޮންޓެރިނަރުގެ މުދާ އެތެރެ ކުރާނެއޭ،" ޖަނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން އިމޭޖުކޮށްލައްވާ ކުރިމަތިވާނެ ދަތި. އެހެންވެ މާލެ ކަރިރި ނޫނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް ރަނގަޅު ވިޔަފާރި ބަނދަރެއް ހެދުން މިހާރު ކޮންމެހެން ވެސް މުހިންމު ވެއްޖެ."
އަޅުގަނޑުމެން ގްރޫޕް އަށް އެކަނި ބެލިނަމަވެސް ވޭތުވެދިޔަ ތިން އަހަރުތެރޭ ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެވިއްޖެ. މަތީ ފަންތީގެ އެންމެ ރިސޯޓަކަށް 10،000 ކޮންޓެރިނަރުގެ މުދާ އެތެރެ ކުރަން ޖެހޭ. އަޅުގަނޑުމެން އެކަނި އެބަ އޮތް 10 ރިސޯޓް ޕްރޮޖެކްޓް. މާނައަކީ އަޅުގަނޑުމެން އެކަނި 100،000 ކޮންޓެރިނަރުގެ މުދާ އެތެރެ ކުރާނެއޭ
މުހައްމަދު އަލީ ޖަނާހު | އެޗްއާރުއެމްގެ ޗެއާމަން
ގިނަ ޖަމިއްޔާތަކެއް ހިމެނޭ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީގެ) ގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބޭނުންވާވަރާ ގާތަށްވެސް ދިވެހިން ނެތް ކަމަށާ، މިހާރު ކުރަން ޖެހޭ ކަމަކީ ދިވެހިން ސީނިޔަ މަގާމުތަކުން ފުރުސަތު ދީ، މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން ހުރި ބަޔަކަށް ހެދުން ކަމަށެވެ.
ޖަނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަކީ ބާރުގަދަ ސްޓްރެންތް ހުރި އިގްތިސޯދެއް ކަމަށާ، ރާއްޖެ ކުޑަކަމަށް ދެއްކިނަމަވެސް އިގްތިސޯދުގެ ބާރުވެރިކަން ކުޑަނޫން ކަމަށާ މިހާރު ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއެކު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަަށްތައް މިއޮތީ 98،000 ސްކެއާ ކިލޯ މީޓަރަށް ފެތުރިފަ. އެހެންވެ މިއީ ކުޑަ ގައުމެއް ނޫން. އެކަމަކު މިއީ ކުދި ރަށްތަކެއް އޮތް ގައުމެއް. އަޅުގަނޑުމެންނަކީ އަވަށްޓެރި ސްރީލަންކާއަށްވުރެ ބޮޑު ގައުމެއް. އޭރިއާއަށް ބަލާއިރު ބޮޑު. ރާއްޖޭގެ ކޮންމެ އަތޮޅަކީ ގައުމެއްގެ ގޮތުން ބަލައިފިނަމަ ވަކި ގައުމެއްގެ ގޮތުގައި ބެލިދާނެ. ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓްސްތަކާއި ހާބަރުތައް އެބަހުރި،" ޖަނާ ވިދާޅުވި އެވެ.