ޖިންޖާ ވިލާގެ ނަން ދީފައިވާ މި ބީޗް ބަންގަލޯއެއް ވިއްކަނީ ހަތް މިލިއަން ރުފިޔާއަށެވެ. މީގެ ތަނަކުން މަހެއްގެ މައްޗަށް 10،000 އާއި 12،000 ޑޮލަރުގެ އާމްދަނީއެއް ނެގޭނެ ކަމަށް ވިލާތައް ހަދާ ކުންފުނިން ބުނެ އެވެ.
ރިސޯޓްތަކުގައި މަތީ ފަންތީގެ ވިލާތައް ހެދުމުން ބޭރުގެ މަހުޖަނުން ގަނެ އެމީހުން "އޯން" ކުރެ އެވެ. އެމީހުންގެ ދެވަނަ ގެއެއް ރާއްޖޭން ހޯދެ އެވެ. އެކަމަކު ދިވެހިން ފައިސާ ހުރި މީހަކަށް އެ ފުރުސަތުތަކެއް ނޯވެ އެވެ. އެފަދަ ވިލާއެއް ނުވަތަ ބަންގްލޯއެއް ހޯދައި އޭގެން ޓޫރިޒަމްގެ ނަފާ ނެގޭނެ ގޮތެއް ނެތެވެ. އެކަމަކު އެ ފުރުސަތު މި ފަހިކޮށްދެނީ ތުލުސްދޫ ކައުންސިލުން ބިން ހޯދައިގެން އެރަށުގައި "ގިންޖާ ވިލާ" ގެ ނަމުގައި މަޝްރޫއެއް ފަށަން ތައްޔާރުވާ ނެކްސްޓް ގްރޫޕުންނެވެ.
"އަޅުގަނޑު އަބަދު ވެސް ވަކާލާތު ކުރާކަމެއް ޓޫރިޒަމްގެ ނަފާ އެންމެންނަށް އޮންނަންވާނެއޭ. އެ ފުރުސަތު އެންމެންނަށް ލިބެން ވާނެއޭ. އެފަދަ ފުރުސަތެއް އަޅުގަނޑުމެން މި ހުޅުވާލަނީ ދިވެހިންނަށް،" ނެކްސްޓް ގްރޫޕުގެ އެމްޑީ ހަސަން ހިޝާމް ވިދާޅުވި އެވެ.
މި މަޝްރޫއު ހިންގަން ނެކްސްޓް ގްރޫޕުން ވަނީ ކައުންސިލުން 36،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހޯދާފަ އެވެ. ތިން ބުރިއަށްވާ ގޮތަށް ތުލުސްދޫގެ ބީޗުގައި ހަދާ މި ވިލާތައް އެ ކުންފުނިން މެނޭޖުކޮށް ބަލަހައްޓައި ދޭނެ އެވެ. އަށް ވިލާ އަޅާއިރު ކޮންމެ ވިލާއެއްގައި ފަސް ކޮޓަރިއާއި އިތުރު ކުޑަ ކޮޓަރިއެއް ހުންނާނެ އެވެ. ވިލާއެއް އެ ކުންފުނިން ވިއްކަނީ ހަތް މިލިއަން ރުފިޔާ އަށެވެ. މީގެ ވިލާއެއް ގަނެގެން އެއްބައިގައި އުޅެފައި އަނެބައި ޓޫރިޒަމަށް ދޫކޮށްގެން ވެސް އެއީ އާމްދަނީ ހޯދަން ލިބޭނެ ފުރުސަތެކެވެ.
ސުވިމިން ޕޫލާއި އެލެވޭޓަރު ވެސް ހަރުކޮށްފައިވާ މިތަން އެ ކުންފުނިން ފަރުމާ ކޮށްފައި ވަނީ ވިލާތަކުގެ ފަހަތުގައި އެހެނިހެން ހުރިހާ ޒަރޫރީ ހިދުމަތް ތަކެއް ލިބޭނެ ވަސީލަތްތައް ވެސް ގާއިމްކޮށްފަ އެވެ. ދެ ފުރާޅަށްވާ ގޮތަށް ހަދާ މި ވިލާތަކުގެ ފަހަތުގައި ޖިމް ފަދަ ރިސޯޓުތަކުގައި ވެސް ހުންނަ ފަދަ ހުރިހާ ވަސީލަތް ތަކެއް ވެސް ހުންނާނެ އެވެ.
ހިޝާމް ވިދާޅުވި ގޮތުގައި ތުލުސްދޫއަކީ ރާއްޖޭގެ އެންމެ މަޝްހޫރު ސާފް ޕޮއިންޓް ކަމަށްވާތީ އަބަދުވެސް 70 އާއި 80 ޕަސެންޓުގެ އޮކިއުޕެންސީއެއްގައި އޮވެ އެވެ. އެހެންވެ އެ ރަށުން މީގެ ވިލާއެއް ގަންނަ މީހަކަށް އެންމެ މަދުވެގެން 10،000- 12،000 ޑޮލަރު (ގާތްގަނޑަކަށް 154,200ރ. ގެ އާމްދަނީއެއް ) މަތީ ފަންތީގެ ގެތަކެއް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
"އެވްރެޖު ރޫމް ރޭޓް މިވަގުތު ވެސް ހުރީ 130 ޑޮލަރު ވަރުގަ. އެހެންވެ މިއީ އިންވެސްޓްމަންޓެއް ކޮށްލަން ރަނގަޅު ފުރުސަތެއް. އަންދާޒާ ކުރެވެނީ އިންވެސްޓްމަންޓް ހަތް އަހަރުން ކަވަރު ވެގެންދާނެ ކަމަށް،" ހިޝާމް ވިދާޅުވި އެވެ.
ފަރުމާކޮށްފައި ވަނީ ވިޔަފާރިއަށް ހާއްސަކޮށް ؛ ނެކްސްޓް ގްރޫޕުން މިތަން ފަރުމާ ކޮށްފައި ވަނީ މިތަން ގަންނަ އޯނަރު މިތަނުގައި އުޅެމުން ވެސް ކުއްޔަށް ދެވޭ ގޮތަކަށެވެ. އެންމެ ތިރީ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ލިވިން އޭރިއާ އަށެވެ. މީގެ އިތުރުން މިތަނުގައި ބަދިގެއެއް ހުރެ އެވެ. އެންމެ މަތީގައި ދެ ކޮޓަރި ހުރެ އެވެ. އެއީ މިތަން ގަންނަ ވެރިމީހާ އުޅެފަ ވެސް ތިރީ ކޮޓަރިތައް ކުއްޔަށް ދެވޭނެ ގޮތް ހެދުމަށެވެ.
އޭނާ ވިދާޅުވީ މި ވިލާތައް ހަތް މިލިއަން ރުފިޔާ އަށް ވިއްކާއިރު ފައިނޭޝަލް އިންސްޓިޓިއުޓް ތަކުން ލޯނު ނަގައިގެން ވިލާއަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
"އަޅުގަނޑު ވާހަކަ ދެއްކިން އެސްޑީއެފްސީއާ [އެސްއެމްއީ ބޭންކް] ވެސް. އެ ބޭފުޅުން ވިދާޅުވި ގަންނަ މީހުންނަށް 4 ޕަސެންޓާއި 9 ޕަސެންޓާ ދެމެދުގައި ލޯނު ދެވިދާނެ ކަމަށް. އެހެންވެއްޖެނަމަ މި ބަލަނީ 50،000ރ. އަށްވުރެ ކުޑައެއްޗެއް ދައްކާލައިގެން ނެގިދާނެއޭ،" ހިޝާމް ވިދާޅުވި އެވެ. "އެހެން ނޫންނަމަ ސީބީއެމްގެ ރޭޓްއަކީ 11 ނޫނީ 12 ޕަސެންޓް. އޭގެންވެސް އެބަ ސޭވްވޭ ބައި ލައްކަ ރުފިޔާ. އަޅުގަނޑު ކޮމްފަޓަބަލް މިވަނީ 50،000ރ. ވަރަށް. ވަރަށް ޕޮޒިޓިވްކޮށް އެސްޑީއެފްސީ އިން ވާހަކަ ދެއްކީ."
އޭނާ ވިދާޅުވީ މި ކޮންސެޕްޓާ މެދު ގިނަ މީހުން ސުވާލު ކުރާ ކަމަށާ ގިނަ މީހުންގެ ސުވާލަކީ މުއްސަނދި ފައިސާ ހުރި މީހުންނަށް މުޅި ޕްރޮޖެކްޓް ދޫކޮށް ނުލައި ވަކިވަކި މީހުންނަށް ދޭން އުޅޭ ސަބަބާ މެދު ކަމަށެވެ.
"އޭރުން އަނެއްކާވެސް މި ލިބެނީ އެންމެ މުއްސަނދިންނަށް. އޭރުން އަޅުގަނޑުމެން ފަދަ މީހުންނަށް ކޮބައި ތޯ އޮންނާނެ އެއްޗަކީ. މުޅި ޕްރޮޖެކްޓުގެ ހުރިހާ ވިލާތަކެއް އެއް ބަޔަކަށް ދޫކޮށްނުލަނީ އެހެންވެ،" ހިޝާމް ވިދާޅުވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އޮކްޓޫބަރު މަހު ފަށާނެ އެވެ. މަސައްކަތް އަހަރެއްގެ ތެރޭގައި އެއްކޮށް ނިންމާލައި ތަން ގަންނަ ފަރާތްތަކަށް ހަވާލު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ޔަގީނުން ވެސް މި މަޝްރޫއު ވެގެންދާނީ އަމިއްލަ ގެއެއް ގަންނަން ބޭނުންވާ ދިވެހިންނަށް އޮތް ފުރުސަތަކަށެވެ. އަދި މި ގެއިން ރަނގަޅު އާމްދަނީއެއްވެސް ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.