އެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ވިިލިގިއްޔަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ގއ. ވިލިގިއްޔަށް ވަޑައިގަތް ވަގުތާއި ދިމާކޮށް އެ ރަށުގައި ހަމަނުޖެހުން ހިނގައިފި އެވެ.
އިދިކޮޅު ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ ވިލިގިލީގައި ހަމަނުޖެހުން ހިނގީ އިދިކޮޅު ސަޕޯޓަރުންގެ އަޑު ރައީސްް ސޯލިހަށް އިވިވަޑައިގަަތަ ނުދިނުމަށް އެ މީހުން ފަހަތަށް ޖެއްސުމާއި ގުޅިގެންނެވެ. ފުލުހުން ކަނޑައަޅާފައިވާ ބައުންޑަރީ ތެރެއަށް އިދިކޮޅުގެ ސަޕޯޓަރުން ވަންނަަން މަސައްކަތް ކުރުމުން ހަމަނުޖެހުން ވަނީ ހިނގާފައެވެ.
ބަޔަކު ވަނީ ފުލުހުންނާއި ދިމާއަށް ގައު ވެސް އުކާފައެވެ.
އެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ވިިލިގިއްޔަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
ވިލިގިލީގައި ހަމަނުޖެހުން ހިނގާ ބަޔަކު ހައްޔަރުކޮށްފައި މިވަނީ ކެމްޕެއިން ކުރުމާއި ހިޔާލުފާޅު ކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ޖާގަ އޮންނާނެ ކަމަށާ ކުރީ ސަރުކާރުން ކުރި ފަދަ އަނިޔާވެރި އަމަލެއް ވާދަވެރީންނާއި ދެކޮޅަށް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
"ސާފުކޮށް ކެމްޕެއިން ކުރުމުގެ ފުރިހަމަ ޖާގަ އަށެއް ކީއްކުރަންތޯ ބާރަ ކެންޑިޑޭޓުން ކުރިމަތިލެއްވި ނަމަވެސް އެެ ފުރުސަތު އޮންނާނެ. ކެމްޕެއިން ކުރައްވަންވީ. ހިޔާލުފާޅު ކުރަންވީ. ހާމަކަން ބޮޑު ގޮތެއްގައި އެ ޖާގަ އެ އޮތީ ދީފައި،" ކޮލަމާފުށީގައި ވާހަކަ ދައްކަަވަމުން ރައީސް ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރުމާއި ކެމްޕެއިނަށް ހާމަކަން ބޮޑުކޮށް ޖާގަ އެބައޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް ރަށްރަށަށް ވަޑައިގަންނަވާއިރު ޑިމޮކްރެޓްސްއާ އިދިކޮޅު ބައެއް ޕާޓީތަކުގެ ސަޕޯޓަރުން ކުރާ އިހުތިޖާޖަށް ފުލުހުން އެއްވެސް ފުރުސަތެއް ނުދެއެވެ. ބައެއް މީހުން ހައްޔަރުވެސް ކުރެއެވެ. ވަރަށް އަނިޔާވެރިކޮށް އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ހައްޔަރު ކުރާ މަންޒަރު ފެނެއެވެ.
ރައީސް ސޯލިހާއި ދެކޮޅަށް އިދިކޮޅުގެ ސަޕޯޓަރުން ދަމާ ބެނާތައް ފުލުހުން ނިކުމެ ނަގައެވެ. އަދި އިދިކޮޅުގެ ސަފުތައް ވަރަށް ފަހަތަށް ޖައްސައެވެ. ރަށުގެ ބޮޑު ސަރަހައްދެއް ކޯޑަން ކުރެއެވެ. ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިން އެ ރަށްރަށަށް އަރައެވެ.
ރައީސާ ދެކޮޅަށް އަމިއްލަ ގޭގައި ލަވަ ޖަހައިގެން ވެސް އިއްޔެ ކުޑަހުވަދޫން މީހަކު ހައްޔަރު ކުރި އެވެ. ރައީސާ ދެކޮޅަށް އަޑުއުފުލައިގެން ވެސް އެތައް ބަޔަކު މީގެ ކުރީން ހައްޔަރު ކޮށްފައިވެއެވެ.
އަދި ރައީސް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ގޭގޭގެ ދޮރު ހުޅުވުން މަނާކޮށް ބައެއް ރަށްރަށުގައި ކެފޭތަކާއި ހޮޓާތައްވެސް ފުލުހުން ބަންދުކޮށްފައިވެއެވެ. އެކަންކަން ކުރަނީ ރައީސާއި ދެކޮޅަށް އަޑުއުފުލާފާނެތީ އެވެ.