ދީނީ އިލްމު ފެތުރުމުގައި އަބަދުވެސް ދެމިހުންނާނަން: ޝަހީމް

"ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ފަތުރައި އިސްލާމީ ހަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގައުމީ އަދި އުންމަތުގެ މަތިވެރި ހިދުމަތުގައި އަބަދުވެސް ދެމި ހުންނާނަން. އިންޝާ ﷲ،"

ޝަހީމް: ސިޔާސީ މުސްތަގުބަލާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވޭ --

ރާއްޖޭގައި ދީނީ އިލްމު ފަތުރައި އިސްލާމީ ހަޟާރަތު ފެތުރުމުގެ މަސައްކަތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ހިދުމަތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ފަތުރައި އިސްލާމީ ހަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގައުމީ އަދި އުންމަތުގެ މަތިވެރި ހިދުމަތުގައި އަބަދުވެސް ދެމި ހުންނާނަން. އިންޝާ ﷲ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިއަދު މިފަދައިން ޓްވީޓެއް ކުރައްވާފައި ވަނީ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެ، ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އޭނާ އަކީ އިދިކޮޅު މައި ޕާޓީ ޕީޕީއެމް / ޕީއެންސީގެ އެޑްވައިޒަރެކެވެ. ނަމަވެސް އެ ޕާޓީގެ ހަރަކާތްތަކުގައި މި ފަހުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. 

ޝަހީމް ދުރުގައި ހުންނަވާތީއާ އެހެން ސިޔާސީ ޕާޓީއަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް މި ފަހުން ވާހަކަ ފެތުރުނެވެ. އަދި އޭނާގެ ސިޔާސީ މުސްތަގުބަލާ މެދު ގޮތެއް ނިންމައި އިއުލާނު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަން އިއުލާނު ކުރައްވާނެ ކަމަށް އޭނާ ދެއްވި މުއްދަތު ފާއިތުވެ، އެތައް ދުވަހެއް ފާއިތުވިއިރު އެއްވެސް ހަބަރެއް ވެފައެއް ނުވެ އެވެ.

"ސިޔާސީ މުސްތަގުބަލާ މެދު އަޅުގަނޑުގެ ނިންމުން މާދަމާ [ހޮނިހިރު ދުވަހު] އިއުލާނު ކުރާނެ ވާހަކަ ދަންނަވަން،" ޝަހީމް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޝަހީމް ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ ކަމަަށް އަޑުފެތުރުނެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓެވެ. ނަމަވެސް މި ފަހަރު އަލުން ޔާމީން ނެންގެވީ 2013 ގައި ވެސް ރަނިންމޭޓަކަށް ނެންގެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ނަމަވެސް ޔާމީންގެ ޝަރުތު ހަމަނުވާތީ ވާދައެއް ނުކުރެއްވުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.