ސެނެޓްގައި ނެގުނު ވޯޓްގައި 67 މެންބަރުން ވޯޓް ދެއްވީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށެވެ. ނަމަވެސް 46 މެންބަރަކު ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ސެނެޓުން ދެންމެ ނިންމައިފި އެވެ.
ސެނެޓުގެ މި ނިންމުން އައީ އިންތިހާބު ބޮއިކޮޓް ކުރުމާމެދު ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުމަށް ޕީޕީއެމްގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގަތުމުންނެވެ. ސެނެޓްގައި ނެގުނު ވޯޓްގައި 67 މެންބަރުން ވޯޓް ދެއްވީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށެވެ. ނަމަވެސް 46 މެންބަރަކު ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ސެނެޓުން ދެންމެ ނިންމިއިރު ބައްދަލްވުން ފުރަތަމަ ހޫނުވި އެވެ. އަދި ބައްދަލްވުން މެދުކަނޑާލަން ވެސް ޖެހުނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ދެންމެ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހުށައެޅުއްވުމަށް މަޝްވަރާ ކުރުމަށް ފަހު ނިންމީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށެވެ. އެ ގޮތަށް ނިންމީ ރައީސް ޔާމީން މިނިވަން ކުރެެވެން އަންނަނީ އިންތިހާބުގައި ވާދަކޮށް ޕީޕީއެމްގެ ސަރުކާރެއް ގެނައުމުން ކަމަށް ސެނެޓަރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވި އެވެ.
އަދި އެ ނިންމުމާއި އެއްގޮތަށް ޔާމީނަށް ލަފާ އެރުވުމަށް ވެސް ވަނީ ނިންމާފައެވެ.
"..އަދި ރައީސް ޔާމީންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ވެސް ސެނެޓް އެއްކޮށް އިއްތިފާގު ވެފައިވޭ،" ތޮލާލު ވިދާޅުވި އެވެ.
ޔާމީންގެ ކެނޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އީސީން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު ބަލައި ނުގަންނަން ނިންމާފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި، އެމަނިކުފާނުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އީސީ އިން ކެނޑިޑެސީ ބަލައިނުގަތީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ހަވާލާދީ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.
އެ މާއްދާގައި "ހުކުމް"ގެ ގޮތުގައި މާނަކުރަނީ ނިހާއީ ހުކުމެއް ކަމަށާއި، ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ވަކާލާތުކުރެއްވި އެވެ.
ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން ނިންމި އަނެއް ސަބަބަކީ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖަލު ހުކުމާއެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އެބަ އޮތުމުން ދަރަންޏެއް ސާބިތުވެފައިވާތީ އެވެ. ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައި ވަނީ އެ ފައިސާ ދައްކާ ހަލާސްކުރަން ޖެހޭ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ އިސްތިއުނާފީ މަރުހަލާގައި ކަމަށާއި އެއީ ސާބިތުވެފައިވާ ދަރަންޏެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ ފުލް ބެންޗުގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ. ހަމަސް ދުވަސް ހަމަވުމުން މީރާއިން ނޯޓިސް ފޮނިކަން އެނގޭ ކަމަށާއި، އެ ނޯޓިސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ހަވާލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އިނގިލީގެ ނިޝާން ޖައްސަވައި ސޮއިކުރައްވާފައިވާ ކަމަށް ކަރެކްޝަންސްގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ.
އެ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.