ޑިމޮކްރެޓްސްގެ ހާއްސަ ދައުވަތެެއް އިދިކޮޅު ހަތް މެންބަރުންނަށް

"އެއްގޮތަކަށްވެސް ޕީޕީއެެމްގެ މެންބަރުން މާޔޫސްވާކަށް ނުޖެހޭ. އެއީ އަޅުގަނޑުމެން ދެބައި މީހުން .. އެއީ ޑިމޮކްރެޓުންނާއި ޕީޕީއެމްގެ އާންމު މެންބަރުން އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރީމަ ރައީސް ސޯލިހްގެ މި ސަރުކާރު އަޅުގަނޑުމެންނަށް މާ ރީތިކޮށް ބަދަލު ކުރެވޭނެ،"

ޕީޕީއެމް ޕީއެންސީގެ ބައެއް އިސް ބޭފުޅުން: ޑިމޮކްރެޓުން ވަނީ މި ބޭފުޅުންނަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވާފައި

ދަ ޑިމޮކްރެޓްސްއާ ގުޅިގެން ވަކި ގުރޫޕެެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހާއްސަ ދައުވަތެއް އެ ޕާޓީން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މަޖިލީސް ހަތް މެންބަރުންނަށް ދެއްވައިފި އެވެ.

ޑިމޮކްރެޓްސް ޕާޓީން މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެކަން ވަނީ ހާމަކޮށްފައެވެ. އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި ވަގުތުކޮޅަކީ ޕީޕީއެމްގެ މެންބަރުންނަށް ވަރަށް މާޔޫސް ވަގުތުކޮޅެއް ކަމަށެވެ. އެ ޕާޓީގެ ގިނަ މެންބަރުން އެދޭ ގޮތަށް ކަންކަން ހިނގާ ނުދިއުމާއި ގުޅިގެން މެންބަރުންނަށް ވަރަށް ބޮޑު ކަންބޮޑުވުމަކާއި މާޔޫސް ކަމެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ހަސަން ވަނީ މިއީ ޕީޕީއެމް / ޕީއެންސީގެ މެންބަރުން މާޔޫސްވާންވީ ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީއާ ގުޅިގެން ވަކި ގުރޫޕެެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ދެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ހާއްސަ ދައުވަތެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެ ދައުވަތު ފޮނުއްވާފައި ވަނީ؛

  •  އަހްމަދު ސަލީމް - އޭދަފުށީ ދާއިރާގެ މެންބަރު [ޕީޖީ ގުރޫޕްގެ ލީޑަރު - ޕީޕީއެމް]
  •  އާދަމް ޝަރީގް އުމަރު - މަޑުއްވަރީ ދާއިރާގެ މެންބަރު [ޕީޖީ ގުރޫޕްގެ ލީޑަރު - ޕީއެންސީ]
  •  ޣައްސާން މައުމޫން - ގުރައިދޫ ދާއިރާގެ މެންބަރު [ޕީޕީއެމްގެ ނާއިބު ރައީސް]
  •  އަހްމަދު ޝިޔާމް - ނައިފަރު ދާއިރާގެ މެންބަރު [ޕީޕީއެމްގެ ނާއިބު ރައީސް]
  •  މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެންބަރު [ޕީއެންސީގެ ނާއިބު ރައީސް]
  •  އަހްމަދު ތޯރިގް - މަހިބަދޫ ދާއިރާގެ މެންބަރު
  •  ފަޒުލް ރަޝީދު - ފެލިދޫ ދާއިރާގެ މެންބަރު

ހަސަން ވިދާޅުވީ އެ މެންބަރުންނާއެކު ވަކި ގުރޫޕެއްހެ ގޮތުގައި މަސައްކަތް ކުރަން ޑިމޮކްރެޓުން ވަރަށް ބޭނުންވާ ކަމަށެވެ. އެ ދައުވާތާއި ގުޅިގެން ބައެއް މެންބަރުން މިހާރުވެސް ޖަވާބު ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެކަމުގެ މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބައެއް މެންބަރުން އަންގަވާފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ އެފަދަ ދައުވަތަކުން އެ މެންބަރުންނަށް ޝޮކެއް -- ހައިރާން ކަމެއް ނާންނާނެ ކަމަށެވެ. މީގެ ކުރީން ވެސް އެ މެންބަރުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރެޓްސްއާ ގުޅިގެން ނަމަވެސް ޕީޕީއެމް ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަންނަން ޖެހޭ ކަމަށް އެ މެންބަރުން ވެސް ގަބޫލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެ މެންބަރުންނަށް ޕީޕީއެމް / ޕީއެންސީގައި ތިއްބަވައިގެން ވެސް ޑިމޮކްރެޑްސްއާއެކު މަަސައްކަތް ކުރެއްވޭނެ ކަމަށެވެ.

"އެއްގޮތަކަށްވެސް ޕީޕީއެެމްގެ މެންބަރުން މާޔޫސްވާކަށް ނުޖެހޭ. އެއީ އަޅުގަނޑުމެން ދެބައި މީހުން .. އެއީ ޑިމޮކްރެޓުންނާއި ޕީޕީއެމްގެ އާންމު މެންބަރުން އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރީމަ ރައީސް ސޯލިހްގެ މި ސަރުކާރު އަޅުގަނޑުމެންނަށް މާ ރީތިކޮށް ބަދަލު ކުރެވޭނެ،"

މީގެ އިތުރުން ހަސަން ވަނީ ރަށްރަށުގައި ތިބި ޕީޕީއެމްގެ އިސް މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެއީ އެ މެންބަރުންވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

1
450
އައމިނަ
1 year ago

ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުގެއްލި ދެން މިހާރު ބޮލުގަ ހުރި މަދު އިސްތަށިކޮޅުވެސް މިބޮނޑީގައި ގެއްލޭނެއެވެ. ދެނެއް މިގައުމަކުން އިންތިޚާބަކުން ލިބޭނެ އެއްވެސް ގޮނޑިގަޑެއްވެސް ނެތެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.